ޚަބަރު

ރައްޔިތުންނަށް އާސަންދައާއި، އެންސްޕާ ނުލިބި ޝަކުވާ އިތުރުވެފައި ވަނިކޮށް، 2023 އަށް ވުރެ މިއަހަރު 398.2 މިލިއަން ރުފިޔާ އިތުރަށް އެކަމަށް ޚަރަދު ކުރިކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓްތަކުން ހާމަވެއްޖެ!

ދިޔަވަރު
ރައްޔިތުންނަށް އާސަންދައާއި، އެންސްޕާ ނުލިބި ޝަކުވާ އިތުރުވެފައި ވަނިކޮށް، 2023 އަށް ވުރެ މިއަހަރު 398.2 މިލިއަން ރުފިޔާ އިތުރަށް އެކަމަށް ޚަރަދު ކުރިކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓްތަކުން ހާމަވެއްޖެ!

ރައްޔިތުން އާސަންދަ އާއި އެންއެސްޕީއޭގެ ޚިދުމަތްތައް ނުލިބޭކަމުގެ ޝަކުވާ އިތުރުވަމުންދާއިރު، މިނިސްޓްރީ އޮފް ފިނޭންސްގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި މި ދެ ދާއިރާއިން ކުރެވޭ ޚަރަދު ވަނީ އިތުރުވެފައެވެ.

އެންސްޕާގެ ޚަރަދުތައް ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު 13.2 އިންސައްތަ އިތުރުވެފައެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި 2,797.1 މިލިއަން ރުފިޔާ ޚަރަދުކުރެވުނުއިރު، 2024 ގެ ޑިސެމްބަރު 19 ގެ ނިޔަލަށް 3,165.7 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ. މިއީ 368.6 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ނަމަވެސް އެންސްޕާއިން ވަނީ އެ ޚިދުމަތް ދިނުން މިއަހަރު ކަނޑާލާފައެވެ. އަދި ކުރިން ލިބެމުންދިޔަ ޚިދުމަތްތައް ނުލިބޭ ޝަކުވާ ވަނީ އިތުރުވެފައެވެ.

ހަމައެހެންމެ، އާސަންދައިގެ ޚަރަދުތަކަށް ބަލާއިރު، 2023 ގައި 2,022.0 މިލިއަން ރުފިޔާ ޚަރަދުކުރެވުނުއިރު، 2024 ގައި 2,051.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ. މިއީ 29.6 މިލިއަން ރުފިޔާ ނުވަތަ 1.5 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއަހަރަށް ކަނޑައެޅުނު ބަޖެޓަށްވުރެ 53.1 މިލިއަން ރުފިޔާ އިތުރަށް ވަނީ ޚަރަދުކުރެވިފައެވެ.

ނަމަވެސް، މި އިތުރުވުންތަކާ ޚިލާފަށް، ގިނަ ރައްޔިތުން ވަނީ އާސަންދައިން ބޭސްފަރުވާގެ ޚިދުމަތްތަކާއި، އެންސްޕާގެ އެހީތެރިކަން ނުލިބޭކަމުގެ ޝަކުވާ ކުރަމުންނެވެ. މި ދެ މުއައްސަސާގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ނުލިބޭކަމަށް ބުނެ ޚިދުމަތް ހޯދާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

އެންސްޕާ އަކީ ސަރުކާރުގެ އެޖެންސީތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓް ލިބޭ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އަދި މިއަހަރު އެ މުއައްސަސާއަށް ކަނޑައެޅި 3,741.1 މިލިއަން ރުފިޔާގެ ބަޖެޓުން 19 ޑިސެމްބަރ 2024 އާއި ހަމައަށް ވަނީ 84.6 އިންސައްތަ ބޭނުންކޮށްފައެވެ.

ޚަރަދުތައް އިތުރުވަމުންދާއިރު، ޚިދުމަތުގެ ނުލިބޭ ކަމުގެ ޝަކުވާތައް އިތުރުވަމުންދިޔުމަކީ މި ފައިސާ ސަރުކާރުން ބޭނުން ކުރާ ގޮތާއި މެދު ސުވާލު އުފެދޭ ކަމެކެވެ.

2024 ވަނަ އަހަރު 2023 ވަނަ އަހަރާ އަޅާބަލާއިރު މި ދެ މުއައްސަސާގެ ޖުމްލަ އިތުރުވިވަރު:

އެންއެސްޕީއޭ އިތުރުވި މިންވަރު:

  • 2023: MVR 2,797.1 މިލިއަން
  • 2024: MVR 3,165.7 މިލިއަން
  • އިތުރުވި މިންވަރު: MVR 368.6 މިލިއަން

އާސަންދަ އިތުރުވި މިންވަރު:

  • 2023: MVR 2,022.0 މިލިއަން
  • 2024: MVR 2,051.6 މިލިއަން
  • އިތުރުވި މިންވަރު: MVR 29.6 މިލިއަން

ޖުމްލަ އިތުރުވި މިންވަރު: MVR 368.6 މިލިއަން + MVR 29.6 މިލިއަން = MVR 398.2 މިލިއަން

އެހެންކަމުން، 2024 ވަނަ އަހަރު މި ދެ މުއައްސަސާއަށް 2023 ވަނަ އަހަރަށްވުރެ އިތުރަށް ޖުމްލަ 398.2 މިލިއަން ރުފިޔާ ވަނީ ހޭދަކުރެވިފައެވެ. ނަމަވެސް ރައްޔިތުންނަށް އާސަންދަ ނުލިބި މިހާރުވެސް ހާލުގައި ޖެހިފައި ރާއްޖެއިން ބޭރުގައި މީހުން އެބަ ތިއްބެވެ. އެހެންކަމުން ސަރުކާރުން މިހުރިހާ ފައިސާއަކުން ކޮށްފައިވަނީ ކޮން ޚަރަދެއް ތޯއެވެ؟