ބެލެނިވެރިންގެ އެހީތެރިކަމާއެކު މަޖީދިއްޔާ ސްކޫލުގެ 52 ކްލާސްރޫމް އެއަރކޮންޑިޝަން ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
މި މަސައްކަތް ފެށިފައި މިވަނީ އެޑިއުކޭޝަން މިނިސްޓްރީން ހުރިހާ ސަރުކާރު ސްކޫލުތަކެއް އެއަރކޮންޑިޝަން ކުރުމަށް "ކޫލް ސްކޫލް" މަޝްރޫޢު އިޢުލާން ކޮށްފައި ވަނިކޮށެވެ. ނަމަވެސް މި މަޝްރޫޢުގެ ދަށުން މިހާތަނަށް އެއްވެސް ސްކޫލެއްގައި އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތެއް ފެށިފައެއް ނުވެއެވެ.
މި މަޝްރޫޢު އިޢުލާން ކުރުމުގެ ކުރިން، ޖަމާލުއްދީން ސްކޫލުގެ ކްލާސްރޫމްތަކުގެ ހޫނުގަދަވުމުގެ ސަބަބުން ފަންކާ ހަރުކުރުމަށް ބެލެނިވެރިންގެ އެހީތެރިކަމަށް އެދުނު މައްސަލަ މީޑިއާގައި ފާޅުވެ ފާޑުކިޔުން އަމާޒު ވުމުންނެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ "ކޮމިއުނިޓީގެ އެހީތެރިކަމާއެކު" ހުރިހާ ސަރުކާރު ސްކޫލުތަކެއްގެ ކްލާސްރޫމްތައް އެއަރކޮންޑިޝަން ކުރުމަށެވެ.
ޖޫން 2 ގައި ރަސްމީކޮށް އިފްތިތާޙު ކުރެވުނު "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއް އެއަރކޮންޑިޝަން ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެފައިވެއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ޗާންސެލަރު އަދި ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދުގެ ލަފާގައި، މި މަޝްރޫޢުގެ ދަށުން ހުރިހާ ސްކޫލުތަކެއްގައި އެއަރކޮންޑިޝަން ހަރުކުރުމަށް 600 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، އެއަށްފަހު އެއަރކޮންޑިޝަންތައް މެއިންޓެއިން ކުރުމަށާއި ކަރަންޓު ބިލުތަކަށް އަހަރަކު 178.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.