ޚަބަރު

އިންޑިޔާ ބައިވެރި ނުކޮށް، ސަރަހައްދީ ހަމަ ނުޖެހުން ނަގާލަން ޗައިނާއިން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް" ގައި ރާއްޖެއިން ބައިވެރިވެއްޖެ

ދިޔަވަރު
އިންޑިޔާ ބައިވެރި ނުކޮށް، ސަރަހައްދީ ހަމަ ނުޖެހުން ނަގާލަން ޗައިނާއިން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް" ގައި ރާއްޖެއިން ބައިވެރިވެއްޖެ

ޗައިނާއިން އިންތިޒާމްކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް" ގައި ދިވެހިރާއްޖެއިން މިއަހަރުވެސް ބައިވެރިވެއްޖެއެވެ. މި ފޯރަމަކީ އިންޑިޔާ ބައިވެރި ނުކޮށް، އިންޑިޔާގެ ބައެއް އަވަށްޓެރި ގައުމުތައް ބައިވެރިކޮށްގެން ސަރަހައްދީ ހަމަ ނުޖެހުން ނަގާލުމަށް ޗައިނާއިން ބާއްވާ ފޯރަމެކެވެ.

އެންމެ ފުރަތަމަ ކަމަކަށް، ޗައިނާއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމެއް ނޫނެވެ. އެހެންނަމަވެސް، އެ ސަރަހައްދުގެ ކަންކަން ނިންމުމުގައި އިސް ދައުރެއް އަދާކުރަން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ. މިއީ ޗައިނާގެ "ސްޓްރިންގް އޮފް ޕާލްސް" ސިޔާސަތުގެ ދަށުން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ނުފޫޒު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ދެވަނަ ކަމަކަށް، މި ފޯރަމްގައި އިންޑިއާ ބައިވެރިނުވާކަން ފާހަގަކުރެވެއެވެ. އިންޑިއާއަކީ އިންޑިއާ ކަނޑުގެ އެންމެ މުހިންމު އެއް ގައުމެވެ. އެހެންނަމަވެސް އެ ގައުމު ނުހިމަނައި، އެ ސަރަހައްދުގެ ކަންކަމާ ގުޅޭ މަޝްވަރާތައް ޗައިނާއިން ކުރިއަށްދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ތިންވަނަ ކަމަކަށް، ޗައިނާއިން މިފަދަ ފޯރަމްތައް ބޭއްވުމުގެ ބޭނުމަކީ ކުދި ޖަޒީރާ ގައުމުތަކުގައި އިގްތިސާދީ ނުފޫޒު އިތުރުކޮށް، ސަރަހައްދީ ބާރުވެރިކަން ހޯދުން ކަމަށް ބެލެވެއެވެ. ޚާއްސަކޮށް "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ގެ ދަށުން ގިނަ ގައުމުތަކުގައި ޗައިނާއިން ހިންގާ މަޝްރޫއުތަކަކީ "ދަރަނީގެ ދަންތުރަ" އަށް މަގުފަހިވާގޮތަށް ބައްޓަންކުރެވޭ ކަންކަމެވެ. .

ހަތަރުވަނަ ކަމަކަށް، އިންޑިއާ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް ކަނޑު މަގެވެ. މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި ސަރަހައްދީ ގައުމުތަކުގެ ކަމެއް ނޫނެވެ. އެހެންނަމަވެސް، ޗައިނާއިން މި ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް އިތުރުކުރަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ކޮންމެ ގައުމަކަށްވެސް އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ ހައްގު އޮވެއެވެ. އެހެންނަމަވެސް، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރާނެ ކަންކަމުގައި ވިސްނުންތެރިކަމާއެކު ހަރަކާތްތެރިވުމަކީ މުހިންމު ކަމެކެވެ. ސަރަހައްދުގެ ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި، ހުރިހާ ގައުމުތަކެއްގެ މަސްލަހަތު ހިމެނޭ ގޮތަށް މަޝްވަރާކުރުމަކީ މުހިންމު ކަމެކެވެ. މުއިއްޒުގެ ސަރުކާރުން އަމަލު ކުރަނީ އެއާއި ޚިލާފަށެވެ.