ސިޔާސީ

ކަލޭމެންއަކީ މި ގައުމު މިހާ ހިސާބަށް ފޮނުވި މީހުން: ދޮންކޮޅު | "ސަރުކާރު ޒިންމާދާރު" ކުރުމަށް ޑެމްސް އިން އެހެން ޕާޓީތަކާއި ގުޅޭ ވަހާކައާއި އެކު އެމްޑީޕީގެ އާންމު މެމްބަރުންގެ ރުޅިގަނޑު ފަޅައިގެން

ދިޔަވަރު
ކަލޭމެންއަކީ މި ގައުމު މިހާ ހިސާބަށް ފޮނުވި މީހުން: ދޮންކޮޅު | "ސަރުކާރު ޒިންމާދާރު" ކުރުމަށް ޑެމްސް އިން އެހެން ޕާޓީތަކާއި ގުޅޭ ވަހާކައާއި އެކު އެމްޑީޕީގެ އާންމު މެމްބަރުންގެ ރުޅިގަނޑު ފަޅައިގެން

ސަރުކާރު ޒިންމާދާރު ކުރަން ޕާޓީތަކާ އެކު މަސައްކަތް ކުރަން ޑެމްސްއިން ނިންމައިފި ކަމަށް ބުނެ އިއްޔެ ޖެހި ޚަބަރާއި ގުޅިގެން އެމްޑީޕީގެ އާންމު މެމްބަރުންގެ ރުޅިގަނޑު ފަޅައިގެން ހިނގެއްޖެއެވެ.

ގިނަ ބަޔަކު ދަނީ ޑިމޮކްރެޓްސް މިކަމުގެ ޒިންމާ ނަގަން ޖެހޭ ކަމަށް ބުނެ، އެމީހުންނަށް ފާޑު ކިޔުން އަމާޒު ކޮށްފައެވެ. އެމްޑީޕީއަށް ގަސްތުގައި ވެރިކަން ގެއްލުވާލުމަށް 3 އަހަރު އެމްޑީޕީގައި ތިބެ މަސައްކަތް ކުރި ފަރާތްތައް އެހެން ޕާޓީތަކާއި ގުޅިގެން ސަރުކާރު ޒިންމާދާރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނުމުން ގިނަބަޔަކަށް އެކަން ވަނީ ބޮޑު ޖޯކަކަށެވެ.

ރައީސް ސޯލިހުއަށް، ބޮޑުފެންވަޅުގޭތެރޭގައި ޗޯރު ނަން ހަދައި، ރައީސް ނަޝީދާއި، އީވާ އެނަން ކިޔަންފެށި ހަނދާން ޕާޓީމެމްބަރުން އަދި ނުނެތެއެވެ.

ކޮވިޑުގައި މުޅި ރާއްޖޭ ސަލާމަތުގެ އައްސޭރިއަކަށް އެމްޑީޕީ ސަރުކާރުން ގެނެސް ރާއްޖެ ބަނޑަށް ނުޖައްސައި ސަލާމާތް ކުރުމުން އެކަމުގެ ނަފްރަތު ރައީސް ނަޝީދު މަޖިލީސް ތެރެއިން އެކި ތުހުމަތު ކޮށް އެމްޑީޕީއަށް ބާލައި، އެމްޑީޕީގެ ތާޢީދު ރައްޔިތުން ކުރިމަތީ ނަގާލި މަންޒަރު ލޯ ކުރިމަތިން ޚުދު މިއަދުވެސް ފެނެއެވެ. ބޮޑުކޮށްލައިގެން ދޮގު ހަދައިގެން ފެތުރި ވެންޓިލޭޓަރު މައްސަލައަކީ އޭގެ ކުޑަ މިންވަރެކެވެ. އެ ހާދިސާގައި ގެއްލުނު ފައިސާ ހޯދުމަށް ކޯޓު މަރުހަލާ ފުރިހަމަ ކޮށް އެ މަގު ހޯދީވެސް ހަމަ އެމްޑީޕީއިންނެވެ. ރައީސް ނަޝީދެއްް ނޫނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކެންޑިޑޭޓެއް ނެޅެ، އެތައް މިލިއަނެއް ޚަރަދުކޮށް ރަށްރަށަށް ދަތުރުކޮށް، އެމްޑީޕީއަށް އޮތް ވޯޓު ޑިމޮކްރެޓްސް އަށް ނުވަތަ ޕީއެންސީ އަށް ހޯދުމަށް އެންމެ ބޮޑު މަސައްކަތް ކުރި މީހުން މިދައްކަނީ މިއަދު ސަރުކާރު ޒިންމާދާރު ކުރާ ވާހަކައެވެ.

