ޚަބަރު

މިއަދުގެ އިންޑިއާ ބިނާކުރެއްވި ޑރ. މަންމޯހަން ސިންގް ގެ ބައެއް މަސައްކަތް

ދިޔަވަރު
މިއަދުގެ އިންޑިއާ ބިނާކުރެއްވި ޑރ. މަންމޯހަން ސިންގް ގެ ބައެއް މަސައްކަތް

އިންޑިއާގެ އިޤްތިޞާދީ އަދި ސިޔާސީ މަސްރަހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތަކީ ޑރ. މަންމޯހަން ސިންގްއެވެ. މުޅި ދުނިޔޭގެ އިހުތިރާމް ހޯއްދެވި މި ލީޑަރަކީ އިންޑިއާގެ އިޤްތިޞާދީ އިންޤިލާބުގެ މުހެންދިސް ކަމަށް ބުނެވެއެވެ.

1991 ގައި އިންޑިއާ ދިމާވި ބެލެންސް-އޮފް-ޕޭމަންޓްސް ހީނަރުކަމުގެ ދުވަސްވަރު، ޕީ.ވީ. ނަރަސިމްހަ ރާއޯގެ ސަރުކާރުގެ މާލީ ވަޒީރުގެ ގޮތުގައި ޑރ. ސިންގް އަދާކުރެއްވި ދައުރު ވަރަށް މުހިންމެވެ.

އިޤްތިޞާދީ މިނިވަންކަމުގެ އަސާސް

މި ދުވަސްވަރު އޭނާ ގެންނެވި އިޤްތިޞާދީ އިޞްލާހުތަކުގެ ތެރޭގައި ލައިސަންސް ރާޖް ނިޒާމު ނައްތާލުމާއި، ވިޔަފާރިތަކުގެ ރެގިއުލޭޝަންތައް ލުއިކުރުން ހިމެނެއެވެ. މީގެ އިތުރުން ވިޔަފާރީގެ މަގު ތަނަވަސްކޮށް، އިމްޕޯޓް ޓެރިފްތައް ދަށްކޮށް، އޯޕަން-މާކެޓް އިކޮނޮމީއަކަށް މަގުފަހިކުރެއްވިއެވެ. އިންޑިއާގެ އެކްސްޕޯޓް ވިޔަފާރި ކުރިއެރުވުމަށް ރުފިޔާގެ އަގު ދަށްކުރެއްވިއެވެ. އަދި ޓެކްސް ނިޒާމު ހަރުދަނާކޮށް، ޓެކްސް ދައްކާ ފަރާތްތަކުގެ އަދަދު އިތުރުކުރެއްވިއެވެ. ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް (އެފްޑީއައި) މަގުފަހިކުރުމުގެ ގޮތުން އެތައް މުހިންމު އިޞްލާހުތަކެއް ގެންނެވިއެވެ. މިފަދަ ސިޔާސަތުތަކާއި، އިޞްލާހުތަކުގެ ސަބަބުން އިންޑިއާގެ އިޤްތިޞާދު އާ މަގަކަށް އެޅި، އިޤްތިޞާދީ ހެޔޮ ބަދަލުތަކެއް އިންޑިޔާއަށް ގެނެވުނެވެ.

ވަޒީރުލްއަޢުޒަމްގެ ދައުރު

އިންޑިއާގެ 13 ވަނަ ވަޒީރުލްއަޢުޒަމްގެ ގޮތުގައި (2004-2014) ޑރ. ސިންގް ގެންނެވި އިޞްލާހުތައް ވަރަށް ގިނައެވެ. މި ދުވަސްވަރު އިންޑިއާގެ އިޤްތިޞާދު އަހަރަކު 6.7% ކުރިއެރިއެވެ. 2008 ގެ ދުނިޔޭގެ މާލީ ހީނަރުކަމުން އިންޑިއާ ސަލާމަތްކުރުމަށް އޭނާ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި މަނިޓަރީ ޕޮލިސީ ލުއިކުރެއްވުމާއި، ފިސްކަލް ސްޓިމިއުލަސް ތަޢާރަފުކުރެއްވުން ހިމެނެއެވެ.

