ޚަބަރު

ސަރުކާރުން ބޭއްވި އާއަހަރު ފާހަގަ ކުރުމުގެ ހަފްލާގައި ޝައިތާނީ ދީނުގެ ރަމްޒެއް ކަމަށްވާ ޝައިތާނާގެ ދަޅު އަޅައިގެން އުޅުމުން ސަރުކާރުން އެކަން ނުހުއްޓުވި

ދިޔަވަރު
ސަރުކާރުން ބޭއްވި އާއަހަރު ފާހަގަ ކުރުމުގެ ހަފްލާގައި ޝައިތާނީ ދީނުގެ ރަމްޒެއް ކަމަށްވާ ޝައިތާނާގެ ދަޅު އަޅައިގެން އުޅުމުން ސަރުކާރުން އެކަން ނުހުއްޓުވި

ރޭ ސަރުކާރުން ބޭއްވި އާއަހަރު ފާހަގަ ކުރުމުގެ ހަފްލާގައި ޝައިތާނީ ދީނުގެ ރަމްޒެއް ކަމަށްވާ ޝައިތާނާގެ ދަޅު އަޅައިގެން އުޅުމުން ސަރުކާރުން އެކަން ނުހުއްޓުވިއެވެ. ހަފްލާގެ ހުރިހާ އިންތިޒާމެއް ސަރުކާރުގެ ބެލުމުގެ ދަށުން، ކުރިއަށް ގެންދިޔަ އިރު، ފުލުހުންވެސް ހަރަކާތްތެރިވިއެވެ. ނަމަވެސް، އިސްލާމީ އަޚްލާގީ މިންގަނޑުތަކާއި ޚިލާފު، ޝައިތާނާއަށް އަޅުކަން ކުރާ ފަރާތްތައް ޝައިތާނާ މަތިވެރި ކުރުމަށް ބޭނުން ކުރާ ސިމްބޮލިކް ރަމްޒެއް ކަމަށްވާ ދަޅު ބޮލުގައި ޖަހައި، އެ ދަޅު ދިއްލައިގެން އެކި އުމުރުފުރައިގެ ދިވެހިން އުޅުނު އިރު އެކަން ސަރުކާރުން މަނާ ނުކުރުން ވީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވެ ޚައިރާންވި ކަމަކަށެވެ.

ގިނަ ބަޔަކު އެއްވައްތަރެއްގެ ދަޅުތަކެއް ގެންގުޅުމުން، މިއީ އެމީހުން ގެއިން ގެނައި އެއްޗެއް ކަމަކަށް ނުބެލެވެއެވެ. ލަފާ ކުރެވޭ ގޮތުގައި މިއީ ކޮންމެވެސް ބަޔަކު މި ހަފްލާތެރޭގައި ބަހާފައިވާ އެއްޗެކެވެ. މިކަމަކީ ކްރިސްޓިއަން ސަންޓާ ހެދުން ލައިގެން އުޅުމަށް ވުރެ މާ ނުބައި ގޯސް ކަމެކެވެ. ސީދާ ޝައިތާނާގެ ރަމްޒެއް ގެންގުޅުމަކީ އިސްލާމީ ޤައުމެއްގައި ހިނގައިގެންވާނެ ކަމެއް ނޫނެވެ.

ސޯޝަލް މީޑީޔާގައިވެސް މިކަމާއި ގުޅިގެން ފާޑުކިޔުން އަމާޒުވިއެވެ. އެހެންމެ ފުރަތަމަ 9 ޖެހި އިރު ބޭއްވި ޑްރޯން އެރުވުމުގެ ރަސްމިއްޔާތުގައި ވެސް، މިކަން ފާހަގަ ކޮށް އެވާހަކަ ސޯޝަލް މީޑިޔާގައި ދެއްކިއެވެ. ނަމަވެސް 12 ޖެހި އިރު އޮތް ހަވާ އެރުވުމުގެ ރަސްމިއްޔާތުގައި އެތައް ގުނައަކަށް ޝައިތާނާގެ ދަޅު އިތުރުވެގެން ދިޔަ ކަން ފާހަގަ ކުރެވުނު ކަމަށް އެތަނަށް ދިޔަ ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ.

ދަޅު ވަނީ ބަހާފައިތޯ ބަލައި، ބަހާފައިވާނަމަ، އެކަން ކުރީ ކޮން ބައެއްތޯ ބަލައި ސަރުކާރުން އެކަމަށް ފިޔަވަޅު އަޅާފައިވެސް ނުވެއެވެ. އަދި ޝައިތޯނީ ދީނުގެ މިފަދަ ރަމްޒުތައް ރާއްޖެއަށް އެތެރެ ކުރެވުނު ގޮތެއްވެސް ސާފެއް ނުވެއެވެ. އިސްލާމް ދީން ނޫން ދީނުތަކުގެ ޚަރަކާތްތައް ރާއްޖޭގައި ބޭއްވުން މަނާކޮށްފައިވެއެވެ. މި ގޮތުން ކްރިސްޓިއަން ދީނުގެ ޚަރަކާތެއް ގޮތުގައި ބާއްވާ ކްރިސްމަސްގައި ބޭނުން ކުރާ ސާމާނު އާންމުން ރާއްޖެއަށް އެތެރެކޮށް ދިވެހިންގެ މެދުގައި ބޭނުން ކުރުމުގެ ހުއްދައެއް ނޯވެއެވެ.

ކޮންމެ ހަފްލާއެއް ބޭއްވި ނަމަވެސް، ދީނީ އަޚުލާގުން ބޭރުވެ، ޝާއިތާނާ އަށް ތާޢީދު ކުރާކަން ހާމަ ކުރެވޭ ފަދަ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދިނުމަކީ އެއްވެސް ގޮތަކަށް ޤަބޫލު ކުރެވޭނެ ކަންކަމެއް ނޫނެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށް ވެފައި މިފަދަ އަމަލުތަކަށް ސަރުކާރުން ފުރުޞަތު ދިނުމަކީ ރައީސް މުއިއްޒު އިސްލާމް ދީނާއި މެދު ގެންގުޅޭ ލާދީނީ އުސޫލު ހާމަވެގެން ދިޔަ ކަމެކެވެ.