މުއާޒަކީ ވަގެއް ކަމަށް ސިފަކޮށް ޕީއެންސީ އެކްޓިވިސްޓުން ޓްވީޓް ކޮށްފައިވަނީ ރައީސް މުއިއްޒު އަންގައިގެން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް މުއިއްޒު މިކަމަށް އިރުޝާދު ދީފައިވަނީ، މުއާޒުގެ ސިޓީގައި ފާހަގަ ކޮށްފައިވާ ހަގީގަތްތަކުގެ ސަބަބުން އެކަމާއި ހިތްހަމަ ނުޖެހިގެން މުއާޒުގެ credibility އިތުބާރުކުރެވޭ މިންވަރު ދުއްވާލުމަށެވެ. މި ގޮތުން މުއާޒު ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ކުންފުނި ރައިޓް-ސައިޒް ކުރުމަށް ކުރަން ޖެހޭ މަސައްކަތަށް މުއިއްޒުގެ ފަރާތުން އެއްބާރުލުން ނުލިބުނު ވާހަކަ ހިމެނެއެވެ. އެއާއި ޚިލާފަށް ކުންފުންޏަށް މުއިއްޒު ވަނީ އެތައް ހާސް ބަޔަކު އިތުރަށް އައްޔަން ކޮށްފައެވެ.
މީގެ އިތުރުން ކުންފުނި ރިފޯމް ކުރުމަށް އެކުލަވާލި ޕްލޭނަށްވެސް ސަރުކާރުން އިޖާބަ ނުލިބުނު ކަމަށް އޭނާގެ ސިޓީގައި ފާހަގަ ކޮށްފައިވުމުން، މިކަމުގައި މުއިއްޒު ހިތްހަމަ ނުޖެހި، މުއިއްޒު އަންގައިގެން ރައީސް އޮފީހުން ވަނީ މުއާޒަކީ ވަގެއް ކަމަށް ސިފަކޮށް ޕޯސްޓަރެއްވެސް ތައްޔާރުކޮށްފައެވެ.

އަދި މިކަމާއި ހިތްހަމަ ނުޖެހިގެން މުއިއްޒު ވާހަކަ ދައްކާފައިވާ އޭނާގެ އަރިސް ފަރާތަކުން ދިޔަވަރަށް ހާމަކޮށްފައި ވަނީ ދެން އެއްވެސް ފަރާތަކަށް އިސްތިއުފާ ދިނުމަށް ފުރުޞަތު ނުދޭނެ ކަމަށެވެ. އަދި ސީދާ ކަނޑާލާނީ ކަމަށް ބުނެ ވާހަކަ ދެއްކިކަމަށް ދިޔަވަރަށް މައުލޫމާތު ލިބިފައިވެއެވެ. މި ރުޅީގައި މުއިއްޒު ވަނީ ދެން އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށް ނުދޭނެ ކަމަށް ވެސް ބުނެފައިކަމަށް ޕީއެންސީ ތެރެއިން މައުލޫމާތު ދިން ފަރާތުން ދިޔަވަރު ނޫހަށް ހާމަކޮށްފައިވެއެވެ.
މުއިއްޒު ވަނީ މުއިއްޒު އާއި އަރިސް ސޯޝަލް މީޑިޔާގެ އެކްޓިވިސްޓުންނަށް ގުޅައި މުއާޒުއާއި ދެކޮޅަށް ސޯޝަލްމީޑިޔާގައި ވާހަކަ ދެއްކުމަށް އަންގާފައެވެ. މި ގޮތުން މަލްޝާގެ ފޭކް އެކައުންޓުންވެސް އެ ޕޯސްޓަރު ޓްވީޓް ކޮށްފައިވެއެވެ.
އެޗްޑީސީގެ ގޯތީގެ ވައްކަން ހޫނުވި ދަނޑިވަޅުގައި، މުއާޒު ވަކި ކުރުމަކީ ރައީސް މުއިއްޒު މުއާޒަކީ ވަގެއް ކަމަށް ދައްކައި، މުއާޒު ކަންބަޅިއެއްހެން "ކަތިލައި"ގެން އެއިން ސިޔާސީ މަންފާ ހޯދުން ނޫން އިތުރު ކޮން ކަމެއްތޯއެވެ. މިގޮތުން މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ކައިރިން މަސައްކަތްކުރި ފަރާތެއް ނަގާ އެއްލާލުމަކީ މުއިއްޒަކީ އެއްވެސް މީހަކަށް އިހްލާސްތެރި މީހަކަށް ނުވާކަން އަންގައިދޭ ކަމެކެވެ.
ރައީސް މުއިއްޒު މުއާޒު ބޭނުންކޮށްލީއެވެ. ބޭނުންކޮށް ނިމުމުން، އަތުނެތްކޮޅަށް އެއްލާލީއެވެ. މުއާޒު ބޭނުންކޮށްގެން މަޖިލީސް އިންތިހާބަށް، ފެނަކަ ތެރެއިން، ރައީސް މުއިއްޒު ފައިސާ ހޯދިކަން ނުދަންނަ ސިޔާސީ ފަރާތެއް ޕީއެންސީ ތެރޭގައި ނެތެވެ. ބޭނުންހާ ކަމެއް ކުރުވައި، ބަދުނާމުތައް ބޮލުގައި އަޅުވައި، ނިކަމެތިކޮށް ވަކިކޮށް އެވަރުން ނުވެގެން ވަގަށް ގޮވުމަކީ އެއްވެސް މީހަކަށް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.
މުއާޒަށްވެސް ހަމަ ލައްކަ ވާހަކަ ދެއްކެން ހުންނާނެއެވެ. ވަގަކީ ކާކުކަން ރައްޔިތުންނަށް އޮޅުން ނުފިލައިގެން ނޫޅެއެވެ.