ޚަބަރު

މި ސަރުކާރުން ސިއްރިޔާތުގައި ހުއްދަ ދީގެން, އިސްރާއީލު ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ރާއްޖޭގައި އާއަހަރުގެ ޗުއްޓީ ހޭދަ ކުރަމުން ދަނީ!

ދިޔަވަރު
މި ސަރުކާރުން ސިއްރިޔާތުގައި ހުއްދަ ދީގެން, އިސްރާއީލު ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ރާއްޖޭގައި އާއަހަރުގެ ޗުއްޓީ ހޭދަ ކުރަމުން ދަނީ!

ރައީސް މުއިއްޒު ދެއްވި ޙާއްސަ ހުއްދައެއްގެ ދަށުން, އިސްރާއީލު ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ރާއްޖޭގައި އާއަހަރުގެ ޗުއްޓީ ހޭދަކުރަމުންދާކަމުގެ މައުލޫމާތު "ދިޔަވަރު އޮންލައިން" އަށް ލިބިއްޖެއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ, މައުލޫމާތު އެނގިހުރި މަސްދަރުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި ރާއްޖޭގެ މަތީ ފަންތީގެ ތިން ރިސޯޓެއްގައި އިސްރާއީލު ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ޗުއްޓީ ހޭދަކުރަމުން ދަނީ މި ސަރުކާރުން ދީފައިވާ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި, ސަރުކާރުން އެމެރިކާ މެދުވެރިކޮށް އިސްރާއީލު ސަރުކާރަށް ޔަގީންކަން ދޭން ޖެހުނީ, އިސްރާއީލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް އާންމު ރައްޔިތުންގެ ފަރާތުން ސަރުކާރަށް ކުރިމަތިވެފައިވާ ޕްރެޝަރުގެ ސަބަބުން ކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައި ވެއެވެ.

އިސްރާއީލު ރައްޔިތުން އިސްލާމީ ގައުމުތަކުގައި ޗުއްޓީ ހޭދަކުރަމުން ދިއުމަކީ, އެ ފަރާތްތަކުން ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓުތަކަށް ނުވަތަ ތަނަކަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ވާތީ, ރާއްޖޭގައި އިސްރާއީލު ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓުތަކުގެ މައުލޫމާތު ހާމަ ނުކުރުމަށް "ދިޔަވަރު އޮންލައިން"އިން ވަނީ ނިންމާފައެވެ.

"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި ރާއްޖެއަށް ޒިޔާރަތް ކުރަމުންދާ އިސްރާއީލުގެ ފަތުރުވެރިންގެ ތެރޭގައި އިސްރާއީލުގެ އާންމު ރައްޔިތުންގެ އިތުރުން އެގައުމުގެ ސަރުކާރުގެ އިސްބައެއް އޮފިޝަލުން ހިމެނޭއިރު އޭގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާގެ ބައެއް އޮފިޝަލުންގެ އާއިލާތައްވެސް ހިމެނެއެވެ.

އިސްރާއީލުގެ ގާތިލުން ރާއްޖޭގެ ގޮނޑުދޮށްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވަނީ, ދިވެހި އާންމު އެތައް ރައްޔިތުންނެއްގެ އެދުމާއެކުވެސް, އިސްރާއީލު ރައްޔިތުންގެ ރާއްޖެ އެތެރެވުން މަނާކުރުމަށް ރައީސް މުއިއްޒު ދެކޮޅު ހައްދަވާފައިވާތީއެވެ. އެނގިފައިވާ ގޮތުގައި އިސްރާއީލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ނުކުރާނެ ކަމުގެ ޔަގީންކަން މުއިއްޒުވަނީ ސިއްރިޔާތުގައި އެމެރިކާއަށް ދީފައެވެ.

އެއާއެކު އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު އެކި އުޒުރުތައް ދައްކައިގެން މުއިއްޒުގެ އެންގުމަށް ވަނީ ޕާކް ކޮށްފައެވެ. އެގޮތުން, ވެރިކަންކުރާ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންމަ މަޖިލިހުގައި މި އިސްލާހު ޕާކު ކޮށްފައި އޮންނަތާ މިހާރުވަނީ 8 މަސް ފާއިތުވެގެން ގޮސްފައެވެ.

އިސްރާއީލުގެ ގާތިލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުއެވެ.

އިސްރާއީލުގެ ގާތިލުން ރާއްޖެ އެތެރެވުން މަނާކުރުމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާއިރު, ގާނޫނަށް އިސްލާހު ގެނެސް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުންވެސް ފާއިތުވި އަހަރުގެ ޖޫންމަހުގެ ދެވަނަ ދުވަހު ނިންމިއެވެ. އެ ދުވަހު ސަރުކާރުން ވަނީ އެ މަސައްކަތް އަވަސްކުރަން ވަޒީރުންގެ މަޖިލީހުގައި ޚާއްސަ ކޮމިޓީއެއް ވެސް އުފައްދައިފައެވެ. އެހެންނަމަވެސް އަމިއްލަފުޅު ކެބިނެޓުން ނިންމު އެނިންމުންވެސް މުއިއްޒުވަނީ ތަންފީޒު ނުކޮށް ޕާކު ކޮށްފައެވެ.

