ޚަބަރު

ޗައިނާގެ ޖާސޫސީ އުޅަނދުތައް ލަންކާގައި ބަނދަރު ކުރުމުގެ ހުއްދައެއް ނުދޭނަން: ލަންކާގެ އާ ސަރުކާރު

ދިޔަވަރު
ޗައިނާގެ ޖާސޫސީ އުޅަނދުތައް ލަންކާގައި ބަނދަރު ކުރުމުގެ ހުއްދައެއް ނުދޭނަން: ލަންކާގެ އާ ސަރުކާރު

ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސަނާޔަކާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވަނީ މި ކުރި ދަތުރުގައި މަޝްވަރާކުރެއްވިފައެވެ. މި ބައްދަލުވުމުގައި އެންމެ މުހިންމު އެއް ކަމަކީ ސްރީލަންކާގެ ސަރަޙައްދު އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރެއް ކުރާނެ ގޮތަކަށް ބޭނުން ނުކުރުމަށް ސްރީލަންކާއިން ދިން ޔަގީންކަމެވެ.

މި ޔަގީންކަން ދިނުމުގެ މުހިންމުކަން އިތުރުވަނީ ޗައިނާއިން 'މިޝަން އިންޑިއަން އޯޝަން' ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެންނެވެ. ޚާއްޞަކޮށް ހަމްބަންޓޯޓާ ބަނދަރު ޗައިނާގެ ބެލުމުގެ ދަށަށް ގޮސްފައިވާތީއެވެ. މި ބަނދަރަކީ ސްރީލަންކާއިން ނަގާފައިވާ 1.7 ބިލިއަން ޑޮލަރުގެ ލޯނު ނުދެއްކުމުގެ ސަބަބުން 99 އަހަރުގެ މުއްދަތަށް ޗައިނާއަށް ކުއްޔަށް ދީފައިވާ ބަނދަރެކެވެ.

ފާއިތުވި ދެ އަހަރު ތެރޭގައި ޗައިނާގެ ޔުއަން ވޭންގް 5 އުޅަނދު މި ބަނދަރުގައި ތަކުރާރުކޮށް އައިސްފައިވެއެވެ. މި އުޅަނދަކީ 25,000 ޓަނުގެ ސެޓެލައިޓް އަދި ބެލިސްޓިކް މިސައިލް ޓްރެކިންގ އުޅަނދެކެވެ. މި އުޅަނދުގައި ހަރުކުރެވިފައިވާ ޓްރެކިންގ، ސެންސިންގ އަދި ކޮމިއުނިކޭޝަން ރިލޭ ސިސްޓަމްގެ ސަބަބުން ބޭރުގެ ސެޓެލައިޓްތަކާއި، ވައިގެ އުޅަނދުފަހަރާއި، މިސައިލް ސިސްޓަމްތައް ދެނެގަނެވޭނެއެވެ.

2022 ވަނަ އަހަރުގެ އޮގަސްޓް މަހު އިންޑިއާއިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ސްރީލަންކާއިން ވަނީ މި އުޅަނދުގެ ޒިޔާރަތް ފަސްކުރުމަށް އެދިފައެވެ. ނަމަވެސް ފަހުން 'ރީޕްލެނިޝްމަންޓް' ގެ ބޭނުމުގައި އެ އުޅަނދު ބަނދަރުކުރުމުގެ ހުއްދަ ދީފައިވެއެވެ. އޭގެ ފަހުން ޗައިނާގެ ސަރވެއިލަންސް އަދި ޖާސޫސީ އުޅަނދުތައް އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ދަތުރުކޮށް، ހަމްބަންޓޯޓާ ބަނދަރުގައި އަންނަނީ މަޑުކުރަމުންނެވެ.

މިއަދުގެ އެއްބަސްވުމާއެކު ސްރީލަންކާގެ އެއްވެސް ސަރަޙައްދެއް، އޭގެ ތެރޭގައި ކަނޑުގެ ސަރަޙައްދުވެސް ހިމެނޭގޮތަށް، އިންޑިއާގެ ސަލާމަތަށް ގެއްލުންވާފަދަ ގޮތަކަށް ބޭނުންނުކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި ސަރަޙައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރެއް ކުރާނެ އެއްވެސް ހަރަކާތެއް ނުހިންގުމަށްވެސް އެއްބަސްވެފައިވެއެވެ.

ދެ ޤައުމުގެ ވެރިން މިއަދު ބޭއްވި މަޝްވަރާތަކުގައި، 2022 ވަނަ އަހަރު ސްރީލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ދަނޑިވަޅުގައި އިންޑިއާއިން ދެއްވި އެހީތެރިކަމަށް ރައީސް ދިސަނާޔަކާ ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ ސަގާފީ އަދި ތާރީޚީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ، ދެ ޤައުމުގެ ރައްޔިތުންގެ ގުޅުމުން ވަރުގަދަވެފައިވާ ގުޅުމެއްކަން ދެ ވެރިން ފާހަގަކުރެއްވިއެވެ.

މުސްތަޤްބަލަށް ބަލައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި އަވަސް މުސްތަޤްބަލެއްގައި ޝާމިލު ދިފާޢީ އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްވެސް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

ނަމަވެސް ރާއްޖޭގެ ރައީސް، މުއިއްޒު ދަނީ ސަރަހައްދީ ރައްކާތެރިކަމަށް ހުރަސް އެޅޭހެން ޗައިނާއަށް ރާއްޖޭގެ ބަނދަރުތައް ބޭނުންކުރެވޭ ގޮތް ހަދަމުންނެވެ.