އަބުދުއްރަހީމް ބޭނުން ވެގެން ސަރުކާރުގެ ސިޔާސީ އިސްމަގާމްތަކަށް އައްޔަން ކޮށްފައިވާ ގިނަ ބަޔަކު ރައީސް މުއިއްޒު މަގާމުތަކުން ވަކިކުރަމުންދާތީ, ސިޔާސީ ބާރުވެރިން ދެމެހެޓުމަށް އަބުދުއްރަހީމް ފަންޑުކޮށްގެން, އޭނާގެ ޓީވީ ޗެނަލްއެއްގެ ގޮތުގައި އާ ޓީވީ ޗެނަލްއެއް ހިންގަން ފަށައިފިއެވެ.
"މެންދުރު"ގެ ނަމުގައި ހިގަމުންދާ މި ޓީވީ ޗެނަލް ހިންގުމުގައި އަމަލީގޮތުން ހަރަކާތެރި ވަނީ, ރީޖަނަލް އެއަރޕޯޓުސް މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމްގައި ހުންނެވި, ކުރީގެ މަޖިލިސް މެމްބަރު އަހުމަދު މުބީންގެ އިތުރުން ދާދިފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަމުން އިސްތިއުފާ ދެއްވި, ކުރީގެ މަޖިލިސް މެމްބަރު މުއާޒު ރަޝީދެވެ.
"ދިޔަވަރު އޮންލައިން" މައުލޫމާތު ދިން ވެރިކަންކުރާ ޕީއެންސީގެ އިސް އޮފިޝަލު ވިދާޅުވި ގޮތުގައި, ބައެއް ކަންކަމުގައި މުއިއްޒު އަބުދުއްރަހީމްއައި މަޝްވަރާ ކުރެއްވި ނަމަވެސް, އަބުދުއްރަހީމްގެ ފިޔަ ކޮށާލުމުގެ މަގުސަދުގައި ރައީސް މުއިއްޒު ގެންދަވަނީ އަބުދުއްރަހީމްގެ މީހުންގެ ގޮތުގައި ސިޔާސީ އިސް މަގާމްތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ވަކި ކުރަމުންނެވެ. އޮފިޝަލް ވިދާޅުވީ ދާދިފަހުން ވެމްކޯގެ ޑީއެމްޑީގެ މަގާމުން ވަކިކުރި ޝަހީދުއަކީވެސް އަބުދުއްރަހީމްގެ މީހެއްގެ ގޮތުގައި ލޭބަލްވެ އަބުދުއްރަހީމްއާއި ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމުގައެވެ.
އޭގެ އިތުރަށް ފާއިތުވެދިޔަ ޑިސެމްބަރުމަހު މުއިއްޒު ވަނީ މިސަރުކާރުގެ ފިނޭންސް މިނިސްޓަރކަމުގެ މަގާމުގައި ހުންނެވި ޝަފީގު މަގާމުން ދުރުކޮށްފައެވެ. އޭނާ މަގާމުން އިސްތިއުފާ ދީފައިވަނީ ސީދާ މުއިއްޒު އަންގައިވައިގެންނެވެ. ޝަފީގުއަކީވެސް އަބުދުއްރަހީމްގެ ރުހުމާއެކު ވަޒީރުކަމަށް ވަޑައިންނެވި, އަދި އަބުދުއްރަހީމްގެ ރަށަށް ނިސްބަތްވާ ފަރާތެކެވެ. "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަޒީރުކަމުން ވަކިކުރުމާމެދު ރައީސް މުއިއްޒު އަބުދުއްރަހީމްއައި މަޝްވަރާ ކޮށްފައެއް ނުވެއެވެ.
ވަކީން ޚާއްސަލޮށް ރައްޔިތުންގެ މަޖިލީހުން އެންޓި ޑިފެކްޝަން ފާސްކުރުމާއެކު, މެމްބަރުންގެ ޑިމާންޑް ނެތި, މުއިއްޒު ސިޔާސީ މުހިންމު ނިންމުންތައް ނިންމެވުމުގައި އަބުދުއްރަހީމްއާއެކު އެއްވެސް މިންވަރަކަށް މަޝްވަރާ ނުކުރާކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގ އިސް އޮފިޝަލް ވިދާޅުވެފައިވެއެވެ.
އެހެންކަމުން އަބުދުއްރަހީމް ޚަރަދު ކޮށްގެން ވަކީ ޓީވީއެއް ހިންގަމުންދަނީ ރައީސް މުއިއްޒުއަށް އިތުބާރުކަން ބޭނުން ނުވާތީއާއި, އަދި މި ސަރުކާރު ތެރޭގައި އޮތް އަބުއްރަހީމްގެ ސިޔާސީ ބާރުވެރިކަން ދަމަހައްޓާ, ޕީޕީއެމްގެ ގްރާސް ރޫޓާއި މުއާމަލާތްކޮށް ރައީސް މުއިއްޒުއަށް ބޭނުންވާހާ ގޮތަކަށް ސިޔާސީ ކުޅިބާ އެތުރުމުގެ ފުރުސަތު ނުދިނުމުގެ ބޭނުމުގައި ކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގ އިސް އޮފިޝަލް ވިދާޅުވެފައިވެއެވެ.