ދެވަނަ ބުރުގައި ސީދާ ރައީސް ނަޝީދު އާއި އެމްޑީޕީގެ ލީޑަރޝިޕުން ގުޅައި، އެމީހުން އެދުނު ގޮތަށް އެމްޑީޕީއާއި ދެކޮޅަށް މަސައްކަތް ކުރަމުން ދިޔައީ ޑިމޮކްރެޓްސް އިންނެވެ. ރައީސް ނަޝީދުގެ ހިތުގައި އޮތް އަނިޔާވެރި ފިތުނައާއި، ރައީސް ސޯލިހު އާއި މެދު އޮތް ޒާތީ ހަސަދައިގެ އަނދަ އަނދާ ހުރި އަލިފާނުގެ ތެރެއިންނެވެ. އިތުރު އެއްވެސް ސަބަބެއް އޮވެގެން ނޫނެވެ. ޑިމޮކްރެޓްސް އުފަންވީ އެ އަލިފާނުގެ ތެރެއިން އެމްޑީޕީ އަނދާއަޅިއަށް ހެދުމަށެވެ. ރައީސް ނަޝީދުގެ ބަހުން ނަމަ އެމްޑީޕީ ރޫޅާ ލުމާށެވެ. އެކަން ގުދުރަތުގެ އިރާދައިން މާތްﷲ ނާކާމިޔާބު ކުރައްވައި އެމްޑީޕީ ސަލާމަތް ކުރިއެވެ. ނަމަވެސް އިންތިހާބު ގެއްލި ޕާޓީގެ ބައެއް މެމްބަރުންގެ މެދުގައި ޕާޓީއަށް އޮތް އިތުބާރު ގެއްލިގެން ދިޔައެވެ.

މުޅި ސޯޝަލް މީޑިޔާގައި އެމްޑީޕީގެ މެމްބަރުން މިއަދު ނުކުމެ ދައްކަނީ މިވާހަކަތަކެވެ. ދައްކަނީ ޑިމޮކްރެޓްސް އިން ގެއްލުވާލި އިންތިހާބާއި، އެމީހުން އަނެއްކާވެސް މިޕާޓީ ރޫޅާލަން ހީލަތްތެރި ކަމާއި އެކު މަސައްކަތް ކުރަމުންދާކަމުގެ ވާހަކައެވެ.

https://twitter.com/Dhonkolhu/status/1870468681379258844

އެމްޑީޕީ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ދޮންކޮޅުވެސް މި ބުނަނީ އެވާހަކައެވެ.

ކަލޭމެން އިބޫނޫންގޮތެއް ހޯދަން ގެނައި މޮޅުގޮތް

ކަލޭމެންނާ އެއް މޭޒަކަށް އަރާނީ މޮޔައިން ތަކެއް، ކަލޭމެނަށް ހަޖަމް ނުކުރެވޭ އެއްކަމެއްވެސް، ދުނިޔެ ވަރު ވާ އީގޯ އަކާ ހެދި ސަލާމަތް ނުވެގެން އުޅެނީ

ރެލެވަންޓް ވާން އުޅެ ނުވެވިގެން އުޅޭ ބައެއް މީ

އަނެއްކާ ވެސް ރޫޅާލަން ތަ؟ އެންމެ ބޮޑަށް މިހާރު މިހިނގަމުން ދާ ކަންތަކުގެ ޒިންމާ ނަގަން ޖެހޭ ޕާޓީ މިއީ

މިއީ އެންމެ ނޫހެއްގެ އެންމެ ލިޔުމަކަށް ޓްވިޓަރގައި އެކަނި މީހުން ކޮށްފައި ހުރި ކޮމެންޓްތަކެވެ.

