ޚަބަރު

އެޗްޑީސީ އާއި އެންސްޕާގެ ހިޔާނާތް އޮއްބާލަން ސަރުކާރުން މަސައްކަތްކުރަނީ އިދިކޮޅު ފަރާތްތަކަށް ބިރު ދައްކައިގެން: އެމްޑީޕީ

ދިޔަވަރު
އެޗްޑީސީ އާއި އެންސްޕާގެ ހިޔާނާތް އޮއްބާލަން ސަރުކާރުން މަސައްކަތްކުރަނީ އިދިކޮޅު ފަރާތްތަކަށް ބިރު ދައްކައިގެން: އެމްޑީޕީ

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި، އެންސްޕާ އަދި އެޗްޑީސީން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ސަރުކާރުން އޮއްބާލަމުންދަނީ އިދިކޮޅު ފަރާތްތަކަށް ބިރުދައްކައިގެންކަމަށް އެ ޕާޓީން ބުނެފިއެވެ.

އެގޮތުން، ކުރީގެ އާރްޑީސީ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)ގެ ގެއަށް މެންދަމު ފުލުހުން ވަދެ، ބަލައި ފާސްކުރުމަކީ އިދިކޮޅު ފަރާތްތަކަށް ކުރި ފުރައްސާރައިގެ އެއް ހެކި ކަމަށް އެމްޑީޕީން ބުނެއެވެ. 14 މިލިއަން ރުފިޔާ ހިމެނޭ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އިތުރު ދެ ތަނަކުން ވެސް ބައެއް އިލެކްޓްރޯނިކް ސާމާނު ހޯދާފައެވެ.

އެމްޑީޕީން ބުނާގޮތުގައި، މި މައްސަލަ އަލުން ފެންމަތިކުރީ އެންސްޕާ އަދި އެޗްޑީސީގެ ކޮރަޕްޝަން މައްސަލަތަކުގެ އަޑު ކަނޑުވާލުމަށެވެ. އެޗްޑީސީގެ ބިންވެރިޔާ މައްސަލައިގައި ލިސްޓުގައި ނުހިމެނޭ ގިނަ ބަޔަކަށް ގޯތި ދީފައިވީނަމަވެސް، މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުން އިސްކަމެއް ނުދޭކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ދެކޮޅަށް ޖިނާއީ ތަހުގީގު ހިންގުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކޮށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނަށް ގެނައި ބަދަލާއެކު އެ ކޮމިޝަނުގެ މިނިވަންކަން ގެއްލިފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މިއީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ޑިމޮކްރެޓިކް ނިޒާމުގެ އުސޫލުތަކާ ޚިލާފަށް، އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކޮށް، އިދިކޮޅު ފަރާތްތަކުގެ އަގު ވައްޓާލުމަށް ހިންގާ ސިޔާސީ އަމަލުތަކެކެވެ.