ޗައިނާ-ދިވެހިރާއްޖޭގެ މިނިވަން ވިޔަފާރި އެއްބަސްވުން (އެފްޓީއޭ) އަންނަ މަހު ތަންފީޒުކުރަން ފެށުމާއެކު، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ. މި އެއްބަސްވުމުގެ ދަށުން 296 ބާވަތެއްގެ ކަނޑުގެ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ މުޅިން މަޢާފުކުރެވޭއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ދުރު މުސްތަޤުބަލުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކަކަށް ސަމާލުވާން ޖެހެއެވެ.
މި އެއްބަސްވުމުގެ ސަބަބުން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ދިވެހި މަސްވެރިންނަށް ކުރިމަތިވެދާނެ ވާދަވެރިކަމެވެ. ޗައިނާއިން އެތެރެކުރެވޭ އަގުހެޔޮ މަހުގެ ބާވަތްތަކުގެ ސަބަބުން ދިވެހި މަސްވެރިންގެ އުފެއްދުންތަކަށް ލިބޭ އަގަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ޗައިނާގައި އުފައްދާ މަސްދަޅާއި، މަހުގެ އެކި ބާވަތްތައް ރާއްޖޭގައި އުފައްދާ އަގަށްވުރެ ހެޔޮ ކޮށް ރާއްޖެއަށް އެތެރެ ކުރެވެއެވެ. ޑިޔުޓީއެއް މިކަމުގެ މައްޗަށް ނެތުމުން މީގެ ގެއްލުން ކުރިމަތިވާނީ ރާއްޖޭގެ މަސްވެރިންނަށެވެ. މީގެ އިތުރުން، މަސްވެރިކަމުގެ އާލާތްތަކާއި ތަކެތީގެ ޑިއުޓީ މަޢާފުކުރެވުމުގެ ސަބަބުން ދިވެހި މަސްވެރިކަން ޗައިނާގެ އިމްޕޯޓްތަކަށް ބަރޯސާވުން އިތުރުވެދާނެއެވެ.
ޗައިނާއަށް ރާއްޖޭގެ ކަންނެލި އެކްސްޕޯޓް ކުރެވުނަސް، އެއީ ޗައިނާގެ ރައްޔިތުން އާންމުކޮށް ކެއިން ބުއިމަށް ބޭނުން ކުރާ މަހުގެ ބާވަތެއް ނޫނެވެ. ޗައިނާއިން ކަންނެލި ބާނައި، ޕެކްކޮށް މަސްދަޅުތައް އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރަނީއެވެ. ޗައިނާގައި ބޭނުންކުރާ ސަޝިމީ-ގްރޭޑް ޓޫނާ އަކީ ވަރަށް ކުޑަ މާކެޓެކެވެ.
ޗައިނާއިން އާންމުކޮށް ބޭނުން ކުރާ މަހަކީ ކޯރު މަހެވެ. އެންމެ ގިނައިން ބޭނުން ކުރާ ކާޕް، ޓިލާޕިއާ، ޔެލޯ ކްރޯކަރ އަކީ ދިވެހި ނަންނަން އެއަށް ނުވެސް ނެތް ކޯރު މަސްތަކެކެވެ. މިއީ ދިވެހިން އެއްވެސް ގޮތަކަށް ދަންނަ މަހެއްވެސް ނޫނެވެ. ކަނޑު މަހެއްް ގޮތުގައި ޗައިނާގައި ކައި ކުޅެނީ ވާލި މަހެވެ. މިއީވެސް ދިވެހި ކަނޑުތަކުން އާންމުކޮށް ފެންނަ މަހެއް ނޫނެވެ.
ދެން، ޗައިނާ-ދިވެހިރާއްޖޭގެ މިނިވަން ވިޔަފާރި އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގެ ދާއިރާއަށް ދިވެހިންނަށް ލިބޭނެ ފައިދާއެއް އޮތްތޯ ވިސްނާލައްވާށެވެ. ނެތެވެ. އެއްވެސް ފައިދާއެއް ނެތެވެ.
ދެން އޮތީ ލަނޑާ ފަދަ މަހުގެ އެހެން ބާވަތްތަކެވެ. ރާއްޖެއިން ޗައިނާއަށް ސީދާ ލަނޑާ އެކްސްޕޯޓް ކުރުމުގެ ހުއްދައެއް ޗައިނާ ސަރުކާރަކުން ނުދެއެވެ. ވަކި ސްޓޭންޑަޑެއް ހުންނަން ޖެހޭނެ ކަމަށް ބުނެ، އެ ފުރުޞަތެއް ނުދެއެވެ. ދިވެހިން ޗައިނާއަށޭ ބުނެ އެކްސްޕޯޓް ކުރަނީ ހޮންކޮންގް އަށެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންވެސް މިފުރުޞަތެއް ޗައިނާއިން ރާއްޖެއަކަށް ނުދިނެވެ.
ރާއްޖެއަށް ގެއްލުން ބޮޑު ޗައިނާ-ދިވެހިރާއްޖޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރާއިރު، ދިވެހި މަސްވެރިކަމުގެ ދާއިރާ ހިމާޔަތްކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މީގެ ތެރޭގައި ދިވެހި މަސްވެރިންގެ އުފެއްދުންތަކަށް ޚާއްސަ މާކެޓިންގ ސްޓްރެޓެޖީއެއް އެކުލަވާލުމާއި، މަސް ޕްރޮސެސްކުރުމުގެ ވަސީލަތްތައް ތަރައްޤީކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން، ދެމެހެއްޓެނިވި މަސްވެރިކަމެއް ކަށަވަރުކުރުމަށް ބޭނުންވާ ޤަވާއިދުތައް ހަރުދަނާކުރުމަކީވެސް މުހިންމު ކަމެކެވެ.