މުއިއްޒުގެ ސަރުކާރުގައި އަމިއްލަ އިސްނެގުމުގެ ޕްރޮޕޯސަލްތަކާ (އަންސޮލިސިޓެޑް ޕްރޮޕޯސަލް) މެދު ޢަމަލުކުރަމުންދާ ގޮތަކީ ބައިނަލްއަޤްވާމީ އުސޫލުތަކާ ޚިލާފު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތްތަކެކެވެ.
ފުރަތަމަ ކަމަކަށް، ރާއްޖޭގެ ސިޔާސަތުގައި މިފަދަ ޕްރޮޕޯސަލްތަކުގައި ހުންނަންޖެހޭ އީޖާދީ އަދި އައު ޚިޔާލުތަކުގެ ވާހަކައެއް ނުހިމެނެއެވެ. އެހެންނަމަވެސް ބައިނަލްއަޤްވާމީ އުސޫލުތަކުގައި ސަރުކާރަށް ހުށައަޅާ ޕްރޮޕޯސަލްތަކުގައި، އައު ޓެކްނޮލޮޖީ ނުވަތަ ޚިޔާލުތައް ހިމެނޭ ޕްރޮޕޯސަލްއަކަށް އެ ޕްރޮޕޯސަލް ހިމެނަން ޖެހެއެވެ. މިއީ ބިޑް ކުރެވެން ހުންނަ އާންމު ޕްރޮޖެކްޓްތައް ޕްރޮޕޯސަލް ސަރުކާރުތެރޭ ތިބި ކޮރަޕްޓް ފަރާތްތައް އަޑީގައި ތިބެ ހުށައަޅައިގެން މިކަން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ހަނި ކުރަން އޮންނަ އުސޫލެކެވެ.
ދެވަނަ ކަމަކަށް، ރާއްޖޭގައި މިފަދަ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ކުރިން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. މިއީ ސީރިއަސް ޕްރޮޕޯސަލްތައް ވަކިކޮށް، ސަރުކާރުގެ ވަގުތު ސަލާމަތްކުރުމަށް ބައިނަލްއަޤްވާމީ އުސޫލުތަކުން ލާޒިމްކުރާ ކަމެކެވެ.
ތިންވަނަ ކަމަކަށް، މަޝްރޫޢު ތަރައްޤީކުރުމުގައި ސަރުކާރުގެ ދައުރު ވަރަށް ބޮޑަށް ހަނިކޮށްފައިވެއެވެ. ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުން، މަޝްރޫޢުގެ ތަފްސީލީ ޕްރޮޕޯސަލް އެކުލަވާލުމާއި މުހިންމު ކަންކަމާމެދު މަޝްވަރާކުރުމުގައި ސަރުކާރާއި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ގުޅިގެން މަސައްކަތްކުރަންވާނެއެވެ. ނަމަވެސް ބައިނަލްއަޤްވާމީ އުސޫލުތަކުގައި ބަޔާންކުރާ ގޮތުން، މި މަރުހަލާގައި އެންމެހާ ދިރާސާތަކާއި ތަފްސީލީ ޕްލޭންތައް އެކުލަވާލަންވާނީ ސަރުކާރުގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ. މިކަމެއް މިގޮތަކަށް ރައީސް މުއިއްޒުގެ ސަރުކާރަކުން ނުކުރެއެވެ.
ހަތަރުވަނަ އަދި އެންމެ ނުރައްކާތެރި ކަމަކީ، ޕްރޮޕޯސަލްތަކަށް ސީދާ މަޝްވަރާކޮށްގެން މަޝްރޫޢު ޙަވާލުކުރުމުގެ ފުރުޞަތު މި ސަރުކާރުން ދީފައި އޮތުމެވެ. މީގައި ރަނގަޅު ގޮތަކީ ބަޔަކު ޕްރޮޕޯސަލްއެއް ހުށައަޅައިފިނަމަ، އެކަން އެގޮތަށް ކުރުމަށް ޝައުގުވެރިކަން ހުރިތޯ ބެލުމަށް ބީލަމަށް ހުޅުވާލުމެވެ.
