ސިޔާސީ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މައުރޫފް ޖަމީލު އައްޔަން ކުރުމަކީ ބޭރުފުށުން ކުރާ ޒީނަތެއް! މި މަކަރުވެރި ޓެކްޓިކަށް އިނގިރޭސިން ކިޔަނީ window dressing | އާ އެމްޑީއަށް އޭނާގެ ޒިންމާ އަދާ ކުރެވޭނެ އެއްވެސް ގޮތެއް ނެތް!

ދިޔަވަރު
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މައުރޫފް ޖަމީލު އައްޔަން ކުރުމަކީ ބޭރުފުށުން ކުރާ ޒީނަތެއް! މި މަކަރުވެރި ޓެކްޓިކަށް އިނގިރޭސިން ކިޔަނީ window dressing | އާ އެމްޑީއަށް އޭނާގެ ޒިންމާ އަދާ ކުރެވޭނެ އެއްވެސް ގޮތެއް ނެތް!

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މައުރޫފް ޖަމީލު އައްޔަން ކުރުމަކީ ބޭރުފުށުން ކުރާ ޒީނަތެކެވެ. މި މަކަރުވެރި ޓެކްޓިކަށް އިނގިރޭސިން ކިޔަނީ window dressing ކުރުމެވެ.

ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް ހިންގަމުންދިޔަ ގޯތި ގެދޮރުގެ ވައްކަމުގެ ސްކީމް ރައްޔިތުންނަށް ހާމަވެ، އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުރި ފަޒުލް އިސްތިއުފާ ދީ، މިކަމުގައި ރައީސް މުއިއްޒުގެ ބައިވެރިވުން އޮތްކަމަށް ރައްޔިތުން ނިންމި ހިސާބަށް ކަންކަން ދިޔުމުން ވެރިކަމުގައި ޖެހުނު ހުތުރު ލައްގަނޑު މަތީ ހުދު ފޮތިކޮޅެއް އެޅިއަސް އެ ލައްގަނޑު ފިލައިގެން ނުދާނެއެވެ. ބޭރުފުށުން އެކުރާ ޒީނަތަކުން މުއިއްޒުގެ މަކަރުވެރި ކޮރަޕްޓް ހިންތާއިން ރައްޔިތުންނަށް ލިބުނު އެއްވެސް ގެއްލުމެއް ފިލައިގެން ނުދެއެވެ.

އާ މެނޭޖިންގ ޑިރެކްޓަރުގެ ޒިންމާ އަކަށް ވާންވާނީ، ވައްކަމުގެ ތެރެއިން ދީފައިވާ ވިނަރަސް ފުލެޓް ތައް އަތުލައި، ހައްޤުވެރިންނަށް އުސޫލުގެ ތެރެއިން އެ ދިނުމެވެ. އެއީ ރައްޔިތުން އޭނާގެ ފަރާތުން ދެކެން ބޭނުންވާ ޒިންމާދާރު ކަމެވެ. އެތެރޭގެ ތަހުގީގެއް ހިންގައި، ވަގަށް ދީފައިވާ ގޯތިތައް ދިން ފަރާތްތައް ދަނެގަނެ، މަގާމުތަކުން އެމީހުން ވަކި ކުރުމުގެ ޒިންމާއެވެ.

ކުރުކޮށް މި ޒިންމާ ތައް ހިމަނާލާނަމެވެ.

  1. ވިނަރެސް ފްލެޓުތަކުގެ މައްސަލަ:
  • "ކަޓު" ނަގައިގެން ވިއްކާފައިވާ 100 އަށްވުރެ ގިނަ ފްލެޓު ދެނެގަނެ އެ ފްލެޓް ތައް އަތުލުން.
  • 500,000 ރުފިޔާ ނަގައިގެން ވެރިންނަށް ދީފައިވާ ފްލެޓުތައް ދެނެގަނެ، އެ ފްލެޓްތައް އަތުލުން.
  • ފްލެޓުތައް އަނބުރާ ހޯދައި ހައްގުވެރިންނަށް ދިނުމުގެ މަސައްކަތް ފެށުން.

މިކަމަކީ މުއިއްޒުގެ ވެރިކަމެއްގައި ކިތަންމެ ރަނގަޅު މީހަކު ދެން އައްޔަން ކުރިއަސް އޭނާ އަށް ކުރެވޭނެ ކަމެއް ނޫނެވެ. މިކަން ކުރަން މައުރޫފް ޖަމީލު ފަށާ ހިސާބުން ސީދާ މުއިއްޒު އިސްވެ ހުރެ، މައުރޫފް ޖަމީލު ބަދަލު ކޮށްލާނީ ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއަކަށެވެ.

