އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެ، "އިންޑިއާ އައުޓް" ކެމްޕޭނަކީ ކުރީގެ ރައީސް ޔާމީން ހިންގެވި ހަރަކާތެއްކަން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލު ހާމަކުރައްވައިފި އެވެ.
އިންޑިއާގެ "ވިއޯން" އަށް ދެއްވި އިންޓަވިއުއެއްގައި، އެ ކެމްޕޭނަކީ އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ޔާމީން ރޭއްވެވި ކަމެއް ކަމަށް ހަލީލު ވިދާޅުވި އެވެ. އަދި މިހާރު ޔާމީން އައު ޕާޓީއެއް އުފައްދަވައި، އެ ހަރަކާތް ކުރިއަށް ގެންދަވަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން މި ސަރުކާރު "ފެޔަށް ޖެހިފައިވާ" ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިންޑިއާ އާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގެންގުޅުއްވާ ސިޔާސަތު ފާހަގަކުރައްވަމުން، މިހާރު ޔާމީން މަސައްކަތް ކުރައްވަނީ މި ސަރުކާރާ ދެކޮޅަށް ކަމަށް ހަލީލު ވިދާޅުވި އެވެ.
އިންޓަވިއުގައި، މީގެ އަހަރެއް ކުރިން ތިން ނައިބު ވަޒީރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރި މައްސަލައާ ގުޅޭ ސުވާލަށް ޖަވާބުދެއްވުމުގެ ބަދަލުގައި، ހަލީލު އިސްކަންދެއްވީ ޔާމީންގެ ހަރަކާތްތަކުގެ ވާހަކަ ދެއްކެވުމަށެވެ.
ވޮޝިންގްޓަން ޕޯސްޓުން ފާހަގަކުރި، އިންޑިއާގެ ރޯ އެހީގައި ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުތައް ހަލީލު ވަނީ ސީދާ ދޮގުކުރައްވާފައެވެ. "އެއީ މުޅިން ހަގީގަތާ ޚިލާފު، އެއްވެސް އަސާސެއް ނެތް ވާހަކައެއް،" ހަލީލު ވިދާޅުވި އެވެ.
ނަމަވެސް، މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސް މުއިއްޒު އަމިއްލަފުޅަށް އިންޑިއާއިން ރާއްޖެއަށް "ބުލީ" ކުރާ ކަމަށް ތުހުމަތުކުރައްވައި، ރާއްޖެއަކީ ވަކި ގައުމެއްގެ "ބެކްޔާޑެއް" ނޫން ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރެވެ އެވެ. އަދި "އިންޑިއާ އައުޓް" ހަރަކާތުގައި ރައީސް މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިން ފެށިގެން ސަރުކާރުގެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.