ގޯތީގެ ވައްކަމުގެ ތުހުމަތުގައި ސަސްޕެންޑް ކުރި އެޗްޑީސީ ބޯޑު މެމްބަރުން، އެ މައްސަލައިގެ ތަހުޤީގު ރަނގަޅަށް ނުފެށިގެން އުޅެނިކޮށް، ރައީސް މުއިއްޒު އަންގައިގެން ސަސްޕެންޝަން އުވާލައިފިއެވެ.
"ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް އައު މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ވަނީ ގެނެވިފައި" ޕީސީބީން ޓްވީޓް ކޮށްފައިވަނީ، ކަމުގެ ހަގީގަތް އޮޅުވާލުމަށެވެ.
މައްސަލަ ނުބަލައި، ބޯޑުގެ މެމްބަރުންގެ ސަސްޕެންޝަން އުވާލުމުގެ ބޭނުމަކީ މައްސަލާގައި ހިމެނޭ ހެކި ނައްތާލުން ކަމަށް ބެލެވެއެވެ.
މިކަމުންވެސް އަންގައިދެނީ ގޯތި ވައްކަމުގައި އިންސާފުވެރި ތަހުގީގެއް ކުރުމަށް ރައީސް މުއިއްޒު ބޭނުން ނުވާކަމެވެ. މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކޮރަޕްޝަނާއި ދެކޮޅު ވެރިއަކު ކަން ކުރާނެ އުސޫލެއް ނޫނެވެ.
މިމީހުން އަލުން މަގާމަށް ރުޖޫޢަ ކުރިއިރު މިއިން މީހަކާއި އަދި ކަމާބެހޭ އިދާރާތަކުން ތަހުގީގަށް ބޭނުންވާ ސުވާލެއް ވަރުވެސް ކޮށްފައި ވާކަމެއް އެނގިފައި ނުވެއެވެ.
ޔަގީން ކޮށް އެނގޭ ކަމަކީ ފަޒުލްއަށް އެކަނި އެޗްޑީސީގައި ހިނގަމުންދާ ވައްކަންތަކެއް ނުކުރެވޭނެ ކަމެވެ. އެކަމުގައި މި ބޯޑު މެމްބަރުން ބައިވެރިކަމަށް ތުހުމަތުކޮށް، އެމީހުން ސަސްޕެންޑް ކުރުމަށްފަހު، ރައްޔިތުން ހަނދާނެ ނެތޭހާ ދުވަސް ކޮށްލާފައި، އެވާހަކަ ދެކެވުން މަޑުވާއިރަށް އަލުން ބޯޑުގެ މަގާމަށް ރުޖޫޢަ ކުރުމަކީ ރައްޔިތުންގެ ލޯ ކުރުމަތީ ރައްޔިތުންނަށް ކަންކަން އޮޅުވާލުން ނޫންތޯއެވެ.
އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެހެން ހުރިހާ ބޯޑު މެންބަރުން ސަސްޕެންޑު ކުރީ ޑިސެމްބަރު 19, ގަ އެވެ. އޭރު އެ ކުންފުންޏާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ ގިނަ ބައެއްގެ ފާޑުކިޔުުން އެޗްޑީސީއަށް މިހާރުވެސް ދަނީ އަމާޒުވަމުންނެވެ. އަދި އެ މައްސަލަތަކުގައި އެޗްޑީސީގެ ބޯޑު މެމްބަރުން ރިޝްވަތު ނަގާފައިވާ ކަމުގެ ތުހުމަތުވެސް އެބަ އޮތެވެ.