ކޮންމެ ސަރުކާރެއްގެ ފެށުމާއެކު އަންނަ ހަނީމޫން (މާމުއި ހަނދުވަރު)ގެ ދުވަސް ވަރު ނިމިދުއުމަށްފަހު, އޭރަކު އޮންނަ ސަރުކާރެއްގެ މައްޗަށް އަބަދުވެސް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތައް ކުރެވެއެވެ. އެހެންނަމަވެސް އެގޮތުން ކުރެވޭ ތުހުމަތުތައް އާންމުކޮށް ވެގެން ގޮސްފައި ހުރީ ގިނަ ފަހަރަށް އިނދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަކަށެވެ. ހަގީގަތްތަކެއްވެސް އޭގައި އެކުލެވިގެން ނުވާކަމަށް ދުށުމަކީ ހަގީގަތާއި ޚިލާފް ވިސްނުމަކަށް ވެދާނެއެވެ.
އާދޭހެވެ! އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަތައް ތަފާތެވެ.
އެހެންނަމަވެސް ފާއިތުވި އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރުވެސް އެ ސަރުކާރުގެ މައްޗަށްވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިގެން ދިޔަނަމަވެސް, އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރުވެސް ކުރެވެމުން ދިޔައީ ތުހުމަތު ތަކެކެވެ. ސާބިތު ހެއްކެއްގެ މައްޗަށް ދެކެވިފައި ހުރީ މަދު ވާހަކަތަކެއްކަން ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު, މިސަރުކާރަށް އަހަރެއް ފާއިތުވެގެން ނުދަނީ, އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ފިޔަވާ މިރާއްޖޭގައި ހިގައިދިޔަ އެންމެ ބޮޑެތި ވައްކަންތައް މިސަރުކާރުގެ އެންމެ އިސްވެރިން ކޮށް, މުޅި ދައުލަތް މިވަނީ ލޫޓުވާލާފައެވެ. އޭގެތެރޭގައި އެންމެ ޚާއްސަކަމެއްގެ ގޮތުގައި ފާހަގަވާން އޮތީ ޚުދު ރައީސް މުއިއްޒުވެސް އެ ޚިޔާނާތުތަކުގައި ޝާމިލްވާކަން ސާބިތުވާން ހުރުމެވެ.
އެގޮތުން އެންމެ ފުރަތަމަ ފާހަގަވާން އޮތް ކަމަކީ 8 މަސްދުވަހުގެ ތެރޭގައި ރަސްމާލެ ހިއްކާ ނިންމާނެކަމަށް ބުނެ ރައީސް މުއިއްޒު ހެއްދެވިހާ ދޮގުތަކުގެ ނިވަލުގައި ހުންނަވާ ޚުދު އެމަނިކުފާނު ހިންގެވިހާ ކޮރަޕްޝަންގެ ޖަރީމާތަކެވެ. ކޮރަޕްޝަންގެ މިޖަރީމާގެ ތެރެއިން, ސްރީލަންކާގެ ރާޖޫ ނަމަކަށް ކިޔާ ބްރޯކަރެއް މެދުވެރިކޮށް ރައީސް މުއިއްޒު ވަނީ ރިޝްވަތުގެ އެތައްސަތޭކަ މިލިއަން ރުފިޔާއެއް އަމިއްލަފުޅަށް ނަންގަވާފައެވެ. އެފައިސާއިން ބައެއް މުއިއްޒު ޚަރަދު ކުރެއްވީ ފާއިތުވެރި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓު ގަތުމަށް ރިޝްވަތުގެ ގޮތުގައި ހޭދަ ކުރުމަށެވެ.
އެއަށްފަހު މުއިއްޒު ވަނީ ޑްރޯން ގަތުމަށް ދައުލަތުގެ މާލިއްޔަތުން 570 މިލިއަން ރުފިޔާ ޚަރަދު ކުރުމަށްފަހު އޭގެ ތެރެއިން 230 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި އަމިއްލަފުޅަށް ނަންގަވާފައެވެ.
