ޚަބަރު

އެތައް ހާސް ވަގު ފޯމެއް މީހުންގެ ސޮއެ ފޯޖު ކޮށްގެން ފުރާފައިވާ މައްސަލަ އީސީއިން ބަލަން ފަށައިފި! ފުލުހުންނެއް ނުބެލި!

ދިޔަވަރު
އެތައް ހާސް ވަގު ފޯމެއް މީހުންގެ ސޮއެ ފޯޖު ކޮށްގެން ފުރާފައިވާ  މައްސަލަ އީސީއިން ބަލަން ފަށައިފި! ފުލުހުންނެއް ނުބެލި!

ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން ވެއްދުމުގައި އާންމުންނަށް އެނގުމަކާ ނުލާ ވަގު ފޯމުތަކެއް ފުރާފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މީހުންގެ އައިޑީކާޑުގެ މައުލޫމާތު ހޯދައި، ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވައްދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ބުނާގޮތުން މިކަން ކޮށްފައިވަނީ ހޯމް މިނިސްޓްރީން ބަލަހައްޓާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައި ހުރި އައިޑީކާޑުގެ މައުލޫމާތު ބޭނުންކޮށްގެންނެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ނޫހަކުން ސުވާލުކުރުމުން، އީސީގެ އޮފިޝަލު ބުނީ މީގެތެރެއިން ބައެއް މީހުން އީސީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ތުހުމަތުތައް ވެސް އީސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.

އީސީގެ އޮފިޝަލް ބުނީ މި މައްސަލަތަކާމެދު ގޮތެއް ނިންމާނީ އާ އަހަރުގެ ބަންދު ނިމި ސަރުކާރުގެ އޮފީސްތައް ހުޅުވުމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކާއި މެސެޖުތަކުގެ ސްކްރީންޝޮޓުތަކުން އެނގޭ ގޮތުގައި އެ މީހުން ޕީއެންސީއަށް ވައްދާފައިވަނީ އެ މީހުންގެ ރުހުމެއް ނެތި، ސޮއި ފޯޖުކޮށްގެންނެވެ. ނަމަވެސް މިކަން ހިނގާފައިވަނީ ހޯމް މިނިސްޓްރީގެ ސިޔާސީ އިސްވެރިން ބައިވެރިވެގެން ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުން މި މައްސަލަ ނުބަލައެވެ.