ޚަބަރު

ފޭކް ގޯތީގެ ރަޖިސްޓްރީ ދީފައިވަނީ ކުރީ ސަރުކާރުން ކަމަށް ބުނެ ފުލުހުން ހެދި ދޮގު ނަފީ ކުރާ ވަރުގެ ހެކި ރާއްޖެ އެމްވީ އިން ލީކް ކޮށްލައިފި

ދިޔަވަރު
ފޭކް ގޯތީގެ ރަޖިސްޓްރީ ދީފައިވަނީ ކުރީ ސަރުކާރުން ކަމަށް ބުނެ ފުލުހުން ހެދި ދޮގު ނަފީ ކުރާ ވަރުގެ ހެކި ރާއްޖެ އެމްވީ އިން ލީކް ކޮށްލައިފި

މިހާރުގެ ސަރުކާރުގެ ދައުރުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި ވަގު ރަޖިސްޓަރީ ހަދައިދީފައިވާކަން ކަށަވަރުކޮށްދޭ ލިޔެކިޔުންތައް ރާއްޖެއެމްވީއިން ހާމަކޮށްފިއެވެ.

"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތިތަކެއް ވަގަށް ދީފައިވާ މައްސަލައިގައި ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، ގޯތިތަކުގެ ލިޔެކިޔުންތަކަކީ ކުރީ ސަރުކާރުން ދޫކޮށްފައިވާ ލިޔުންތަކެއް ކަމަށެވެ. ނަމަވެސް މިއަދު ރާއްޖެއެމްވީއިން ހާމަކުރި ހެކިތަކުން ދައްކަނީ ފުލުހުން ދައްކާފައި ވަނީ ދޮގު ވާހަކަ ތަކެއް ކަމެވެ.

ފުލުހުންގެ ވާހަކަ ބައްޓަން ކޮށްފައިވަނީ، ވަގު ޑޮކިޔުމެންޓް ގެންގުޅޭ ފަޒުލްގެ ބޭބެގެ ފަރާތުން ހޯދި މައުލޫމާތުންނެވެ. އޭނާގެ ސަލާމަތުގެ އިތުރުން، ފަޒުލްގެ މަގާމު ސަލާމަތް ކުރުމުގެ އިންޓްރެސްޓް އޮތް މީހެއްގެ ވާހަކަ ތެދު ވާހަކަތަކެއް ގޮތުގައި ސިފަކޮށް އިތުރު ތަޙްގީގެއް ނުކޮށް ފުލުހުން ހާމަ ކުރުމުން، ގިނަ ބައެއްގެ ރުޅިވެރިކަމާއި، ފުލުހުންގެ މައްޗަށް މުއިއްޒުގެ ނުފޫޒު އޮތް ވަރުގެ ވާހަކަ ސޯޝަލް މީޑިޔާގައި ވަނީ ދެކެވިފައެވެ.

މަދު ބައެއްގެ މި މުޑުދާރު އަމަލުގެ ސަބަބުން މުޅި ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓި، ރައްޔިތުންގެ އިތުބާރުގެ މައްޗަށް ގާނޫނު ނެގެހެއްޓުމުގެ ވާޖިބު އޮތް ފަރާތެއްގެ އަމަލުތައް ހުރި ގޮތުން ގިނަ ބަޔަކު ވަނީ ކަންބޮޑުވެ، ހަދާނެ ގޮތް ބޮޑުވެފައެވެ. މީގެ ތެރެއިން އެއް ފުލުހެއް ކަމަށްވާ ރާޖޫއަކީ ފަޒުލްގެ ފަރާތުން ވިނަރެސް ފުލަޓެއް ނުގަވާއިދުން ހޯދި ފަރާތެކެވެ. މީގެ އިތުރުން ނާޖާއިޒު މަންފާއާއި، އެތައް ކޮރަޕްޝަނެއް މި މައްސަލަ ބަލަންތިބި ފަރާތްތަކުން ނަގާފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަ ބަޔަކު މިކަމާއި ގުޅިގެން ދެކެއެވެ.

ރާއްޖެއެމްވީއަށް ލިބިފައިވާ މަޢުލޫމާތުން ދައްކާގޮތުގައި، ހުޅުމާލެއިން ގޯއްޗެއް ލިބުނު ފަރާތަކަށް އެޗްޑީސީން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ހޯދާފައިވަނީ އެތަނުގެ މުވައްޒަފަކަށް 65,000 ރުފިޔާ ދިނުމުންނެވެ.

މި ރަޖިސްޓަރީ ހަދާފައިވަނީ ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލެޓަރހެޑްގައެވެ. ރަޖިސްޓަރީގައި އެ މިނިސްޓްރީގެ ނޫކުލައިގެ ތައްގަނޑު ޖަހައި، ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމްގެ ނަމުގައި ސޮއިކޮށްފައިވެއެވެ. އަދި އާންމު ރަޖިސްޓަރީތަކެކޭ އެއްގޮތަށް، ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރު އަދި ބޮޑުމިން ހިމަނާފައިވެއެވެ.

މި ރަޖިސްޓަރީ ލިބުނު ފަރާތުން ބުނާގޮތުގައި، އެއީ ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި ހަދާފައިވާ ލިޔުމެއްކަން އެޗްޑީސީގެ އޮފިޝަލުން އޭނާއަށް ކިޔައިދީފައިވެއެވެ. އަދި "ގާނޫނީ" އުސޫލުތަކުގެ ތެރެއަށް ފެއްތޭނީ އެގޮތަށް އެކަން ކުރުމުން ކަމަށްވެސް އެ އޮފިޝަލުން ބުނެފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

"ބިންވެރިޔާ" ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މައްސަލަ ފެންމަތިވުމާއެކު، އެޗްޑީސީގެ ތެރެއިން ވައްކަމާއި ޚިޔާނާތާއި މަކަރުހެދުމުގެ އެތައް މައްސަލައެއް ދަނީ ހާމަވަމުންނެވެ.