ހަމައެއާއެކު ދެން ޖެހިގެން އައީ ރައްޔިތުންގެ ގޯތި ގެދޮރާއި ފްލެޓުން ކުރި ވައްކަންތަކެވެ. ފާހަގަވާން އޮތްކަމަކީ ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކާއި ގުޅުންހުރި ގޯތި ގެދޮރާއި ފްލެޓުން ފާޅުގައި ރޯމާދުވާލު ވައްކަންކުރި ސަރުކާރެއް މިނޫނީ ދިވެހި ތާރީޚު ދެކެފައި ނުވާކަމެވެ.
އެޗްޑީސީގެ އެމްޑީކަމުގެ މަގާމުގައި ވަޒީރުން ފެންވަރުގައި މުއިއްޒުގެ ފުރިހަމަ އިތުބާރާއެކު ހުންނަވާ ފަޒުލް ކުރިހާ ވައްކަމެއް ކޮށްފައިވަނީ ސީދާ މުއިއްޒުގެ އެންގުމަށެވެ. އަދި ފަޒުލް އޭނާގެ ބޭބެ ހިމެނޭހެން އެތައް ބަޔަކަށް ނުހައްގުން ހުޅުމާލޭގެ ގޯތިތައް ބަހާލިއިރު, އޭގެ ތެރޭގައި ސީދާ މުއިއްޒު ވިދާޅުވެެގެން ނުހައްގުން ގޯތި ދިން ފަރާތްތައްވެސް ހިމެނޭކަން ވަނީ ކަށަވަރު ވެފައެވެ.
އޭގެ އިތުރުންވެސް މުއިއްޒުގެ އެންގުމަށް ފަޒުލްވަމީ ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންނަށްވެސް އުސޫލުން ބޭރުން, ނުއަގުގައި ހުޅުމާލެއިން ގޯތި ވިއްކާފައެވެ. އެގޮތުން ގޯތިގަތް ފަރަތްތަކުގެ ތެރޭގައި ގިނައީ ރައީސް ޔާމިންގެ ދައުރުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ އަޑީގައި ތިބި "މުލު ވަގުން"ކަންވެސް ފާހަގަ ކޮށްލެވެއެވެ.
އޭގެ އިތުރުން, އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނަވާއިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު, މުއިއްޒު ޓީވީއަށް ޚަރަދު ކުރުމަށް ހިންގި 34 މިލިއަން ރުފިޔާގެ ބޮޑު ވައްކަމަކީވެސް ސީދާ މުއިއްޒު އަޑީގައި ހުންނަވައިގެން ހިންގާފައިވާ ބޮޑު ވައްކަމެއްކަން ފާހަގަ ކޮށްލެވެއެވެ.
ސަރުކާރުގެ ތެރެއިން ކޮރަޕްޝަން ނައްތާލާނެކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއްވެސް ނުވަނީސް ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކަށް އަރައިގަނެ, ގޯތި ގެދޮރުން ވައްކަން ކުުރިއިރު, މިވައްކަންތަކުގެ އަޑީގައި މިސަރުކާރުގައިވެސް ތިބީ ރައީސް ޔާމިންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ޚިޔާތުގެ އަޑީގައިވެސް ތިބި ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.
އާދޭހެވެ! ރައްޔިތުންގެ ވޯޓުންވިޔަސް, ދޮގާއި މަކަރާއި ހީލަތުން މުއިއްޒު ހޯދި ވެރިކަމުގެ މުގުލުގައި ތިބީ ބޮޑެތި ވަގުންކަން އެފަރާތްތަކުން މިދަނީ އަމަލާއި ބަހުން ޔަގީން ކޮށްދެމުންނެވެ. އެމީހުންނަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މުގުލުގައިވެސް ތިބި "މުލު ވަގުން"ނެވެ.