ސިޔާސީ

ބަޖެޓުން ކޮށްފައިވާ ޚަރަދުން ފެންނަން ހުރީ ސަރުކާރުގެ ސިއްރު ޚަރަދުތަކާއި، ވައްކަމާއި، ކޮރަޕްޝަނުގެ ގިނި

ދިޔަވަރު
ބަޖެޓުން ކޮށްފައިވާ ޚަރަދުން ފެންނަން ހުރީ ސަރުކާރުގެ ސިއްރު ޚަރަދުތަކާއި، ވައްކަމާއި، ކޮރަޕްޝަނުގެ ގިނި

ހިސާބެއް ދޮގެއް ނުހަދާނެއެވެ. ހިސާބުން ދައްކާނީ ކަން އޮތް ގޮތެވެ. ނުފޮރުވޭނެ ޙަޤީގަތް ތަކެވެ. މި ބަލާލަނީ 2024، 2023، 2022، 2021 ގެ ހިސާބުތަކަށެވެ. މިނިސްޓްރި އޮފް ފިނޭންސްގައި ހުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްތައް ބޭނުންކޮށްގެންނެވެ. މި ހަތަރު އަހަރު ޚަރަދު ކުރަމުން އައި އުސްލޫބު ބަދަލުވެފައިވާ ކަންކަމުން، ޚަރަދުތައް އިސްރާފުކޮށް އެއިން ކޮރަޕްޝަނާއި ވައްކަން ކުރި ގޮތް 2024 ގައި އެހެން އަހަރުތަކާއި ބޮޑުތަނުން ޚިލާފުވެފައިވާ ޕެޓާރން ތަކުން ފެންނަން އެބަހުއްޓެވެ.

އިދާރީ ކޮރަޕްޝަން؟

ދިޔަވަރު ނޫހުން ހިންގި ބަޖެޓް ތަޙްގީގުން އެންމެ ފުރަތަމަ ފާހަގަ ކުރެވުނު ކަމަކީ ތަރައްޤީގެ މަޝްރޫޢޫތައް މަދުވެފައިވާއިރުވެސް، އެކަމާއި ގުޅުން ހުރި އިދާރީ ޚަރަދުތައް އިތުރުވެފައިވާ ވުމެވެ.

ތަރައްޤީގެ މަޝްރޫޢުތައް މަދުވެފައި ވީނަމަވެސް، އިދާރީ ޚަރަދުތައް 2024 ގައި 19,486.3 މިލިއަން ރުފިޔާއަށް އަރާފައިވާއިރު އެއީ 1,572.0 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިފަދަ އަށް އިދާރީ ޚަރަދުތައް އިތުރުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އިދާރީ ޚަރަދުތައް އިތުރުވާން ޖެހޭނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ރައްޔިތުންނަށް ދޭ ޚިދުމަތްތަކާއި އެއްވަރެއްގައެވެ.

އިދާރީ ޚަރަދުތައް ކުރުމުގައި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބެލެވިދާނެއެވެ. ސަރުކާރު ތެރޭގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރަކީ ކޮންމެ މިނިސްޓްރީއެއްގެ ޕްރޮކިޔުމެންޓް ޑިޕާޓްމެންޓްގައި އަދި ޕްރޮޖެކްޓް މެނޭޖްމެންޓް ޑިޕާޓްމެންޓަގައި ތިބޭ ސިވިލް ސާވެންޓުންނަކީ ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.

ދަރަނި މާފު ކުރުމާއި ރައިޓްއޯފް ކުރުން

އެމްޑީޕީގެ ފުރަތަމަ އަހަރު 2019 އާއި މުއިއްޒުގެ ފުރަތަމަ އަހަރު 2024 ވަނަ އަހަރުގެ ލޮސް އަދި ރައިޓް-އޯފްސް (ދަރަނި މާފު ކުރުން) އަށް ބަލާއިރު ވަރަށް ބޮޑެތި ތަފާތުތަކެއް ފާހަގަކުރެވެއެވެ. 2019 ވަނަ އަހަރު ނިމުނު އިރު ނުލިބޭނެ ކަމަށް ނިންމީ އެންމެ 50.4 މިލިއަން ރުފިޔާއެވެ. އެއާއި ޚިލާފަށް 2024 ވަނަ އަހަރު 142.7 މިލިއަން ރުފިޔާ ދައުލަތަށް ދަރަނިން ނުލިބޭނެ ކަމަށް ވަނީ ނިންމާފައެވެ.

