ޚަބަރު

ޒުހޫރުގެ ސިޓީ ނުލިބެއޭ ބުނެ، ނޫސްވެރިންތަކެއް ގެނެސް މުއިއްޒު މުތުލަގަށް ދޮގު ހަދައިފި

ދިޔަވަރު
ޒުހޫރުގެ ސިޓީ ނުލިބެއޭ ބުނެ، ނޫސްވެރިންތަކެއް ގެނެސް މުއިއްޒު މުތުލަގަށް ދޮގު ހަދައިފި

ޒުހޫރުގެ ސިޓީ ނުލިބެއޭ ބުނެ، ނޫސްވެރިންތަކެއް ގެނެސް މުއިއްޒު މުތުލަގަށް ދޮގު ހަދައިފިއެވެ.

އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ފޮނުވި ސިޓީ ނުލިބޭ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވެފައިވަނިކޮށް، އެ ސިޓީ ރައީސް އޮފީހުން ބަލައިގަތް ކަމުގެ ރަސްމީ ލިޔުން "ދިޔަވަރަށް" ލިބިއްޖެއެވެ.

ރައީސް އޮފީހުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުމުން ދައްކާ ގޮތުގައި މި ސިޓީ ރައީސް އޮފީހަށް ގެނައީ އަހުމަދު ޒުހޫރު އަމިއްލައަށެވެ. އަދި މި ސިޓީ ބަލައިގަތީ ޖުލައި 1 ވަނަ ދުވަހު، ރައީސް އޮފީހުގެ މުވައްޒަފު އާމިނަތު ނަފްޝާއެވެ.

އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ މައްސަލަތަކާ ގުޅިގެން ރައީސް އޮފީސް ކުރިމަތީގައި ތިބި ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ސިޓީ އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

"އާދެ، އަޅުގަނޑު ވެސް ތި ވާހަކަ އަޑުއެހިން. އަޅުގަނޑަކަށް ނުލިބޭ އިނގޭތޯ ސިޓީއެއް. އަޅުގަނޑަށް ތި ވިދާޅުވާ ސިޓީއެއް އައިސްފައެއް ނެތް، ނުލިބޭ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި ސިޓީގައި ޒުހޫރު ފާހަގަކުރައްވާފައިވަނީ އެޗްޑީސީގެ އެތެރޭގެ މައްސަލަތަކާއި، ހިޔާނާތުގެ މައްސަލަތަކާއި އަދި ވިޔަފާރިވެރިންގެ ޝަކުވާތަކެވެ. މި ސިޓީ ރައީސް އޮފީހުން ބަލައިގަތް ނަމަވެސް، ރައީސްގެ މޭޒުކޮޅާ ހަމައަށް ނުދިޔަ ސަބަބު އަދި ސާފެއް ނޫނެވެ. މިއީ ރައީސް އޮފީހުގެ އާންމު އުސޫލުތަކާ ޚިލާފު ކަމެކެވެ.

މި މައްސަލައިގައި އާންމުންނާއި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ ރައީސް މުއިއްޒުވެސް ޒިންމާވާންޖެހޭނެ ކަމަށެވެ. އެއީ މި މައްސަލަތައް ފާހަގަކޮށް ސިޓީ ފޮނުވި ތާ ފަސް މަސް ވަންދެން އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާތީއެވެ.

މި ތުހުމަތުތަކުން އަމިއްލަފުޅަށް ސަލާމަތްވުމަށް މަސައްކަތް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ "މިވަރުގެ ކަމެއް ހިނގާކަން ކުރިން އެނގިފައި އޮތްނަމަ" ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ނަމަވެސް ރަސްމީ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި މައްސަލަތައް ފާހަގަކޮށް ސިޓީ ފޮނުވިތާ މިހާރު ވަނީ ފަސް މަސް ވެފައެވެ.

އަދި މިހާރުވެސް، މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވަނީ ރައީސް މުއިއްޒުގެ އެންގެވުމުގެ މަތިންނެވެ. ރައީސް މުއިއްޒު ފަޒުލް ހައްޔަރުކޮށް މައްސަލަ އިންސާފުވެރިކޮށް ބަލަން ފަށައިފިނަމަ، އެމަނިކުފާނާއި ގުޅިފައިވާ ވައްކަމުގެ އިތުރު މައްސަލަތަކެއް ފެންމަތި ވެގެންދާނެއެވެ. އެހެން ކަމުން ފަޒުލްގެ މައްސަލަ ފުލުހުން ލައްވައި މުއިއްޒު ބެލުވިޔަ ނުދޭނެ ކަމާއި މެދު ރާއްޖޭގެ އެއްވެސް ރައްޔިތަކު ޝައްކެއް ނުކުރެއެވެ.