ސިޔާސީ

އިންޓެލިޖެންސް ރިޕޯޓް: ކޮންމެ އަނިޔާވެރި ވެރިކަމެއްގައި ރައްޔިތުންނަށް ބިރު ދައްކާ ހަތިޔާރު

ދިޔަވަރު
އިންޓެލިޖެންސް ރިޕޯޓް: ކޮންމެ އަނިޔާވެރި ވެރިކަމެއްގައި ރައްޔިތުންނަށް ބިރު ދައްކާ ހަތިޔާރު

ރައްޔިތުންގެ މައްޗަށް ނަފްރަތު އޮންނަ، ޚުދުމުހުތާރު ވެރިކަންތަކުގެ އެންމެ ނުރައްކާތެރި ސިފައަކީ ސަލާމަތީ ބާރުތަކުގެ ނުފޫޒު ބޭނުންކޮށްގެން އިދިކޮޅު ފަރާތްތައް އަނިޔާވެރިކޮށް ނައްތާލުމެވެ. މިގޮތުން، އިންޓެލިޖެންސް ރިޕޯޓުތަކަކީ މުޅި ދުނިޔޭގެ އެންމެ ނުބައި ވެރިކަންތަކުގައި ބޭނުންކުރާ އެންމެ ނުރައްކާތެރި ހަތިޔާރެވެ. ތާރީޚަށް ބަލާއިރު، ސްޓާލިންގެ ވެރިކަމުގައި ސޯވިއެޓް ޔޫނިއަންގެ ކޭޖީބީއިން ހަދާ އިންޓެލިޖެންސް ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް އެތައް މިލިއަން ބަޔަކު ޖަލަށްލައި، މަރާލައި، ސައިބީރިއާގެ ގުލާގުތަކަށް އަރުވާލިއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙަށް ބަލާއިރު، އަނިޔާވެރި ކޮންމެ ވެރިކަމެއްގައި، އިންޓެލިޖެންސް ރިޕޯޓުތަކުގެ ނުރައްކާތެރި ބޭނުން ހިފުން ވަނީ ސިޔާސީ ވާދަވެރިން ނައްތާލުމުގެ މައިގަނޑު ވަސީލަތަކަށް ހަދާފައެވެ. ޤައުމުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ޝަރުޢީ ދާއިރާގެ އިސްވެރިންނާއި، ނޫސްވެރިންނާއި، އަދި ސިޔާސީ ލީޑަރުންގެ މައްޗަށް އެކި ދައުރުތަކުގައި އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާތަކުގެ މައިގަނޑު ހެއްކަކީ އިންޓެލިޖެންސް ރިޕޯޓުތަކެވެ. އާރުޑީސީގެ ކުރީގެ އެމްޑީގެ ދިރިއުޅޭތަން ރޭގައި ބަލައި ފާސްކުރީވެސް އިންޓްލިޖެންސް ރިޕޯޓެއް ހަދައިގެންނެވެ.

އިންޓެލިޖެންސް ރިޕޯޓުތަކުގެ ނުރައްކާތެރިކަން އޮތީ އޭގެ "ސިއްރު" ބާވަތުގައެވެ. ރިޕޯޓުގައި ހިމެނޭ މަޢުލޫމާތުގެ ޞައްޙަކަން ޝަރީޢަތުގައި ސުވާލުކުރުމުގެ ފުރުޞަތު އެކަށީގެންވާ ވަރަށް ނުލިބެއެވެ. މަޢުލޫމާތު އެއްކުރި ގޮތާއި، މަޢުލޫމާތުގެ މަސްދަރު އަދި މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރި ގޮތް "ސިއްރު" ގެ ނަމުގައި ވަނީ ފޮރުވިފައެވެ. މިއީ ޤާނޫނީ ހަމަތަކާއި، ޝަރުޢީ އުސޫލުތަކާ ސީދާ ފުށުއަރާ ކަމެކެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން ގެއްލި، މުޅި ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފު ކަމެކެވެ.

