މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ހުށަހަޅާފައިވާ މައްސަލާގައި، ސުޕްރީމް ކޯޓުން މަސައްކަތް ކުރީ މިއަދަށް އަޑުއެހުންތައް ނިންމާލުމަށެވެ. ނަމަވެސް މައްސަލައަށް ތަދައްހުލުވެފައިވާ ދަ ޑިމޮކްރެޓްސްއިން އެދުނީ އިތުރު ފުރުސަތަކަށެވެ.
ލިޔެކިޔުންތައް ލަހުން ލިބުމުން މާދަމާއަށް ޑިމޮކްރެޓްސްއިން ހުށަހަޅާ ނުކުތާތައް ހުށަހަޅަން ފުރުސަތު ދީފައި އަޑުއެހުންތައް މިއަދަށް ނިންމާލައިފި އެވެ.
ޑިމޮކްރެޓްސްއިން ހުށަހަޅާ ނުކުތާތައް އިއްވުމަށް ދިން ފުރުސަތުގައި އެ ޕާޓީގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ވަކިވަކި މަޖިލިސް މެންބަރުންނަށް ތަދައްހުލުވާން ފުރުސަތު ނުލިބުމުން، ޕާޓީން ތަދައްހުލުވީ އިއްޔެ ހަވީރު ކަމަށެވެ.
މަޖިލީހުގެ ވަކިވަކި މެމްބަރުންނަކީ މި މައްސަލައާއި ގުޅޭ ބަޔަކަށް ނުވާއިރު، އެގޮތަށް ތަދައްހުލުވާން އެދުނީ، މިކަމުގައި ވަގުތު ދުއްވާލުމަށެވެ. ކޯޓުން އެ ފުރުސަތު ނުދިނީވެސް އެހެންވެއެވެ.
އިއްޔެ ހަވީރުން ފެށިގެން ސުޕްރީމް ކޯޓާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ލިޔެކިޔުންތައް ލިބުނީ ރޭ 10:00 ޖެހި ފަހުން ކަން ޝާއިރު ފާހަގަ ކުރެއްވި އެވެ. ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ހުށަހަޅާ ހުށަހެޅުންތަކަށް މާދަމާއާ ހަމައަށް ފުރުސަތެއް ދިނުމަށް ވަކީލު އެދިވަޑައިގަތެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނިންމެވީ އެ ފުރުސަތު ދެއްވުމަށެވެ. އެ ފުރުސަތު ދެއްވުމަށް ނިންމެވުމަށް ފަހު، މާދަމާ ހެނދުނު 9:00 ޖަހާއިރު އަޑުއެހުން އޮންނާނެ ކަން އިއުލާން ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް ވަނީ މަޖިލީސް މުޅިން ހިސޯރު ކޮށްފައެވެ. ޤާނޫނާއި ޚިލާފަށް އެކަމަށް ބާރު ދެމުން ދެނީ މަޖިލީސް އަމީން އާންމު ނިއުޝާއެވެ.