ޚަބަރު

ބޭސްފަރުވާއަށް ބޭރަށްދާ ފަރާތްތަކަށް، އާސަންދައާއި އެންސްޕާ އިން ކުރިން ލިބުނު ބައެއް ޚިދުމަތްތައް ނުލިބި އެތައް ބަޔަކު ހޮސްޕިޓަލްތަކުގައި ހާލުގައި ޖެހިއްޖެ

ދިޔަވަރު
ބޭސްފަރުވާއަށް ބޭރަށްދާ ފަރާތްތަކަށް، އާސަންދައާއި އެންސްޕާ އިން ކުރިން ލިބުނު ބައެއް ޚިދުމަތްތައް ނުލިބި އެތައް ބަޔަކު ހޮސްޕިޓަލްތަކުގައި ހާލުގައި ޖެހިއްޖެ

ބޭސްފަރުވާއަށް ބޭރަށްދާ ފަރާތްތަކަށް، އާސަންދައާއި އެންސްޕާ އިން ކުރިން ލިބުނު ބައެއް ޚިދުމަތްތައް ނުލިބި އެތައް ބަޔަކު ހޮސްޕިޓަލްތަކުގައި ހާލުގައި ޖެހިފައި ވާކަން އެކި މަސްދަރު ތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

ބޭސްފަރުވާއަށް ފުރައިގެން ދަނީ އާސަންދަ ލިބޭނެ ކަން ޔަގީން ކޮށް ދިނުމުން ކަމަށާއި، ނަމަވެސް، ޑޮކްޓަރަށް ދެއްކުމަށް ފަހު، ހަދަން ޖެހޭ ބައެއް ޓެސްޓް ތައް ހެދުމަށް ފަހު، އޮޕްރޭޝަން ކުރުން ފަދަ ކަމެއް ޖެހިއްޖެ ހާލަތެއްގައި މިހާރުގެ ސަރުކާރުން އާސަންދައެއް އަދި އެންސްޕާއެއް ނުދޭ ކަމަށް އެފަރާތްތަކުން ހާމަ ކުރެއެވެ.

ޑޮކްޓަރަށް ދެއްކުމާއި، ޓެސްޓްތައް ހެދުމަށް މާ ބޮޑު ޚަރަދެއް ކުރަން ނުޖެހޭ އިރު، އެއީ އާސަންދަ އިން ލިބޭ ޚިދުމަތަށް ބަދަލުވެފައި، ފަރުވާއަށް ބޭނުންވާ އޮޕަރޭޝަންތަކަށް ނުވަތަ ދިގު މުއްދަތުގެ ފަރުވާތަކަށް އާސަންދަ ދިނުމަށް އިންކާރު ކުރުމުން އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

އޮޕަރޭޝަން ތަކަށް ބައެއް ފަހަރަު އެތައް ލައްކަ ރުފިޔާއެއް އަރައެވެ. ނޫނީ އެތައް ހާސް ރުފިޔާއެއް އަރައެވެ. ބޭރަށް ބޭސްފަރުވާ އަށް ދާ ކޮންމެ މީހަކު އަތުގައި އެވަރުގެ ތަނަވަސް ކަމެއް ނުހުރެއެވެ. ދެން މި ޖެހެނީ އާދޭސް ކޮށްގެން މީހުން އަތުން ލޭންދޭނަށް ފައިސާ ހޯދަން ކަމަށާއި، ރައްޓެހިން އަތުގައިވެސް މިހާރަކު ފައިސާ އެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ހާމަ ކުރެއެވެ.

އިޤްތިޞާދީ ހާލަތު ދަށްވެ، ވިޔަފާރިތައް ދަށްވެ، ތަކެތީގެ އަގު އެތައް ގުނައަކަށް ބޮޑުވަމުން ދާދިޔުމުގައި ގިނަ ބަޔަކަށް ވަނީ ދަތިހާލު ކުރިމަތިލާން ޖެހިފައެވެ. މިހާލުގައި ޤައުމު އޮއްވައި އާސަންދައިން ރައީސް މުއިއްޒު ޓީވީ އަށް 35 މިލިއަން ޚަރަދު ކޮށް، އެތައް މިލިއަނެއް ކޮރަޕްޝަނަށް އިސްރާފުކޮށް، ރައްޔިތުން ބޭސް ފަރުވާއިން މަޚުރޫމު ކުރުމަކީ، ނިޒާމުގެ ތެރެއިން ބޭސްފަރުވާ ނުލިބި ރައްޔިތުންތަކެއް ވާނެ ގޮތެއް ވާން ދޫކޮށްލުމެވެ. މިއީ އަނިޔާވެރިކަމެވެ. އާސަންދަ އާއި އެންސްޕާއަކީ ރައްޔިތުން ފުރާނައާއި ގުޅިފައިވާ ނިޒާމެއް، މި ނިޒާމާއި މިހެން ކުޅުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ރައްޔިތުންގެ ފުރާނައިގެ އަގު އެ ސަރުކާރެއްގެ ކުރިމަތީ ނެތް ސަރުކާރެއްގެ ފަހަތުގައި ތިބުމަކީ ދުނިޔޭގައި ހެޔޮ ބުއްދި ހުރި އެއްވެސް ބަޔަކު ކުރާނެ ކަމެއް ނޫނެވެ.