އިޖްތިމާޢީ އިޞްލާހުތައް

އިޤްތިޞާދީ އިޞްލާހުތަކުގެ އިތުރުން، އާންމު ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރެއްވުމަށް ވެސް އެތައް ޕްރޮގްރާމްތަކެއް ތަޢާރަފުކުރެއްވިއެވެ. މީގެ ތެރޭގައި:

  • މަހާތްމާ ގާންދީ ނެޝަނަލް ރޫރަލް އެމްޕްލޯއިމަންޓް ގެރެންޓީ އެކްޓް (އެމްޖީއެންއާރްއީޖީއޭ) - ރަށްފުށުގެ ކޮންމެ ގޭބިސީއަކަށް އަހަރަކު 100 ދުވަހުގެ ވަޒީފާގެ ފުރުޞަތު ހުޅުވާލުން
  • ތަޢުލީމީ ޙައްޤުގެ ޤާނޫނު އުފެއްދުން
  • އެމެރިކާއާއެކު ވެވުނު ސިވިލް ނިއުކްލިއަރ އެއްބަސްވުން
  • ނެޝަނަލް ފުޑް ސެކިއުރިޓީ އެކްޓް
  • ލޭންޑް އެކުއިޒިޝަން އެކްޓް
  • ދަނޑުވެރިންގެ ދަރަނި މާފުކުރުމުގެ ޕްރޮގްރާމް
  • ޝެޑިއުލްޑް ކާސްޓް، ޝެޑިއުލްޑް ޓްރައިބް އަދި އޯބީސީ ގިންތިތަކަށް އިޖްތިމާޢީ ޢަދުލުވެރިކަން ކަށަވަރުކޮށްދިނުމަށް 93 ވަނަ ޤާނޫނީ އިޞްލާހު
  • މަޢުލޫމާތު ހޯދުމުގެ ޙައްޤުގެ ޤާނޫނު (އާރްޓީއައި)
  • އަދިވެސް އެތައް އިޞްލާހެއް ގެންނެވި

އާދާރް ޕްރޮޖެކްޓް

މިއަދު އިންޑިއާގައި ކާމިޔާބުކަމާއެކު ހިންގޭ ޑައިރެކްޓް ބެނެފިޓް ޓްރާންސްފަރ (ޑީބީޓީ) ނިޒާމުގެ އަސާސްކަމުގައިވާ އާދާރް ޕްރޮޖެކްޓް ފެށްޓެވީ ވެސް ޑރ. ސިންގްގެ ވެރިކަމުގައެވެ. މި ނިޒާމުގެ ސަބަބުން ސަރުކާރުގެ އެހީތަކާއި އިނާޔަތްތައް ސީދާ ޙައްޤުވެރިންނާ ހަމައަށް ފޯރުކޮށްދިނުން ފަސޭހަވެގެން ދިޔައެވެ.

ޢިލްމީ އަދި އިންސާނީ ސިފަތައް

ޢިލްމީ އަދި މަޑުމައިތިރި ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ ޑރ. ސިންގްއަކީ އދ އާއި އިންޑިއާ ރިޒާވް ބޭންކުގައި ވެސް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ އިޤްތިޞާދީ ތަޢުލީމާއި ތަޖުރިބާ އިންޑިއާގެ ތަރައްޤީގެ ސިޔާސަތުތައް އެކަށައެޅުއްވުމަށް ވަރަށް ބޮޑަށް މަގުދެއްކިއެވެ. އިޚްލާޞްތެރިކަމާއި، މަޑުމައިތިރިކަމާއި، އިންސާނިއްޔަތުކަމަކީ އޭނާގެ ކިބައިގައި ހުރި ސިފަތައްކަމަށް ގިނަބަޔަކު އެއްބަސްވާ ސިފަތަކެކެވެ.

ނިންމުން

ޑރ. މަންމޯހަން ސިންގްގެ ލީޑަރޝިޕްގެ ދަށުން އިންޑިއާގެ އިޤްތިޞާދު ދުނިޔޭގެ އެންމެ ބާރުގަދަ އިޤްތިޞާދުތަކުގެ ތެރެއަށް ވަނެވެ. އޭނާގެ އިޤްތިޞާދީ އިޞްލާހުތަކާއި އިޖްތިމާޢީ ޢަދުލުވެރިކަމުގެ ވިސްނުމަކީ އިންޑިއާގެ ކުރިމަގު އުޖާލާކުރުމަށް މަގުދައްކައިދޭ އަލިމަގެކެވެ. އިންކްލޫސިވް ގްރޯތްއާއި ބައިނަލްއަޤްވާމީ ޑިޕްލޮމަސީގައި އޭނާ ދެއްކެވި ލީޑަރޝިޕްގެ ސަބަބުން އިންޑިއާގެ ބައިނަލްއަޤްވާމީ މަޤާމު އިތުރަށް ވަރުގަދަވެގެން ދިޔައެވެ. އެހެންކަމުން ޑރ. މަންމޯހަން ސިންގް އަކީ އިންޑިޔާގެ ރައްޔިތުންގެ މެދުގައި މަގުބޫލު ޝަހުސިއްޔަތެކެވެ. އޭނާގެ މަރު ވެގެން ދިޔައީ އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ހިތާމައަކަށެވެ.