ޑިމޮކްރެޓްސްގެ މިހާރު އޮތް ލީޑަރޝިޕަކީވެސް ޑިމޮކްރެޓްސްގެ ހަމަތަކުން ބޭރުން ކަނޑައެޅިގެން ވޯޓު އޮޅުވާލައިގެން ރައީސް ނަޝީދު ބޭނުންވާ މީހަކު ހޮވުމަށް ހިންގި ޖަރީމާއެއްގެ ނަތީޖާއެކެވެ. މިއީ މި މީހުންގެ ފެންވަރެެވެ. އެމްޑީޕީ ދޫކޮށް ދިޔައީ ކެނެރޭގެއިން ނެރޭ ލިސްތަކަށް ވޯޓުލުމުގެ ފުރުޞަތު ނުލިބުނު ހިސާބުންނެވެ.

ޑިމޮކްރެޓްސްގެ ސަބަބުން އެމްޑީޕީގެ ލައްކަ ބަޔަކަށް ބޭއިންސާފުން އަނިޔާ ލިބިފައިވެއެވެ. ޕާޓީ ތަކާއި ގުޅޭ ވާހަކަ ދެއްްކުމުގެ ކުރިން، އެކަމަށް ޑިމޮކްރެޓްސް މާފަށް އެދެން ޖެހެއެވެ.

މިއަދުގެ ޑިމޮކްރެޓްސްގެ ހާލަކީ 4000 މީހުން ހަމަ ނުވާ ނުވުމެވެ. އަހަރެއް ތެރޭގައި ޑިމޮކްރެޓްސް އުވާލާނެ ކަމަށް ބެލެވެއެވެ. އުވި އުވި އޮތް ޕާޓީއެއް މަސައްްކަތް ކުރަމުންދަނީ އެހެން ބޮޑެތި ޕާޓީތަކުގެ ހާއްޔަށް ވަދެ، ސިޔާސީ ބާރުވެރިކަމާއި، މަގުބޫލުކަން ހޯދުމެވެ. އެކަން އެމްޑީޕީ ހުރިހާ މެމްބަރުންނަށްވެސް އެނގެއެވެ. ޑިމޮކްރެޓްސް އާއި އެއްވެސް ބަޔަކު ނުގުޅަނަސް، އެމްޑީޕީއަށް 2028 ލިބޭނެއެވެ. ޑިމޮކްރެޓްސް އަކީ އެފަދަ އެހެން ޕާޓީތައް އުވިދިޔަހެން އުވި ދިޔުމަށް ދޫކޮށްލަންވީ ބައިގަނޑެކެވެ. އެމްޑީޕީގެ އާންމު މެމްބަރުން ތިބީ އެމަންޒަރު ބަލާށެވެ. އެމްޑީޕީ ރޫޅާލަން ތިބި ބަޔަކަށް ކާންދީ ބޯންދީ، ދިރުވައި، ސަޕޯޓަރުން ހޯދައިދީ، 2028 އަންނަން ވާއިރަށް އެމީހުން މާވަރުގަދަ ބަޔަކަށް ހެދީމާ އަނެއްކާވެސް އެމްޑީޕީއަށް ގެއްލޭނީ ރިޔާސީ އިންތީހާބެއްކަން ނުދަންނަ އެއްވެސް މެމްބަރަކު ޕާޓީގައި ނެތެވެ.