ކެބިނެޓްގެ ނިންމުން ތަންފީޒު ކުރުމަށް ހޮވި ކޮމިޓީގައި ހިމެނެނީ:

  • ދާޚިލީ ވަޒީރު އަލީ އިހުސާން
  • އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު
  • ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
  • ޚާރިޖީ ވަޒީރު މޫސާ ޒަމީރު

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާގެ 46,000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެގެންދިޔަ އިރުވެސް މިސަރުކާރުން ތަކުރާރު ކުރަމުންދަނީ ހަމަ އެއް ލަވައެކެވެ.

ރާއްޖޭގައި މިހާރުވެސް ދަނީ އިސްރާއީލުގެ ވިޔަފާރިތައް ހިންގަމުންނެވެ.

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށާއި, އިސްރާއީލާއި ގުޅުންހުރި ވިޔަފާރިތައް ހުއްޓުވުމަށް މެދު ނުކެނޑި ރައްޔިތުން އަޑުއުފުލަމުންދާއިރުވެސް މުއިއްޒު ގެންދަވަނީ އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދަމުންނެވެ. އެމައްސަލާގައި ރައްޔިތުން އެދެމުންދާ އެދުންތަކަށް ދެމުންދަނީ ބީރު ކަންފަތެކެވެ. އަދި މުއިއްޒު ކުރައްވަމުން ގެންދަވާހާކަމަކީވެސް, ބަޔާންތައް ނެރުމާއި ޓުވީޓުކޮށް, ބަޔާންތަކާއި ޓުވީޓުތަކުގެ ނިވަލުގައި ފޮރުވިގެން ހުރުމެވެ.

ހަމަ އެއާއެކު, ފަލަސްތީނަށް ތާއީދުކޮށް, އިސްރާއީލުގެ ގަތުލު އާންމާ ދެކޮޅަށް އަޑު އުފުލި އަންހެން ކަނބަލުންތަކެއް މުއިއްޒުވަނީ ހިފާ ހައްޔަރުކޮށް ޖަލަށްވެސް ލާފައެވެ. ފަލަސްތީނާއި އެއްކޮޅަށް އަޑު އުފުލައިގެން ރާއްޖޭގެ އެއްވެސް ވެރިކަމެއްގައި މިނޫނީ މިހާތަނަށް ދިވެހިން ހިފާ ހައްޔަރު ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު, ހަމާސްގެ މުޖާހިދުން އިސްރާއީލަށް ދިން ކާމިޔާބު ވަރުގަދަ ހަމަލާތަކަށްފަހު, އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާއަށް އަރާ, ފަލަސްތީނުގެ އެތައްހާސް ރައްޔިތުންނެއް ޝަހީދުކޮށްލުމަށްފަހު, އެމީހުންގެ އުދާސްތައް ފިލުވާލުމަށް, ރާއްޖޭގެ ގޮނޑުދޮށްތަކާއި ރަށްތަކަށް އަންނަމުންދާއިރުވެސް, މި އަނިޔާވެރިން ރާއްޖެއަށް އެތެރެވަމުން ދިއުން މަނާކުރުމަށް ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ހަމައެއާއެކު އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް އަންގާ ރައްޔިތުންގެ މަޖިލީހުން މުއިއްޒުއަށް ސިޓީ ފޮނުވިތާ 14 މަސްވެގެންދާއިރުވެސް އެ ސިޓީއަށްވެސް މުއިއްޒު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.

ހަގީގަތުގައިވެސް, ޣައްޒާގެ ރައްޔިތުންގެ އިހުސާސްތަކާއި, އެ ސިޓީގައި ހިންގަމުންދާ ގަތުލުއާންމުތަކަށް ދެލޯ މަރާލުމަށްފަހު, އިސްރާއީލުގެ ގާތިލުން ރާއްޖެއަށް ދޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި, އެމީހުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން މުއިއްޒުއަށް ކަހާތަން ހިރުވާވެސް ނުލާ ހުރެވެނީ އަގަލެއް ކުލުނެއް ނެތުމުންނެވެ.

ރާއްޖޭގައި ހިންގަމުންދާ އިޒްރާއީލުގެ ފުޑް ޗެއިންތަކުން ލިބޭ މަދު ފައިސާކޮޅެއްގެ ދަތިވެތިކަމުގައި އެތަންތަނަށް ފިޔަވަޅު ނާޅާ މުއިއްޒުއަށް ހުރެވެނީ ތިމާއަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހަކަށް ވާތީއެވެ. މިއީ މުއިއްޒު ދީނާއި ގައުމަށްވަމުންދާ ބޮޑު ޚިޔާނާތެކެވެ.