2024 ވަނަ އަހަރުގެ ރައިޓް-އޯފްސްގެ އަދަދުތަކަކީ ކަންބޮޑުވާންޖެހޭ އަދަދުތަކެއްކަމަށް ބެލެވެނީ އަންނަނިވި ސަބަބުތަކާ ހުރެއެވެ. އެއީ، 2019 އާ އަޅާބަލާއިރު ތިން ގުނައަށް އިތުރުވެފައިވުމާއި، ފާސްކުރެވުނު ބަޖެޓަށްވުރެ 41 އިންސައްތަ އިތުރުވުމާއި، މަޖިލީސް އިންތިޚާބުގެ އަހަރެއްގައި މިފަދަ ބޮޑު އަދަދެއް ރައިޓް-އޯފް ކުރުމާއި، މި އަދަދު މިހާ ބޮޑަށް އިތުރުވި ސަބަބެއް ސާފުކޮށް އެނގެން ނެތުމުންނެވެ.

މިކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބެލެވިދާނެއެވެ. މިގޮތުން ބައެއް ފަރާތްތަކުން މީރާއަށް ނުވަތަ އެކި އެކި ނަންނަމުގައި ސަރުކާރުން ދޫކޮށްފައިވާ ލުއި ލޯނުތަކުން ސަރުކާރަށް އަނބުރާ ދައްކަން ޖެހޭ ފައިސާ، މަޖިލީސް އިންތިހާބާއި ދިމާކޮށް ނުލިބޭ ކަމަށް ސަރުކާރުން ކަނޑައަޅާފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

ކައުންސިލް ތަކަށް ކަނޑައެޅި ބަޖެޓް އެޓޯލް މިނިސްޓްރީއަށް؟

ރަށު ކައުންސިލްތަކަށް ދޫކުރެވޭ ހިލޭ އެހީ (ގްރާންޓް) ނިސްބަތް އިތުރުވެފައިވާކަމަށް ދެއްކި ނަމަވެސް، ކައުންސިލްތަކުން ހިންގާ ތަރައްގީގެ މަޝްރޫޢުތަކަށް ކުރެވޭ ޚަރަދު ދަށަށް ގޮސްފައިވެއެވެ. އެހެންކަމުން މި ފައިސާ ކައުންސިލްތަކަށް ލިބިފައި ނުވާކަމަށް ބެލެވެއެވެ.

މި ކަމުން ދޭހަވަނީ، ތަރައްގީގެ މަޝްރޫޢުތަކުގެ ބަދަލުގައި ޢާންމު ޚަރަދުތަކަށް (ރިކަރަންޓް ޚަރަދު) އިސްކަންދެވެމުންދާކަމެވެ. މި ގޮތުން އެޓޯލް މިނިސްޓްރީ އަށް މިފައިސާ ސަރުކާރުން ޚަރަދު ކުރާކަމަށް ތުހުމަތު ކުރެވެއެވެ. އެހެންކަމުން، ދައުލަތުގެ ބަޖެޓުގައި ހުރި ފައިސާ ތަރައްޤީއަށް ޚަރަދު ނުވެ، ރަށު ކައުންސިލްތައް ކޮންޓްރޯލްކޮށް، ރައީސް މުއިއްޒުގެ އަތްމައްޗަށް ރައްޔިތުންނަށް ޤާނޫނު އަސާސީއިން ލިބިދޭ ބާރުތައް ފުރޮޅާލުމަށް ކައުންސިލްގެ ބަޖެޓް ނަހަމަ ގޮތުގައި ސިޔާސީ ބޭނުމަށް ޚަރަދު ކުރާކަމަށް ބެލެވެއެވެ.

މަޝްރޫޢުތައް ނުފެނި ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބޮޑު ޚަރަދުތަކެއް

ފެންނަން ހުރި މަޝްރޫޢުތަކާ ނުބައްދަލު ބޮޑެތި ޚަރަދުތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވާއިރު، އަދި ބަޖެޓްގައި ފައިސާނެތްކަމަށް މިނިސްޓަރ ވިދާޅުވެ ޕްރޮޖެކްޓްތައް ހުއްޓާލާފައި ވާއިރު، މި ފައިސާ ކޮންސްޓްރަކްޝަން މިނިސްޓްރީއިން ޚަރަދުވެފައިވާ ޕްރޮޖެކްޓްތަކެއް ސާފެއް ނުވެއެވެ.

    • 2024 ގެ 19 ޑިސެމްބަރުގެ ނިޔަކަށް ކޮންސްޓްރަކްޝަން މިނިސްޓްރީއިން ޚަރަދުކޮށްފައިވަނީ: 5,834.7 މިލިއަން ރުފިޔާ އެވެ.

    ސިޔާސީ މުއައްޒަފުން އިތުރު ކުރުން

    ވެރިކަން ދެމެހެއްޓުމަށްޓަކައި ޤައުމަށް ބޭނުން ނުވާ މިންވަރަށް ސިޔާސީ މުއައްޒަފުން އިތުރުކޮށް ޖުމަލް 1,273.5 މިލިއަން ރުފިޔާ އިތުރަށް މުއައްޒަފުންނަށް މި ސަރުކާރުން ވަނީ ޚަރަދު ކޮށްފައެވެ. މިއީ ކޮރަޕްޝަނެވެ. ވެރިކަން ދެމެހެއްޓުމަށް ބަޔަކަށް ފައިސާ ދިނުމަށް ސިޔާސީ މަގާމުތައް މިނިސްޓްރީތަކަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ދިނުމަކީ ކޮރަޕްޝަނުގެ އަމަލެކެވެ.

    ޚާއްސަ ބަޖެޓުގެ ނަމުގައި އެތައް މިލިއަނެއް ސިއްރު ޚަރަދު ތަކެއް

    ޚާއްސަ ބަޖެޓް އިތުރުވެފައިވާ މިންވަރަކީ ކަންބޮޑުވާ މިންވަރެކެވެ: 2024: 12,988.2 މިލިއަން ރުފިޔާ ޙާއްސަ ބަޖެޓަށް 19 ޑިސެމްބަރ 2024 އާއި ހަމައަށް ޚަރަދު ކޮށްފައި ވާއިރު މި ފައިސާއިން ހިންގި ތަރައްޤީގެ މަޝްރޫޢުތަކެއް އާންމުންނަށް ފެންނާކަށް ނެތެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ މި ފައިސާއިން ރައްޔިތުންނާއި ގުޅުން ނެތް އެހެން ކަންތައްތަކަކަށް ސަރުކާރުން މިފައިސާ ބޭނުން ކޮށްފައިވާ ކަމަށެވެ.

    އެހެންކަމުން، ރައްޔިތުންނަށް ޚިދުމަތް ކުޅައުމަށް މުއިއްޒަށް ނުކުޅެދިފައިވަނީ، އިދާރީ ގޮތުން ބޭކާރު ޚަރަދުތައް ޕްރޮޖެކްޓްތަކާއި ނުބައްދަލު މިންވަރަށް ކުރުމާއި، ދައުލަތަށް ލިބެންހުރި ފައިސާ ނުހޯދައި ރައިޓްއޯފް ކުރުމާއި، ސިޔާސީ މުއައްޒަފުން އިންތިހާއަށް ނެގުމުގެ ސަބަބުން މުސާރަ އިތުރުވުން ފަދަ ކަންކަމުންނެވެ. އަދި މިނިސްޓްރީތައް އިތުރުވުން ފަދަ ކަންކަމުން ރައްޔިތުންނަށް ދޭން ހުރި ޚިދުމަތް ނުދެވި ރައްޔިތުންނަށްވީ ގެއްލުން ކަން މި ބަޖެޓުން ސާފުވެއެވެ. މީގެ އިތުރުން ޙާއްސަ ބަޖެޓުގެ ތެރެއިން ބަޖެޓުގައި ނުހިމެނޭ ކަންކަމަށް ކޮރަޕްޝަނަށް މަގުފަހިކޮށް ޚަރަދު ކުރުން ފަދަ ކަންކަމުން ދައުލަތުގެ ބަޖެޓް ވަނީ ރައްޔިތުންނަށް ޚިދުމަތް ނުދެވި ވައްކަމާއި ކޮރަޕްޝަނާއި، ސަރުކާރު ހިންގަން ނޭނގުމުގެ ތެރެއިން ގެއްލި ހުސްވެފައެވެ.