އޭގެ ބަދަލުގައި ރާއްޖޭގައި މިކަން ކުރަނީ ސީދާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ. އަންސޮލިސިޓެޑް ޕްރޮޕޯސަލް ސްޓިއަރިންގ ކޮމިޓީއަށް ކެބިނެޓް/އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުގައި ވާދަވެރި ބީލަމަކަށް ނުގޮސް، ޕްރޮޕޯސަލް ހުށައެޅި ކުންފުންޏަށް އެ ޕްރޮޖެކްޓް ދިނުމަށް އެފަރާތާއި އެކު ސީދާ މަޝްވަރާކުރުމަށް ސަރުކާރުން ފަށައެވެ.
މިކަމުގެ ސަބަބުން އެހެން ފަރާތްތަކަށް ވާދަ ކުރުމުގެ ފުރުޞަތު ނުލިބި، އަދި ސަރުކާރަށް އެންމެ ފައިދާހުރި އަގެއް ނުލިބި، ސަރުކާރުގެ ބޮޑުންނަށް އެތައް މިލިއަނަކުން ފައިސާ ލިބޭހެން މަޝްރޫޢު ނިންމައެވެ.
އެންމެ ފަހު ކަމެއްގެ ގޮތުން، މަޝްރޫޢު ތަންފީޒުކުރުމުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތާއި އެފަރާތުގެ ސަބްކޮންޓްރެކްޓަރުން ރިޕޯޓުކުރަންޖެހޭ އުސޫލުތަކެއް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް މަޝްރޫޢު ކުރިއަށްދާ މިންވަރާއި، މަޝްރޫޢުގެ ތަފްސީލީ މަޢުލޫމާތު ހާމަކުރުމަށް ބައިނަލްއަޤްވާމީ އުސޫލުތަކުން ލާޒިމްކުރެއެވެ. ރާއްޖޭގައި އޮތް އުސޫލުތަކުގައި މިކަމަށް ރިޢާއަތް ކޮށްފައި ނުވެއެވެ.
ނަތީޖާއެއް ގޮތުން މިއިން އެއްވެސް ޕްރޮޕޯސަލްއަކާ ބެހޭ އެއްވެސް ތަފްސީލީ މަޢުލޫމާތެއް ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއްގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެއް ނުވެއެވެ. މިއީ ބައިނަލްއަޤްވާމީ އުސޫލްތަކާއި ޚިލާފު އަދި މިކަމުގެ ސަބަބުން ޕްރޮޖެކްޓް ފަށައި، ވަކި ހިސާބަކުން ފައިދާތަކެއް ސަރުކާރުން ނެގުމަށްފަހު ހުއްޓާލަން މަގުފަހިވާ ކަމެކެވެ.
28 ޖެނުއަރީ 2019 ގައި ފާސްކޮށްފައިވާ ޕްރޮޕޯސަލް ހުށައެޅުމުގެ އުސޫލުގައިވެސް ޕްރީ-ކޮލިފިކޭޝަން ނިޒާމުގެ އުސޫލުތައް ބަލިކަށިވުމުން ޝެލް ކުންފުނިތަކަށް ފަސޭހައިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެބައޮވެއެވެ. މިގޮތުން ތިނަދޫގައި އެއަރޕޯޓް އެޅުމަށް ހުށައަޅާފައިވާ ކުންފުންޏަކީ ޝެލް ކުންފުންޏެކެވެ. މި ސަރުކާރުން ވަނީ އެކުންފުންޏަށް އެ ޕްރޮޖެކްޓް ހަވާލުކޮށްފައެވެ. މިހާރު ސަރުކާރުގެ ތެރެއިން އިސްވެރިން ތަކެއް ބައިވެރިވެގެން މަސައްކަތް ކުރަނީ އެ ތައިލެންޑު އެކުންފުނި މި ލިބުނު ޕްރޮޖެކްޓްގެ މަންފާއިން އަގުކަނޑައަޅައި ވިއްކާލުމުގެ މަސައްކަތެވެ.
