ޗައިނާއާއި އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއަށް އޮތީ ގެއްލުމާއި އަޅުވެތިކަމެވެ. މިއީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް މިފަދަ ގެއްލުން ބޮޑު އެގްރީމެންޓެއް ކުރިއަށް ގެންދިޔުމަށް ނިންމި ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން ރާއްޖެ އަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ގެއްލިގެން ދާއިރު, ޓެކްނޮލަޖީއާއި ތަރައްޤީގެ އާ އީޖާދީތަކާއި އެފަދަ އީޖާދީތަކަށް ދިވެހިން އަހުލުވެރި ކުރުންފަދަ ރާއްޖެއަށް ފައިދާހުރި އެއްވެސް ކަމެއް މި އެއްބަސްވުމުގައި ހިމެނިފައި ނުވެއެވެ.
މި ލިޔުމުގައި ތަފްސީލަށް ނުގޮސް ބަލާލާނީ ކުރު ގޮތަކަށް ރާއްޖެއަށް މި އެއްބަސް ވުމުން ލިބޭ ގެއްލުމަށެވެ. އޭގެ ފަހުން, ރާއްޖެއަށް ގެއްލުން ލިބޭ ކޮންމެ ދާއިރާއެއް ފާހަގަ ކޮށް އެއަށް ތަފްސީލީ ރިޕޯޓް ތައް މި ނޫހުން ގެނެސް ދެމުން ދާނަމެވެ. ރާއްޖެއިން ސޮއެ ކުރި މި އެއްބަސްވުމުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ހައްދެއް ނެތެވެ.
- ދިވެހި ސަރުކާރުގެ އާމްދަނީގެ ބޮޑު ބައެއް ބިނާވެފައިވަނީ އިމްޕޯޓް ޑިއުޓީގެ މައްޗަށެވެ. ވޭތުވެދިޔަ 3 އަހަރު ވެސް އިމްޕޯޓް ޑިއުޓީ ހިމެނިފައި ވަނީ ރާއްޖޭގެ އެންމެ މަތީ 3 ޓެކްސް އާމްދަނީގެ ތެރޭގައެވެ. އެފްޓީއޭގެ ދަށުން ޗައިނާއިން އެތެރެކުރެވޭ މުދަލުގެ 95% އަށް ވުރެ ގިނަ މުދަލުގެ އިމްޕޯޓް ޑިއުޓީ 5-8 އަހަރުގެ ތެރޭގައި ނެގުން ހުއްޓާލަންޖެހެއެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އާމްދަނީ އަހަރަކު 55 މިލިއަނާއި, 70 މިލިއަނާއި ދެމެދުގެ އަދަދަކަށް ޑޮލަރު ދަށްވާނެ ކަމަށް ލަފާކުރެވެއެވެ.
- ދިވެހިރާއްޖޭގެ ވިޔަފާރީގެ ބެލެންސް ވަރަށް ބޮޑަށް ނެގެޓިވްވެފައިވެއެވެ. އިނގިރޭސިން ބުނާނަމަ, ރާއްޖެއަކީ ޓްރޭޑް ޑިފިސިޓް ޤައުމެކެވެ. އިމްޕޯޓްކުރާ މިންވަރު އެކްސްޕޯޓްކުރާ މިންވަރަށްވުރެ މާ ބޮޑެވެ. 2015 އާއި 2021 އާ ދެމެދު، އެވްރެޖްކޮށް އަހަރަކު 2.3 ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، އެކްސްޕޯޓްކޮށްފައިވަނީ އެވްރެޖްކޮށް އަހަރަކު 317 މިލިއަން ޑޮލަރުގެ މުދަލެވެ. ޗައިނާ ފަދަ ގިނަ އަދަދެއްގެ މުދާ އެކްސްޕޯޓް ކުރާ ގައުމަކާއެކު އެފްޓީއޭއެއް ހެދުމުން މި ބެލެންސް އިތުރަށް ގޯސްވެ، ޗައިނާގެ މުދަލަށް ބަރޯސާވުން އިތުރުވެދާނެއެވެ. ނަމަވެސް ރާއްޖެއިން ޗައިނާއަށް ކުރާ އެކްސްޕޯޓް އިތުރުވެގެން ނުދާނެއެވެ.
