ޚަބަރު

އަމިއްލަ ޓީވީ ސްޓޭޝަން ހަދަން އެންސްޕާއިން ކުރި ވައްކަމުގެ މައްސަލަ އަދިވެސް ނޭނގޭ ކަމަށް މުއިއްޒު ބުނެ ރޯ ބުހުތާނު ދޮގު ހަދައިފި

ދިޔަވަރު
އަމިއްލަ ޓީވީ ސްޓޭޝަން ހަދަން އެންސްޕާއިން ކުރި ވައްކަމުގެ މައްސަލަ އަދިވެސް ނޭނގޭ ކަމަށް މުއިއްޒު ބުނެ ރޯ ބުހުތާނު ދޮގު ހަދައިފި

އަމިއްލަ ޓީވީ ސްޓޭޝަން ހަދަން އެންސްޕާއިން ކުރި ވައްކަމުގެ މައްސަލަ އަދިވެސް ނޭނގޭ ކަމަށް މުއިއްޒު ބުނެ ރޯ ބުހުތާނު ދޮގު ހަދައިފިއެވެ.

އެންސްޕާގެ އޮފީސް އިމާރާތް ބަދަލުކުރުމަށް އަގުބޮޑުކޮށް އިމާރާތެއް ކުއްޔަށް ހިފި މައްސަލަ އަދި އެމަނިކުފާނަށް ނޭނގޭ ކަމަށް ރައީސް މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެފައިވަނީ، މި މައްސަލަ މީޑިއާތަކާއި ސޯޝަލް މީޑިއާގައި ފެތުރި ތާ މަހެއްހާ ދުވަސް ވަމުން ދަނިކޮށް މިއަދުއެވެ.

އެމްއެމްޓީވީ ހިންގަން ސީރާޒީގޭގައި ހުރި އޮފީހެއް މަހަކު 580,000 ރުފިޔާއަށް ކުއްޔަށް ހިފުމަށް އެންސްޕާއާއެކު ވެފައިވާ ފަސް އަހަރުގެ އެއްބަސްވުމުގެ ޖުމުލަ އަގަކީ 34.8 މިލިއަން ރުފިޔާއެވެ. މި މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ ތަޙުޤީޤު ފަށައި، އެންސްޕާއިން ލިޔެކިޔުންތައް ގެންގޮސްފައެވެ.

"އަޅުގަނޑާ ހަމައަށް އެކަމުގެ އެއްވެސް މަޢުލޫމާތެއް އަދި ނާދޭ," ރައީސް މުއިއްޒު މިއަދު ދޮގު ހަދަމުން ވިދާޅުވިއެވެ.

މި މައްސަލައިގައި ޚާއްސަކޮށް ފާހަގަކުރެވެނީ އެމްއެމްޓީވީއަކީ ރައީސް މުއިއްޒު އަމިއްލައަށް ޕްރޮމޯޓްކުރުމަށް ހިންގާ އެމަނުކުފާނުގެ އަމިއްލަ ޗެނަލެއް ކަމެވެ. އެމްއެމްޓީވީގެ މައި ކުންފުނި ރަޖިސްޓްރީ ކޮށްފައިވަނީ ރައީސް މުއިއްޒުގެ އަމިއްލަ ގެ، މ. ދިމްޔާތު ބަލަހައްޓާ އާއިލީ މެންބަރު، އަބްދުﷲ ޒާހިރުގެ ނަމުގައެވެ. ޒާހިރަކީ މީޑިއާގެ ދާއިރާގައި އެއްވެސް ތަޖުރިބާއެއް ލިބިފައިވާ ފަރާތެއް ނޫނެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ އެމްއެމްޓީވީއާއި ރައީސް މުއިއްޒުއާ ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް މި ޓީވީ ޗެނަލް ހިންގުމުގައި ސަރުކާރުގެ އިސްވެރިންނާއި މުވައްޒަފުން ހަރަކާތްތެރިވެ، ރައީސް މުއިއްޒު ޕްރޮމޯޓުކުރުމުގެ މަސައްކަތް އަންނަނީ މިހާރުވެސް ޤާނޫނުން ބޭރުން ކުރަމުންނެވެ. ސަރުކާރުގެ މުއައްޒަފުން ލައިގެން އެމްއެމްޓީވީއިން މިހާރުވެސް ހިންގަމުން ދަނީ ސީދާ ކޮރަޕްޝަންނެވެ.

މި މައްސަލައިގެ ސަބަބުން އާންމުންގެ ފާޑުކިޔުންތައް އިތުރުވުމާ ގުޅިގެން އެންސްޕާއިން ވަނީ މި އެއްބަސްވުން އުވާލާފައެވެ. ނަމަވެސް ރައީސް މުއިއްޒު މިއަދު ވިދާޅުވެފައިވަނީ މި މައްސަލަ އަދިވެސް އެމަނިކުފާނަށް ނޭނގޭކަމަށެވެ. މިއީ އާންމުކޮށް އެނގިފައިވާ މައްސަލައެއް ކަމަށްވެފައި، އެމަނިކުފާނުގެ އަމިއްލަ ޓީވީ ޗެނަލްއާ ގުޅުންހުރި މައްސަލައެއް ކަމަށްވާތީ، މިއީ ސީދާ ދޮގު ވާހަކައެއް ކަން އެންމެނަށްވެސް އެނެގެއެވެ. ނަމަވެސް ދޮގު ހަދަހަދާގޮސް ނަފްސާނީ ބަލިބަނޑުކަމެއް ހިތާ ސިކުނޑީގައި އުފެދިފައިވާ މީހަކަށް ތެދު ބަހުން އެއްވެސް ކަމެއް ހާމަ ކުރުމުގެ ގާބިލުކަމެއް ލިބިފައެއް ނޯންނާނެއެވެ.