ޗައިނާގައި ދިވެހިންނަށް ފިހާރަ ހުޅުވައި، ވިޔަފާރި ކުރެވޭނީ އަދި ކިރިޔާ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީ އިން ދޮގު ހަދައިފިއެވެ.
މިއަދު މެންދަމުން ފެށިގެން އަމަލުކުރަން ފަށާ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ދައްކަމުންދާ ގިނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސިޔާޒް ވިދާޅުވެފައިވަނީ މި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ޗައިނާގައި ފިހާރަ ހުޅުވައި، ޓްރެވަލް އެޖެންސީ ހިންގައި އަދި އެހެނިހެން ވިޔަފާރިތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ނަމަވެސް މީގެ ކުރިން ވެސް، އަދި މިހާރުވެސް ދިވެހިންގެ ވިޔަފާރިތަކެއް ޗައިނާގައި ގާއިމުކުރެވި، ހިންގަމުން އަންނަކަން ފާހަގަކުރެވެއެވެ. މި ގޮތުން ޗައިނާއިން ރާއްޖެ އަށް މުދާ އެތެރެ ކުރާ ގިނަ ބަޔަކު "ގޯލްޑް ކޮއިން" ފަދަ ދިވެހި ކުންފުނިތައް ޗައިނާގައި ގާއިމު ކޮށްފައިވާކަން ސާފުކޮށް އެނެގެއެވެ. އަދި މިއީ ފޮރިން އިންވެސްޓްމެންޓްގެ ދަށުން އަބަދުވެސް ޗައިނާއިން ހުރިހާ ޤައުމަކަށްވެސް ދީފައި އޮންނަ ފުރުޞަތެކެވެ. ޗައިނާގެ ރާއްޖޭގެ ބައެއް ޓްރެވަލް އެޖެންސީތައްވެސް މީގެ އެތައް އަހަރެއް ކުރިންވެސް ހިންގާފައި އެބަހުއްޓެވެ.
"މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނެތަސް، ކުރިން ވެސް ދިވެހިންނަށް ޗައިނާގައި ވިޔަފާރިކުރެވޭ. މިހާރު ސަރުކާރުން މި ދައްކަނީ މުޅިން އޮޅުވާލައިގެން ދޮގު ވާހަކަތަކެއް،" ވިޔަފާރިވެރިއެއް ދިޔަވަރު ނޫހަށް މެސެޖް ކޮށް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން މި އެއްބަސްވުމާ ގުޅިގެން ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ ބޭނުމަށް ކުރާ މަސައްކަތެއް ކަމަށް ވިޔަފާރި ދާއިރާގެ މާހިރުން ފާހަގަކުރެއެވެ. ރާއްޖެއަށް ފައިދާއެއް ނެތް މި އެއްބަސްވުން ތަންފީޒު ކޮށްފައިވަނީ ރައީސް މުއިއްޒު ކޮރަޕްޝަން ނަންގަވައިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިރޭ 12:00 އިން ފެށިގެން، ރާއްޖެއިން ޗައިނާ އަށް ބޭރުކުރާ 90 ޕަސެންޓް މުދަލުން ޑިޔުޓީ މާފުވާނެ ކަމަށް ބުނެވެސް ސަރުކާރުން ދަނީ ދޮގު ހަދަމުންނެވެ.