  1. ބިންވެރިޔާ ސްކީމްގެ ގޯތިތަކުގެ މައްސަލަ:
  • ވަގު ރަޖިސްޓަރީ ހަދައިދީފައިވާ މުވައްޒަފުން ދެނެގަތުން
  • 65,000 ރުފިޔާއަށް ރަޖިސްޓަރީ ވިއްކި މުވައްޒަފުން ހޯދުން
  • ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި ވަގު ލިޔެކިޔުން ތައްޔާރުކުރި ފަރާތްތައް ހޯދުން
  • އުސޫލާ ހިލާފަށް ގޯތި ލިބިފައިވާ އެންމެހާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުން

މިކަން މައުރޫފް ކޮށްފިނަމަ، މިކަމުގެ ސަބަބުން، ކުރީގެ މެނޭޖިންގ ޑިރެކްޓަރ ފަޟީހަތްވެ، އޭނާ ކުށްވެރިއެއް ގޮތުގައި ހައްޔަރުކުރުމުގެ ފުރުޞަތު ބޮޑެވެ. މިއީ ފުލުހުންވެސް، އޭސީސީވެސް، މުއިއްޒުވެސް ބޭނުންވާ ގޮތެއް ނޫނެވެ. އެހެންކަމުން މިކަން ކުރަން މައުރޫފް ޖަމީލް މަސައްކަތް ކުރާ ހިސާބުން އޭނާގެ ނަން ކިލަނބުކޮށް، އޭނާގެ ޕްރޮފެޝަނަލް ދިރިއުޅުން އެކީ އެއްކޮށް ރައީސް މުއިއްޒު ނިމުމަކަށް ގެންނާނެއެވެ.

  1. އިދާރީ ފިޔަވަޅުތައް:
  • ކޮރަޕްޝަންގައި ބައިވެރިވި މުވައްޒަފުން ވަގުތުން ސަސްޕެންޑްކުރުން
  • ހެކި ފޮރުވުމުގެ ކުރިން ލިޔެކިޔުންތައް ސެކިއުރިޓީ ބެލެހެއްޓުން
  • މައްސަލައިގައި ހިމެނޭ އިސް މުވައްޒަފުން މަގާމުތަކުން ދުރުކުރުން
  • ކުންފުނީގެ އެތެރޭގެ ތަހުގީގީ ޔުނިޓެއް އުފެއްދުން

ކުންފުނީގައި މިފަދަ ވައްކަން ކުރުމުގައި ތިބީ ރައީސް މުއިއްޒު އިސްކޮށްފައިތިބި ފަރާތްތަކެވެ. އެފަރާތްތަކަކީ މައުރޫފަކަށް ވަކި ކުރެވޭނެ ބައެއް ނޫނެވެ. އެ މީހުންނާއި މެދު ފިޔަވަޅު އަޅަން ފަށާ ހިސާބުން މަޖިލީސް މެމްބަރުން ލައްވައި މުއިއްޒު ޖަމީލަށް ގުޅައި، ސައިޒްކޮށްލާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

  1. އާންމުންނަށް ޖަވާބުދާރީވުން:
  • ހޯދާ ހެކިތަކާއި މައުލޫމާތު ގަވާއިދުން ހާމަކުރުން
  • އަލުން ފްލެޓު ދޫކުރާނެ އުސޫލުތައް އާންމުކުރުން
  • މައްސަލަތަކުގައި ފުލުހުންނާއި އޭސީސީއަށް ފުރިހަމަ އެއްބާރުލުން ދިނުން

ފުލުހުންނާއި އޭސީސީ އަށް ތެދު މައުލޫމާތު ހާމަ ކުރަން ފަށާ ހިސާބުން ރައީސް މުއިއްޒުގެ ކަންބޮޑުވުން އިތުރުވާނެއެވެ. އަދި ރައްޔިތުންނަށް މައުލޫމާތު ހާމަކޮށް އެޗްޑީސީއަށް އިތުބާރު ހިފެހެއްޓުމަށް އެއްވެސް މަސައްކަތެއް ކުރުމަށްވެސް ފުރުޞަތެއް ނުދޭނެއެވެ. މައުރޫފް ޖަމީލުގެ އަބުރާއި އިއްޒަތް ގުރުބާން ކޮށް ކަތިލެވޭނެ ގޮތެއް މުއިއްޒަށް ނުފެންނަ ނަމަ މުއިއްޒު އޭނާ މި މަގާމަށް އައްޔަން ނުކުރާނެއެވެ.