- އިޤްތިޞާދީ ފުޅާ ކުރުމުގެ ފުރުޞަތު ގެއްލުން: ދިވެހިރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. ރާއްޖެއަކީ ހުރިހާ މުދަލެއް ވެސް އިމްޕޯޓްކުރަންޖޭ ޤައުމެކެވެ. އެފްޓީއޭ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް, އައު އެކްސްޕޯޓް ވިޔަފާރިތައް ތަރައްޤީކުރުމަށް މާ ބޮޑު ފުރުޞަތެއް ނުލިބޭނެއެވެ. ސަބަބަކީ ޗައިނާގެ މާކެޓަށް ވަދެވުނު ކަމުގައިވިޔަސް، ރާއްޖޭގައި އެކްސްޕޯޓަށް އަމާޒުކޮށް އުފެއްދޭނެ މުދާ މަދުވުމެވެ. ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ މަހަށްވެސް, ޗައިނާގެ މާކެޓެއް ނެތެވެ.
- އިމްޕޯޓް ޑިއުޓީ ކެނޑުމުން, އާންމުންނަށް ވާނެ ފައިދާއެއް ނެތުން: އެފްޓީއޭގެ ސަބަބުން އިމްޕޯޓް ޑިއުޓީ ކުޑަވުމުން މުދަލުގެ އަގު ދަށްވެދާނެއެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތަށް ވިސްނާއިރު މީގެ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ނުލިބޭނެއެވެ. ބޭރުން މުދާ ލިބޭ އަގު ހެޔޮވެގެން ބާޒާރުގައި އަދި ރާއްޖޭގައި މުދަލުގެ އަގު ހެޔޮ ވެފައި ނުވެއެވެ.
- ސިޔާސީ އަދި އިސްތިރާޖީ ބަރޯސާވުން: އެފްޓީއޭގެ ސަބަބުން، ރާއްޖެ ޗައިނާއަށް އިޤްތިޞާދީގޮތުން އިތުރަށް ބަރޯސާވާން ޖެހިދާނެއެވެ. މިކަމުގެ ސަބަބުން ސިޔާސީ އަދި އިސްތިރާޖީ ނިންމުންތައް ނިންމުމުގައި ޗައިނާގެ ނުފޫޒު ބޮޑުވެ އޭގެ އަސަރު, ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ފޯރާނެއެވެ. ޚާއްޞަކޮށް ރާއްޖެ ފަދަ ކުޑަ އަދި ބަރޯސާވެފައިވާ އިޤްތިޞާދެއްގައި މިކަން ވަރަށް ވެގެން ދާނީ ވަރަށް ބޮޑު ނުރައްކާތެރި ކަމަކަށެވެ.
- މާލީ ހާލަތު: ރާއްޖޭގެ މިހާރުގެ މާލީ ހާލަތު ރަނގަޅެއް ނޫނެވެ. ދަރަނި އިތުރުވެ، ބަޖެޓު ޑެފިސިޓް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އާމްދަނީ ލިބޭ މުހިންމު ވަސީލަތެއް ކުޑަކުރުމަކީ ރަނގަޅު ވިސްނުމެއް ނޫނެވެ. ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އާމްދަނީ އިތުރުކުރަން މަސައްކަތްކުރަންޖެހޭ ދަނޑިވަޅެއްގައި އާމްދަނީ ކުޑަވާނެ ކަމެއް ކުރުމަކީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ވި އިހުމާލެކެވެ.
ރާއްޖެ މިފަދަ އިޤްތިޞާދީ ހާލަތެއްގައި އޮއްވައި މިފަދަ ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ބޮޑު ގެއްލުމެއް އޮތް އެއްބަސްވުމެއްގައި ސަރުކާރުން ސޮއެ ކުރިކުރުމަކީ ދިވެހި ޤައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމުގައި ސަރުކާރުގެ އެއްވެސް ރޭވުންތެރިކަމެއް ނެތްކަން ދައްކުވައިދިން ކަމެކެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން, ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ނަގާލައި, ރާއްޖޭގެ އިސްތިޤްލާލު މި ސަރުކާރުން ޗައިނާގެ އަތަށް ދޫކޮށްލުމަކީ ދިވެހި މުޅި ޤައުމު އެކަމާއި ކަރުނައަޅާ ރޯނެ ކަމެކެވެ.