ޚަބަރު

ވިނަރެސް ފްލެޓް އެޅި ޗައިނާގެ ކުންފުންޏަށް، ޕްރޮޖެކްޓް އަގުގައި ނުހިމެނޭ، ދޭން ނުޖެހޭ 138 މިލިއަން ރުފިޔާ މުއިއްޒު އަންގައިގެން އެޗްޑީސީއިން ދީފި! އެމްޑީޕީ ސަރުކާރުން އޮތީ މިފައިސާ ނުދޭން ނިންމާފައި!

ދިޔަވަރު
ވިނަރެސް ފްލެޓް އެޅި ޗައިނާގެ ކުންފުންޏަށް، ޕްރޮޖެކްޓް އަގުގައި ނުހިމެނޭ، ދޭން ނުޖެހޭ 138 މިލިއަން ރުފިޔާ މުއިއްޒު އަންގައިގެން އެޗްޑީސީއިން ދީފި! އެމްޑީޕީ ސަރުކާރުން އޮތީ މިފައިސާ ނުދޭން ނިންމާފައި!

ވިނަރެސް މަޝްރޫއުގައި އިތުރަށް ކުރަންޖެހުނު މަސައްކަތްތަކަށް ކަމަށް ބުނެ، އެ މަޝްރޫއު ހިންގި ޗައިނާ މެޝިނަރީ އެންޑް އިންޖިނީރިން ކޮމްޕެނީ (ސީއެމްއީސީ) އަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޭން ނުޖެހޭ 9 މިލިއަން ޑޮލަރު (138 މިލިއަން ރުފިޔާ) ދީފި އެވެ.

ދިޔަވަރަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މި ފައިސާ ދޫކުރަން އެޗްޑީސީގެ ބޯޑުން ނިންމީ ޑިސެމްބަރު 25، 2023 ގަ އެވެ. މިކަން ކޮށްފައިވަނީ މުއިއްޒުގެ އެންގުމުގެ މަތިން ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިއީ ދައުލަތަށް ގެއްލުން ލިބޭހެން ރައީސް މުއިއްޒު އަންގައިގެން ހިންގާފައިވާ ޖަރީމާއެކެވެ.

ވޭރިއޭޝަންގެ ގޮތުގައި ސީއެމްއީސީ އަށް ފައިސާ ދިނުމަށް ދެ ނިންމުމެއް ބޯޑުން ނިންމި އެވެ. އެއީ؛

  • އަލިފާން ނިއްވާ ސިސްޓަމާއި ފެން ސަޕްލައި ކޮށްދޭ ނިޒާމު ގާއިމުކުރުމަށް ދިޔަ ހަރަދު ކަމަށް ބުނެ ދެ މިލިއަން ޑޮލަރު (30.8 މިލިއަން ރުފިޔާ)
  • މަޝްރޫއުގެ މުއްދަތު ދިގުލައިގެންދިޔަ ކަމަށް ބުނެ 7 މިލިއަން ޑޮލަރު (108 މިލިއަން ރުފިޔާ)

ދެ މިލިއަން ޑޮލަރު 60 ޕަސެންޓު ޑޮލަރުން، އަދި ހަތް މިލިއަން ޑޮލަރުގެ ދެ ބައިކުޅަ އެއްބައި ދެއްކީ ޑޮލަރުންނެވެ.

މުއްދަދުގައި ޕްރޮޖެކްޓް ނުނިމުމުން، އެހެން ހުރިހާ ކުންފުންޏަގެ އަތުން ސަރުކާރުން ފައިސާ ނަގާއިރު، 108 މިލިއަން ރުފިޔާ ޗައިނާގެ ކުންފުންޏަށް ދިން ގޮތެއް ސާފު ކޮށްފައި ނުވެއެވެ.

މަޝްރޫއުގެ ވޭރިއޭޝަންގެ ގޮތުގައި ފައިސާ ހޯދަން އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓަށް ވެސް ހުށަހެޅި ކަމާއި، ނަމަވެސް އެރު ހުށަހެޅި ޖުމުލަ ހަތް މިލިއަން ރުފިޔާ ވެސް ބޮޑުވެގެން އެ ފައިސާ ދޫކުރަން އޭރު ނުނިންމާކަމަށް ކުރީގެ މެނޭޖުމެންޓުގައި އިސްކޮށް އުޅުނު މީހަކު ބުންޏެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކަމުން ދިޔައީ ހަތަރު ވަރަކަށް މިލިއަން ޑޮލަރަށް،" އޭނާ ވިދާޅުވި އެވެ.

ކުރީގެ މެނޭޖުމެންޓުން ހަތް މިލިއަން ޑޮލަރު ދޫނުކުރަން ނިންމާފައި އޮތްވައި، އެ އަގުގެ މައްޗަށް ދެ މިލިއަން އިތުރުކޮށް ފައިސާ ދޫކުރި ކަމަށް، އެ މައުލޫމާތު އެނގޭ މީހަކު ކަށަވަރުކޮށް ދެއްވި އެވެ.

ހަތަރު މިލިއަންވެސް ނުދޭން އެމްޑީޕީ ސަރުކާރުން ވިސްނައި، ނެގޯޝިއޭޓް ކުރަމުން ދިޔަ ކަމެއްގައި 9 މިލިއަން ދޭން މުއިއްޒު ނިންމާފައިވަނީ ކޮރަޕްޝަންގެ ތެރެއިން ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

ރައީސް މުއިއްޒު އަކީ އެޗްޑީސީ އާއި، ރާއްޖޭގެ އެހެން ހުރިހާ އެސްއޯއީތަކުން ހިނގަމުންދާ ކޮރަޕްޝަނުން އެތައް މިލިއަނެއްގެ ފައިސާ ކަނޑައެޅިގެން ނަގަމުންދާ ފަރާތަކެވެ. އަދި ރާއްޖެ ޑޮލަރަށް ޖެހުމުގައި އެންމެ މުއިއްޒު މިފަދައިން ކޮށްފައިވާ ކަންކަން ފާހަގަ ކޮށްލަން ޖެހެއެވެ. މި ގޮތުން ޑްރޯން ގަތުމާއި، ދޭން ނުޖެހޭ ފައިސާ ޑޮލަރުން ދީ މުޅި ޤައުމު އިޤްތިޞާދީ ވަޅުގަނޑަކަށް މުއިއްޒު ވަނީ ވައްޓާލާފައެވެ.