ޕްރޮޕޯސަލް އަށް ޕްރޮޖެކްޓް ދިނުން ފެނަކައާއި އެހެން އެސްއޯއީ ތަކަށް ވެފައިވަނީ އަމިއްލަ މަންފާއަށް ބޭނުންވާ ކުންފުންޏަށް ލާރި ދިނުމަށް ބޭނުންކުރާ ކޮރަޕްޝަނަށް އޮތް ފަހި ފުރުޞަތެއް ގޮތުގައެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ އެސްއޯއީތަކުން މިހާރު އަމަލު ކުރަމުންދާ ގޮތަކީ ޕްރޮޕޯސަލް ނުވަތަ ކޯޓޭޝަން ހޯދުމަށް، ކުރިޔާލައި ވާހަކަ ދައްކައި ކަޓު ލިބޭނެ ކަން އެނގޭ ކުންފުނިތަކަށް ބޭނުންވާ ވަކި ކަމަކަށް ޕްރޮޕޯސަލް ހުށައެޅުމަށް އީމެއިލް އެއް ކޮށްލަނީއެވެ. އޭރު އޮންނަނީ އެތަނުން "ރަނގަޅު" އަގު ހުށައަޅަން ޖެހޭ ކުންފުނިވެސް ނިންމާފައެވެ، ދެން އެ ކުންފުނިން އެ ޕްރޮޕޯސަލް ނުވަތަ ކޯޓޭޝަން ދިނުމުން އެކުންފުންޏަށް ޕްރޮޖެކްޓް ހަވާލު ކޮށް އެތައް މިލިއަނަކުން އެސްއޯއީ ތަކުގެ މެނޭޖިންގ ޑިރެކްޓަރުން ފައިސާ ނަގަނީއެވެ.
އެހެންކަމުން، މިހާރުގެ އުސޫލުތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ، ހާމަކަން ކުޑަ އަދި އިދާރީ ބުރަ ބޮޑު އުސޫލުތަކަކަށް ވުމާއެކު، މިކަން އިސްލާހުކުރުމަށް ނުވަތަ މުޅިން ހުއްޓާލުމަށް އަވަސް ފިޔަވަޅުތަކެއް ރައީސް މުއިއްޒު އަޅުއްވަން ޖެހެއެވެ. އެމަނިކުފާނު ކޮރަޕްޝަނާއި މެދު ގެންގުޅުއްވާ ޒީރޯ ޓޮލަރަންސްގެ ތެރެއިން އަމަލު ކުރަންވީ ނިޒާމުގެ ތެރެއިންވެސް ކޮރަޕްޝަން ހުއްޓުވުމަށެވެ. މިހާރު އެކުލަވާލާފައިވާ، އަދި އަމަލު ކުރަމުންދާ ނިޒާމަކީ ކޮރަޕްޝަނަށް ތަންމިނަށް ހުޅުވާލެވިފައިވާ ނިޒާމެކެވެ. އެހެންކަމުން ޕްރޮޕޯސަލްތަކުގެ ބަދަލުގައި ހުރިހާ މަޝްރޫޢުތަކެއްވެސް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު ގޮތަކީ ހާމަކަން ބޮޑު، ވާދަވެރި ބީލަމުގެ އުސޫލުތަކެވެ.
ވޯލްޑް ބޭންކުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި މިފަދައިން ހުށައަޅާ ޕްރޮޕޯސަލްތަކަކީ އާންމު ގޮތެއްގައި ވާދަވެރި ބީލަމަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކަށްވުރެ، އަވަސް ކޮށް ނިމޭ، ނުވަތަ ދައުލަތަށް ފައިދާ ބޮޑު މަޝްރޫޢުތަކެއް ނޫނެވެ. ކަން މިހެން އޮތް އިރު މުއިއްޒު އަކީ ކޮރަޕްޝަނާއި ދެކޮޅު ފަރާތެއް ނަމަ، ފުރަތަމަވެސް ޕްރޮޕޯސަލް އަށް ނުވަތަ އެސްއޯއީތަކުން ކޯޓޭޝަން ނަގައިގެން މިދޫކުރާ ޕްރޮޖެކްޓްތައް ހުއްޓުވާނެއެވެ.