އެއްވެސް ސިޔާސީ ޕާޓީއަކުން ފަތުރުވެރިކަމަށް ގެއްލުމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެ ކަމަށް ޕީއެންސީން ބުނެފި އެވެ.
ޕީއެންސީން މިކަމަށް ގޮވާލާފައިމިވަނީ ޓޫރިޒަމް އިންޑަސްޓްރީ އަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާއެއް ދިނުމަށް އެމްޑީޕީން ރާވާފައިވާ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ވާހަކަދައްކާފައިވާ ދަނޑިވަޅެއްގަ އެވެ. އެ ވާހަކަތަކާއި ގުޅިގެން ނިހާދު މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މި ވާހަކަތަކާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމިއްޔާއަކުން ފަތުރުވެރިކަމަށް އަދި ދިވެހި އިގްތިސާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެ ކަމަށާއި ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ހަރަކާތްތެރިވާނީ ގާނޫނު ހުއްދަ ކުރާ އިމުގެ ތެރެއިން ކަމަށެވެ. އެ އިމުން ބޭރުވާނަމަ އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާނެކަމާމެދު ޝައްކު ނުކުރާ ކަމަށް ޕީއެންސީން ބުނެ އެވެ.
ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓްމެންޓުތައް ރައްކާތެރިކޮށްދިނުމުގައި ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށްވެސް ޕީއެންސީން ބުނެ އެވެ.
މީގެއިތުރުން ޕީއެންސީން ވަނީ ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުން ވެސް ފަތުރުވެރިކަމަށް އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ޝުހުރުތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރަން އިލްތިމާސްކޮށްފަ އެވެ.