ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް މުއިއްޒަށް ފޮނުއްވި ސިޓީގައި، ކުންފުނީގެ 4.3 ބިލިއަން ރުފިޔާގެ ދަރަނި އަދި މާލީ ދަތިތަކުން އަރައިގަތުމަށް އެކުލަވާލި ޕްލޭންތަކަށް އެއްވެސް ހައްލެއް ނުލިބޭކަމަށް ވިދާޅުވިއެވެ.
ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުވުމުން، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިވެފައިވާކަމަށް މުއާޒް ފާހަގަކުރެއްވިއެވެ. އަދި ހަމައެކަނި ހިންގުމުގެ ޚަރަދު ކުޑަކޮށްގެން މިހާރުގެ ހާލަތުން އަރައިނުގަނެވޭނެކަންވެސް ވިދާޅުވިއެވެ.
ފާއިތުވި އަހަރު ހިންގުމުގެ ޚަރަދުން 160 މިލިއަން ރުފިޔާ ސަލާމަތްކުރެވުނު ނަމަވެސް، އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ ދޫކުރުމަށް ދަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. މިއީ ކުންފުނީގެ ތާރީޚުގައި މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެވެ.
ފިނޭންސް މިނިސްޓްރީއާއެކު ކުންފުނީގެ ދަތިތަކާ ގުޅޭގޮތުން އެކި ފަހަރު މަތިން މަޝްވަރާކުރެވުނު ނަމަވެސް، އެއްވެސް ހައްލެއް ލިބިފައިނުވާ ކަމަށާއި، ކުންފުނި ރައިޓްސައިޒް ކުރުމަށް ސަރުކާރުގެ އެހީތެރިކަން ނުލިބޭކަންވެސް ފާހަގަކުރެއްވިއެވެ.
ރައިޓް ސައިޒް ކުރުމަށް އެހީ ނުލިބޭ ވާހަައަކީ ކުންފުންޏަށް އެމްޑީ ބޭނުން ނުވިއަސް ރައީސް މުއިއްޒު ސިޔާސީ މީހުން އިތުރު ކުރަމުންދާ ވާހަކައެކެވެ. އަދި ބޭކާރު މީހުން ކަނޑާލަން ފުރުޞަތު ނުދޭ ވާހަކައެވެ.
ކުންފުންޏާ ހަވާލުވިއިރު 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތުމާއި، ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ނަގާފައިވުމުން ޚަރަދުތައް އިންތިހާއަށް އިތުރުވެފައިވާކަމަށްވެސް ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.