  1. ގެއްލިފައިވާ އިތުބާރު އަލުން ހޯދުން:
  • ވަގަށް ދީފައިވާ ހުރިހާ ފްލެޓެއް އަނބުރާ ހޯދުން
  • ކުރީގެ ލިސްޓުތައް މުރާޖަޢާކޮށް، ހައްގުވެރިންނަށް ފްލެޓު ކަށަވަރުކޮށްދިނުން
  • ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތްކުރުން
  • ކުންފުނީގެ މުވައްޒަފުންގެ އިތުބާރު އަލުން ބިނާކުރުން

ފްލެޓް ލިސްޓު ސީދާ މުއިއްޒު އައްޔަން ކުރި ކޮމިޓީއިން ނިންމުމުން އެ ގޯސްވެގެން އެއަށް ބަދަލު ގެންނަން މުއިއްޒު ނިންމާފައިވާއިރު، މައުރޫފް ޖަމީލަށް ވަގަށް ދީފައިވާ ފްލެޓް އަނބުރާ ހޯދޭނެ ތޯއެވެ؟ ނުހޯދޭނެއެވެ.

މައުރޫފް ޖަމީލް ކަންބަޅިއަކަށްވެ، އަމިއްލައަށް ލަގަނެއް ކަރުގައި ބަނދެ، ލަގަން އެދިނީ މުއިއްޒު އާއި 74 މަޖިލީސް މެމްބަރުންގެ އަތަށެވެ. ދަމާ ކަރަން ވާން ކޮށްލާނީ އިސާހިތަކުއެވެ. މި ޚަބަރުތައް ހެޑްލައިންތަކުން ފިލާ ދާން ނަގާހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ. ގިނަވެގެން ދެތިން ހަފްތާއެވެ. މޮޔަ މީހަކުވެސް މިފަދަ ދަންމަޅިއެއްގައި ނުޖެހޭނެއެވެ.

އާ އެމްޑީގެ ޒިންމާ މިހާރު ކަނޑައަޅާނީ ރައްޔިތުންނެވެ. ހައްޤު ތައް ގެއްލުނު ރައްޔިތުންނެވެ. އެ ރައްޔިތުންނަށް މައުރޫފް ޖަމީލަކަށް ޖަވާބު ދާރީއެއް ނުއެއް ވެވޭނެއެވެ. ކެތް ކޮށްލެވޭނީ ކިހާ ދުވަހަކުތޯ ބަލަމާތޯއެވެ.

އޮތީ އެންމެ ދެގޮތެވެ. މުއިއްޒުއާއި އެއްވަރަށް ކޮރަޕްޓުވެ، ކުރިންވެސް ކުރަމުން ދިޔަ ވައްކަންތައް އެއަށްވުރެ މޮޅަށް ސިއްރުން ކުރުމެވެ. ކިތަންމެ ސިއްރުން ވައްކަން ކުޅަޔަސް އަޅުގަނޑުމެން އެކަން ހޯދާނަމަވެ. އަދި ފަޟީހަތް ކޮށް އިންސާފު ހޯދުމަށް މަސައްކަތް ކުރާނަމެވެ. ދެން އޮތީ ނަޒާހަތްތެރިކަން ދެމެހެއްޓުމެވެ. މައުރޫފް ޖަމީލަކީ ނަޒާހަތްތެރިއެއް ގޮތުގައި އޭނާ އެދައްކާ ސިފަ އޭނާގެ ކިބާގައި ހުރި ނަމަ، މި މަގާމާއި އޭނާ ހަވާލު ނުވާނެއެވެ. ނުވަތަ ކުރިއަށް އޮތް 7 ދުވަސް ތެރޭ އޭނާގެ ނަޒާހަތްތެރިކަން ދިފާޢުކޮށް އިސްތިއުފާ ދޭނެއެވެ. ކޮރަޕްޓް ވެރިއަކާއި ދެކޮޅަށް އޭނާގެ މުށުތެރޭ އޮވެގެން ޗެލެންޖް ކޮށް ހޯދޭނެ ރިފޯމެއް ނޯންނާނެއެވެ. މައުރޫފް ޖަމީލަށް އޮޅުނަސް، އެ ރިފޯމަށް މަސައްކަތް މިކުރަނީ ކުރުސީ އާއި ދިވެހި ހެޔޮ ރައްޔިތުންނެވެ.