އެމްޑީޕީ ސަރުކާރުގެ ފުރަތަމަ އަހަރާ އަޅާބަލާއިރު، ޕީއެންސީ ސަރުކާރުގެ ފުރަތަމަ އަހަރުގެ ދަތުރުފަތުރުގެ ޚަރަދުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ހިސާބުތަކުން ދައްކާގޮތުގައި:
- 2024 ވަނަ އަހަރުގެ ދަތުރުފަތުރަށް 257.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު،
- 2019 ވަނަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 142.1 މިލިއަން ރުފިޔާއެވެ.
- މިއީ 115.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ސަރުކާރުގެ ދަތުރުފަތުރުގެ ޚަރަދު އިތުރުވެފައިވަނީ، ހަމައެކަނި އެމްޑީޕީގެ ފުރަތަމަ އަހަރާ އަޅާކިޔާއިރު ނޫނެވެ. އެމްޑީޕީގެ ރިޔާސަތުގެ ފަހު އަހަރު، 2023 ވަނަ އަހަރު، ދަތުރުފަތުރަށް ޚަރަދުކޮށްފައިވަނީ 244.2 މިލިއަން ރުފިޔާއެވެ.
އެމްޑީޕީ ސަރުކާރުން ދަތުރުފަތުރަށް ބޮޑު ޚަރަދެއް ކުރާކަމަށް ބުނެ ވެރިކަމަށް އައި މުއިއްޒުގެ ސަރުކާރުން، 2024 ވަނަ އަހަރުގެ 19 ޑިސެމްބަރާ ހަމައަށް އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރަށްވުރެ 13.6 މިލިއަން ރުފިޔާ އިތުރަށް ދަތުރުފަތުރަށް ޚަރަދުކޮށްފައިވެއެވެ.
ކަންބޮޑުވާންޖެހޭ ކަމަކީ، ނޫސްވެރިން ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ ތަފްސީލަށް އެދުމުން ދެނީ ކުޑަކުޑަ އަދަދުތަކެކެވެ. ނަމަވެސް، ބަޖެޓު ބޭނުންކޮށް ޚަރަދުކޮށްފައިވާ ހިސާބުތަކުން ދައްކަނީ ދަތުރުފަތުރަށް ބޮޑު އަދަދަކުން ޚަރަދުކޮށްފައިވާ ތަނެވެ. އެހެންކަމުން، ނޫސްވެރިންނަށް އާރްޓީއައި މެދުވެރިކޮށް ރައީސް އޮފީހުން ފޯރުކޮށްދޭ މަޢުލޫމާތުގައި ޞައްޙަނޫން މަޢުލޫމާތު ހުރިކަމަށް ބެލެވެއެވެ.
ރާއްޖޭގެ ރައްޔިތުން ދަތި ހާލުގައި އުޅެމުންދާއިރު، ރައީސް މުއިއްޒުގެ ދަތުރުފަތުރުގެ އިސްރާފު އިތުރަށް ފާހަގަކޮށްލެވޭ ކަންތައްތައް:
- 2024 ގެ ބަޖެޓުގައި ދަތުރުފަތުރަށް ކަނޑައެޅި 228.3 މިލިއަން ރުފިޔާއަށްވުރެ 29.5 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވެއެވެ.
- މިއީ އާސަންދައިގެ އަހަރީ ބަޖެޓުގެ 12.6 އިންސައްތައަށްވުރެ ބޮޑު އަދަދެކެވެ.
- ދަތުރުފަތުރަށް ކޮށްފައިވާ ޚަރަދަކީ ގިނަ މުހިންމު މުއައްސަސާތަކުގެ މުޅި އަހަރުގެ ބަޖެޓަށްވުރެ ބޮޑު އަދަދެކެވެ.
ރާއްޖެއަށް އެއްވެސް ފައިދާއެއް ނުވެ، މިފަދަ ބޮޑު ޚަރަދެއް ދައުލަތުން ކުރަމުންދާއިރު، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބެއެވެ. އާސަންދައިގެ ބައެއް ޚިދުމަތްތައް ހުއްޓިފައިވާއިރު، ތަކެތީގެ އަގުވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ދަރަނި އިތުރުވަމުންދާއިރު، މި ދަތުރުތަކުގެ ޚަރަދު ކުޑަކުރަން ޖެހެއެވެ.
ސުވާލު އުފެދެނީ މިހާ ގިނަ ދަތުރުތަކެއް ކުރަމުންދާއިރު، އޭގެ މަންފާ ރައްޔިތުންނަށް ނުފެންނަނީ ކީއްވެގެންތޯއެވެ؟ މުއިއްޒު ކުރެއްވި ދަތުރުތަކުން ރައްޔިތުންނަށް ހާސިލުވީ ކޮންކަމެއްތޯއެވެ؟