ޚަބަރު

ޗައިނާ ސަރުކާރުގެ އެހީގައި އަޅާނެ ކަމަށް އިއުލާނު ކުރި ކައުންސިލްތައް އަޅަން ޗައިނާގެ ސަރުކާރުން އެހީ ނުލިބިގެން އިންޑިޔާއިން 6 މިލިއަން ޑޮލަރުގެ އެހީއެއް ހޯދައިފި

ދިޔަވަރު
ޗައިނާ ސަރުކާރުގެ އެހީގައި އަޅާނެ ކަމަށް އިއުލާނު ކުރި ކައުންސިލްތައް އަޅަން ޗައިނާގެ ސަރުކާރުން އެހީ ނުލިބިގެން އިންޑިޔާއިން 6 މިލިއަން ޑޮލަރުގެ އެހީއެއް ހޯދައިފި

ރާއްޖޭގެ 100 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް ރައީސް މުއިއްޒު ވެފައިވާ ވައުދު ފުއްދުމަށް ޗައިނާގެ އެހީ ނުލިބި ލަސްވަމުންދާ ދަނޑިވަޅެއްގައި، އިންޑިޔާއިން ރާއްޖެއަށް 6 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން އެއްބަސްވެއްޖެއެވެ.

މި އެހީ ހޯދުމަށް އެމްއޯޔޫގައި ސޮއިކުރެއްވީ މިހާރު އިންޑިޔާގެ ރަސްމީ ދަތުރެއްގައި އެ ގައުމުގައި ހުންނެވި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ވިއޯން ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ހަލީލް ވިދާޅުވި ގޮތުގައި މި އެހީގެ ދަށުން ކައުންސިލް އިމާރާތްތަކުގެ އިތުރުން ޕާކުތަކާއި، ސިއްހީ މަޝްރޫއުތަކާއި، އަދި އަތޮޅުތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ 100 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް ވައުދުވެފައެވެ. އޭގެ ތެރެއިން 50 ރަށުގައި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ.

އެހެން ނަމަވެސް އެޓޯލް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އަދިވެސް އެ އިމާރާތްތަކުގެ ޑިޒައިން ނުނިމޭ ކަމަށާއި، މަޝްރޫއު ފެށޭނެ ތާރީހެއް ވެސް ކަނޑައެޅިފައި ނުވެއެވެ.

މިއީ މިދިޔަ އަހަރު ރައީސް މުއިއްޒު އިންޑިޔާއަށް ކުރެއްވި ދެ ދަތުރުފުޅަށްފަހު، ދެ ގައުމުގެ ދެމެދުގައި އެކުލަވާލި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމަށްފަހު، އިންޑިޔާއިން ރާއްޖެއަށް ދޭ އެންމެ ބޮޑު އެހީއެވެ.