2018 ވަނަ އަހަރު ހައިކޯޓުން ނިންމި ނިންމުމަކީ އިންޓެލިޖެންސް ރިޕޯޓުތަކުގެ ނުރައްކާތެރި ބޭނުން ހިފުން ހުއްޓުވުމަށް މިހާތަނަށް އެޅުނު އެންމެ މުހިންމު ފިޔަވަޅެވެ. އެ ނިންމުމުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވަނީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ޝަރީޢަތުގައި ކަމެއް ސާބިތު ނުކުރެވޭނެ ކަމަށެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނީ އުސޫލުތަކާ އެއްގޮތް ނިންމުމެކެވެ. ނަމަވެސް، އަނިޔާވެރި ވެރިކަމެއްގައި ޤާނޫނާއި، ކޯޓުތަކުގެ ނިންމުމަށް ރިޢާއަތްކޮށް ކަންކަން ކުރުމެއް ނޯވެއެވެ.

އިންޓެލިޖެންސް ރިޕޯޓުތަކަކީ ޤައުމީ ސަލާމަތަށް މުހިންމު ވަސީލަތެކެވެ. ނަމަވެސް، މި ވަސީލަތް ބޭނުން ކުރަންވާނީ ކަނޑައެޅިފައިވާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިންނެވެ. އިންޓެލިޖެންސް އެއްކުރުމާއި، ރިޕޯޓު ތައްޔާރުކުރުމާއި، ބޭނުންކުރުމުގައި ހަރުދަނާ އުސޫލުތަކެއް އޮންނަން ޖެހެއެވެ. މިނިވަން މުއައްސަސާތަކުގެ ބާރު ވަރުގަދަކޮށް، އެ ތަންތަނުގެ މުސްތަޤިއްލުކަން ކަށަވަރުކުރަން ޖެހެއެވެ. އެއީ ދުގޮ ހަދާ އަނިޔާވެރި ވެރިއެއްގެ ދޮގުތައް ޕްރިންޓްކޮށްގެން ތިމާއާއި ދެކޮޅު ހަމަ ކޮންމެ މީހަކު ކަސްތޮޅު އެޅުވުމަށް ބޭނުންކުރާ ހަތިޔާރަކަށް ވެގެން ނުވާނެއެވެ.

ތާރީޚުން ފެންނަ ގޮތުގައި، އިންޓެލިޖެންސް ރިޕޯޓުތަކުގެ ނަހަމަ ބޭނުން ހިފުމަކީ މިހާރު ހިނގަމުންދާ ވެރިކަންފަދަ، ރައްޔިތުންގެ ތާޢީދުނެތް އަނިޔާވެރި ވެރިކަމުގެ ނިޒާމު ބާރުގަދަކޮށް، އަސާސީ ޙައްޤުތައް ނިގުޅައިގަތުމަށް ބޭނުންކުރާ އެންމެ ނުރައްކާތެރި ހަތިޔާރެވެ.

މި ހަތިޔާރުގެ ނުރައްކާތެރިކަމުން ރައްޔިތުން ސަލާމަތްކޮށް، އޭގެ ސަބަބުން ޤާނޫނުގެ ވެރިކަމާއި ޑިމޮކްރަސީގެ އަސާސްތައް ގެއްލި، ވިރާސީ ވެރިކަމަކަށް ޤައުމު ފުރޮޅާލުމަށް އެއްވެސް ރައްޔިތަކު ޖާގަ ދީގެން ނުވާނެއެވެ.

އިންޓެލިޖެންސް ރިޕޯޓުތަކުން އަނިޔާވެރިކަން އިސްކުރާ ވެރިކަމާ ދެކޮޅަށް ރައްޔިތުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ އެއްބައިވަންތަކަމެވެ. އިންޓެލިޖެންސް ރިޕޯޓުތަކުގެ ނުރައްކާތެރިކަން ހުއްޓުވުމަށްޓަކައި، ޤާނޫނީ ފިޔަވަޅުތަކާއި، މަދަނީ ދިފާޢާއި، ސިޔާސީ މަސައްކަތާއި، އަދި ދީމިޤްރާތީ ބާރުވެރިކަމުގެ އެންމެހައި ވަސީލަތްތައް އެކުގައި ބޭނުންކުރަން ޖެހެއެވެ. ރައްޔިތުން އެކުގައި ތެދުވެ، ބިރުވެރިކަމުގެ ފާރު ތަޅާލައި، އެއް އަޑަކުން ނާއިންސާފަށް "ނޫނެކޭ" ބުނެ، ޒާލިމުންގެ އަނިޔާއާއި ދެކޮޅުވުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާ ލާޒިމުކަމެކެވެ.