މުއިއްޒުގެ ސަބަބުން، ސާވިސް ޗާޖު ރުފިޔާއިން ދިނުމަށް ގިނަ ރިސޯޓަކުން ނިންމުމުން، ރައްޔިތުންނަށް ލިބޭ ޑޮލަރު މަދުވެ، ޑޮލަރުގެ އަގު އިތުރަށް ބޮޑުވެގެން ދާނެއެވެ.
މިހާތަނަށް ރާއްޖޭގައި އޮޕަރޭޓު ކުރަމުންދާ 11 ރިސޯޓަކުން ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމައިފި އެވެ. ކުރިއަށް އޮތްތާގައި ހުރިހާ ރިސޯޓަކުންހެން މިގޮތަށް އަމަލު ކުރަން ފަށާނެ ކަމަށް ލަފާ ކުރެވެއެވެ.
"11 ރިސޯޓެއްގެ ސާކިއުލާ ވަނީ ލިބިފައި. ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމި ރިސޯޓުތައް މިދަނީ ދެނެގަންނަމުން. ވަރަށް އަވަހަށް އެ ރިސޯޓުތައް ހާމަ ކުރާނަން،" ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޖެނެރަލް ސެކްޓްރީ މައުރޫފް ޒާކިރު ވިދާޅުވި އެވެ.
ސާވިސް ޗާޖަކީ ޑޮލަރުން ދޭން ޖެހޭ އެއްޗެއްކަން ގާނޫނުގައި ކަނޑައެޅިފައި އޮތްއިރު، އެކަން އެގޮތަށް ނުކުރެވޭނެތީ މުވައްޒަފުންނާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
މި ނޫހަށް ފުށިފަރު ރިސޯޓުން ޑިސެމްބަރު 25، ގައި ނެރުނު ސާކިއުލާ ލިބިފައިވާއިރު، އެ ސާކިއުލާއިން އެނގޭ ގޮތުގައި އެ ރިސޯޓުގެ މުވައްޒަފުންނަށް ޑިސެމްބަރު މަހުގެ ސާވިސް ޗާޖު ދިނުމަށް ނިންމާފައި ވަނީ ރުފިޔާއިންނެވެ.
އެ ރިސޯޓުން ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމީ ބޭރު ފައިސާ މާރު ކުރަން މަޖުބޫރު ކުރާ ގާނޫނުގެ ސަބަބުން ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.
އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި މުސާރަ އާއި ސާވިސް ޗާޖު ދެވޭނީ ދިވެހި ރުފިޔާއިން ކަމަށް ޕަލްސް ކުންފުނިން އެ ކުންފުނީގެ މުވައްޒަފުންނަށް މީގެ ކުރިން އެންގި އެވެ. ބައެއް އެހެން ކުންފުނިތަކުން ވެސް މުވައްޒަަފުންނަށް މިފަދަ އެންގުންތައް އަންގާފައިވެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނު އޮތް ގޮތުން އަންނަ އަހަރުން ފެށިގެން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ.
އެ ބަދަލާ އެކު ގިނަ ރިސޯޓުތަކުން ޑޮލަރުން ދެމުން އައި ސާވިސް ޗާޖު ރުފިޔާއިން ދިނުމުގެ ބިރު ކުރިން ވެސް އޮތެވެ. އެކަމާ ގުޅިގެން ރިސޯޓު މުވައްޒަފުން އަންނަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.