ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ދަށުން މިއަހަރުގެ މިހާތަނަށް 450،936 ގަސް އިންދައި އިރު އޭގެ ތެރެއިން %85 އަކީ ވަލުން އުފުރި ގަސްކަން މުއުތަބަރު ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި މި ޕްރޮގުރާމަކީ ތިމާވެއްޓާއި ގުޅޭ ގޮތުން އަލްޖަޒީރާއަށް ދެވުނު އިންޓަވިއުއާއި އެކު، ތިމާވެއްޓާއި ބީރައްޓެހި މީހެއް ގޮތުގައި އޭނާ ސިފަވުމުން، އެކަމުން ސަލާމަތް ވުމަށް ފެއްޓި އެއްވެސް އިހްލާސްތެރި ކަމެއް އޭގައި ނެތް މަޝްރޫއެކެވެ. އޭގެ ދުވަސްކޮޅެއް ފަހުން ޑރ. މުޙައްމަދު މުޢިއްޒު މި ޕްރޮގްރާމް އިޢުލާންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ބޭއްވުނު ކޮޕް-28 ސަމިޓުގައެވެ.
އެންވިޔަރަންމެންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޕްރޮގުރާމްގެ ދަށުން 4،219،456 ގަސް އިންދުމަށް 70 ތަނަކުން ވައުދު ވެފައިވެއެވެ. މާލެއާއި އަތޮޅުތަކުގައިވެސް މި ޕްރޮގުރާމްގެ ދަށުން ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ދާއިރު، ރަށްރަށުގައި ޖަހާ %99 ގަހަކީ އެރަށުގެ ވަލުތެރެއިން އުފުރައިގެން ގެންނަ ގަސްތައް ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. މާލޭގައި ބައެއް ގަސްތައް ނާސަރީތަކުން ގަނެގެން ޖަހާ ކަމަށާއި %85 އާއި %90 ދެމެދު ގަހަކީ ރާއްޖޭގައި ހުރި ގަސް ކަމަށާއި، ބޭރުން ގެނެސްގެން ވަރަށް މަދު ގަހެއް ނޫނީ މިއަހަރު ޖަހާފައި ނުވާކަމަށް އޭނާ ހާމަ ކުރިއެވެ.
ވަލުން ގަސް އުފުރައި އެހެންތަންތާ ޖެހުމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ވަނީ ހީނުކުރާވަރުގެ ބޮޑު ގެއްލުމެއް ލިބިފައެވެ. އަދި މީގެ ތެރެއިން ގިނަ ގަސްތަކެއް ވަނީ މަރުވެފައެވެ.
ކުރިއާއި ޚިލާފަށް ބޭރުން ގަސް ގެނައުމަކީ މިހާރު ޚަރަދު ބޮޑު މަސައްކަތެއް ކަމަށާއި، އެފަދަ ކަމަކަށް އެއްވެސް ކައުންސިލެއްގައި އަދި އޮފީހެއްގައި ބަޖެޓެއް ނެތް އިރު، އެއީ ކުރެވޭނެ ކަމެއްވެސް ނޫން ކަމަށް އޭނާ ހާމަ ކުރިއެވެ.
އެންވިޔަރަންމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް މި ޕްރޮގްރާމްގެ ކާމިޔާބު ވަރު ހާމަ ކުރުމަށް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ދުވަހު އެކަނި 398،000 ގަސް އިންދާފައި ވާ ކަމަށެވެ. ފުރަތަމަ ދުވަހު އިންދިކަމަށް ބުނެފައި އެވަނީ މިހާތަނަށް އިންދި ހުރިހާ ގަހެއްގެ 88.26 ޕަސެންޓް ގަހެވެ. އެހެން ކަމުން މިއީ ކުރިއެރުމަކަށް ވީ ގޮތެއް އެއްވެސް ގޮތަކަށް ނޭނގެއެވެ. ވަލުން އުފުރި މި ގަސްތަކުގެ ތެރެއިން ގިނަ ގަސްތައް މަރުވުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުވެއެވެ.