ޚަބަރު

އާ އަހަރުގެ ޚިތޯބުގައި ނިމިދިޔަ 2024 ގައި ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ރައީސް މުއިއްޒަކަށް ނުބުނެދެވުނު

ދިޔަވަރު
އާ އަހަރުގެ ޚިތޯބުގައި ނިމިދިޔަ 2024 ގައި ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ރައީސް މުއިއްޒަކަށް ނުބުނެދެވުނު

2025 ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނާ މުޚާޠަބުކޮށް ދެއްވި އާ އަހަރުގެ ޚިޠާބުގައި، ކުރިމަގުގެ އުންމީދުތަކާއި ވަޢުދުތަކުގެ ވާހަކަ ދައްކަވާފައިވީ ނަމަވެސް، ނިމިގެންދިޔަ އަހަރު ސަރުކާރުން ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއްގެ ވާހަކައެއް ހިމަނުއްވާފައެއް ނުވެއެވެ.

ޚިޠާބުގެ މައިގަނޑު ބަރުދަން ބިނާވެގެންދަނީ 2025 ވަނަ އަހަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ފެށި، އިޤްތިޞާދީ ފުދުންތެރިކަން އިޢާދަވެގެންދާނެ އަހަރެއްގެ ގޮތުގައެވެ. އަދި ދިވެހި ދައުލަތަކީ ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއްކަމަށް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، ސަރުކާރުން މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި، ހާސިލުކުރެވުނު ލަނޑުދަނޑިތަކުގެ އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

ރައީސް މުއިއްޒު އަކީ ފުރުޞަތެއް ލިބޭ އިރަށް ރައްޔިތުންނަށް އުއްމީދީ ވައުދުތައް ވެވަޑައިގަތުމަށް މަޝްހޫރު ފަރާތެކެވެ. ހަމަ އެއާއި އެކު އެ ވައުދުތައް ފުއްދުމާއި ހަމަ ދެކޮޅުވެރި ފަރާތެކެވެ. ވައުދުތައް ދޮގަށް ބަދަލުވެ އަހަރެއް ނިމިގެން ދިޔައީ ވައްކަމާއި އޮޅުވާލުމުގެ ތެރެއިންނެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމިތިބުން ކަމަށް ވިދާޅުވެފަިއވާއިރު، މީގެ ކުރިންވެސް 24 ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި ހުންނަވާނެ ކަމަށް ވިދާޅުވެ، ވާހަކަ ދެއްކެވި ނަމަވެސް ފަހުން އަމިއްލަ ފުޅަށް ވިދާޅުވެވުނީ ހަފްތާއަކު 3 ދުވަހު ސަރުކާރުގެ އެހެން ވެރިންނާއި އެކު އާރަށަށް ވަޑައިގެން ކުޅިވަރު ކުޅުއްވުމުގައި އުޅުއްވާ ކަމުގެ ވާހަކައެވެ.

މުޅި ޚިތޯބުގައި ވަނީ، ހަމައެކަނި ކުރިމަގުގެ ވާހަކަތަކެކެވެ. ކުރިމަގުގައި ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އެކަމަށް ފަހިކޮށް، ވޭތުވެދިޔަ އަހަރު މި އަމާޒުތަކަށް ވާސިލުވުމަށް ކުރެވުނު މަސައްކަތްތަކުގެ އެއްވެސް ހެއްކެއް ނުވަތަ ކުރެއްވި ކަމެއް ވިދާޅެއް ނުވެއެވެ.

ރައީސްގެ ޚިޠާބުގައި ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިޙްތިރާމާއި، ކުލުނުވެރިކަން ކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި 2025 ވަނަ އަހަރަކީ ދިވެހީންގެ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ޒިންމާދާރުކަމާއެކު ޤައުމު ބިނާކުރުމުގެ އަހަރެއްގެ ގޮތުގައި ލަނޑުދަނޑި ކަނޑައަޅުއްވާފައިވެއެވެ. ނަމަވެސް، މި ވާހަކަތަކަކީވެސް ހަމައެކަނި ކުރިމަގަށް އަމާޒުކުރެވިފައިވާ ވާހަކަތަކެކެވެ. އަދި ރައީސްގެ އަމަލުތައް ހުރީ އެ ވިދާޅުވި އިޚްތިރާމުން ބޭރުވެ، ރައްޔިތުންނަށް ދޮގު ހެދުމާއި، އަނިޔާވެރި ވުމުގެ މައްޗަށެވެ.

ޚިޠާބުގެ މުހިންމު ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެވެނީ، ރައީސް މުޢިއްޒު އެއްވެސް ވަރަކަށް ނިމިދިޔަ އަހަރުގެ ކާމިޔާބީތަކާއި، ގޮންޖެހުންތަކާއި، ހާސިލުކުރެވުނު ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައި ނުވާކަމެވެ. މިއީ ހަމައެކަނި ކުރިމަގުގެ ވަޢުދުތަކާއި އުންމީދުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ޚިޠާބެއްކަން ފާހަގަކުރެވެއެވެ. ވެރިކަމަށް ވަޑައިގެން 1 އަހަރާއި 1 މަސްދުވަސް ނިމިގެން ދިޔައީ ވެރިކަމަށް އަންނަން ދިން މިފަދަ އުއްމީދުތަކުގެ ތެރެއިންނެވެ.