200 ހައްޖު ކޯޓާ ވަގަށް ނެގުމަށް ފަހު އެވަރުން ނުވެގެން، އިންސާފުކޮށް އޮތް ކިޔު ސިސްޓަމް ބަދަލުކުރުމަށް ކޮރަޕްޝަންގެ ތެރެއިން ހައްޖަށް މީހުން ފޮނުވަން މުއިއްޒުއާއި ޝަހީމް ނިންމައިފިއެވެ.
ރައީސް މުއިއްޒު އަދި އިސްލާމިކް މިނިސްޓަރ ޝަހީމް ގުޅިގެން، ކުރިން އޮތް ހާމަކަން ބޮޑު ކިއު ސިސްޓަމް ތެރެއަށް އިތުރަށް އަތް ބޭނުމަށް، އަލަށް އުސޫލު ތަކެއް ތައާރަފްކޮށް އޭގެ ދަށުން އެ ދެ ފަރާތުގެ ނުފޫޒު ފޯރުވޭނެ ގޮތަށް ސިސްޓަމް ބައްޓަން ކޮށްގެން ހައްޖަށް މީހުން ފޮނުވަން ނިންމައިފިއެވެ. މި ގޮތަށް މި އުސޫލު ބަދަލު ކުރި މީހުންނަށާއި، އަދި މި ބޭއިންސާފުގެ ތެރެއިން ހައްޖަށް ދިޔުމަށް ކިޔުގައި ތިބި ފަރާތްތަކަށް ފުރުޞަތު ގެއްލޭހެން ހައްޖަށް ދާ ފަރާތްތައް އެ އަރައި ގަންނަނީ އެ މީހުންގެ ޙާއްޤުތަކަށެވެ. އެއީ އެކަމުގައި ފާފަވެރިކަން ބޮޑު އަމަލެކެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި (އައްނިސާ: 58) އާޔަތުގައި ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ.
(އޭ މީސްތަކުންނޭވެ!) ހަމަކަށަވަރުން އަމާނާތްތައް އޭގެ އަހުލު ވެރިންނަށް އަދާކުރުމަށް ﷲ ތަޢާލާ ކަލޭމެނަށް އަމުރު ކުރައްވައެވެ. އަދި މީސްތަކުންގެމެދުގައި ކަލޭމެން ޙުކުމް ކުރަންޏާ ޢަދުލު ވެރިކޮށް ޙުކުމް ކުރުމަށްވެސް އެކަލާނގެ އަމުރު ކުރައްވައެވެ. އެފަދަ ކަންކަންކަމުން ކަލޭމެންނަށް އެކަލާނގެ ވަޢުޡު އާއި ނަޞޭހަތް ދެއްވުންއެއީ އެކަލާނގެ ދެއްވާ ބޮޑު ނިޢުމަތް އެކެވެ. (އެކަމުގައި ހުރި ރަނގަޅުކަމާއެވެ!) ހަމަކަށަވަރުން ﷲ ތަޢާލާ އީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
އާ އުސޫލުގެ ދަށުން، 65 އަހަރުން މަތީގެ މީހުންނަށް ހާއްސަ އިންސައްތައެއް ކަނޑައެޅުމާއި، 75 އަހަރުން މަތީގެ މީހުންނަށް އެހީތެރިން ގެންދިއުމުގެ ހުއްދަ ދިނުމަކީ، ސިޔާސީ ނުފޫޒު ފޯރުވުމަށް ހުޅުވާލެވިފައިވާ ދޮރެކެވެ. މިކަން ހާމަވާ ސަބަބަކީ މި ފުރުޞަތު ދިނުމަށް، ސިއްހީ ހާލަތު ކަށަވަރުކުރާނީ، ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކަނޑައަޅާ ޑޮކްޓަރުން މެދުވެރިކޮށް ކަމަށް ވެސް އުސޫލުގައި ކަނޑައަޅާފައިވަތީއެވެ.
ސަރުކާރުން މިފަދަ މަކަރުވެރި ކޮރަޕްޝަން ހިންގާ ގޮތަކީ، މި ގޮތަށް ގެންނަ އުސޫލީ ބަދަލުގެ ތެރެއަށް ރަނގަޅު ކަމެއް ލައިގެންނެވެ. ރަނގަޅު ކަމެއް އޮތުމުން، އެ ބަދަލަކާއި ދެކޮޅަށް ވާހަކަ ދައްކަން ދަތިވާނެއެވެ.
މި ފަހަރު ވަނީ؛ އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަން ދީފައެވެ. މިއީ ދީނުގައި އޮންނަ ގޮތުން ހައްޖު އަދާކުރުމުގެ ކުޅަދާނަ ކަން ލިބިގެން ފަރުޟުވާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށް ނިންމި ރަނގަޅު ނިންމުމެކެވެ. ނަމަވެސް މިކަމާއި އެކު 200 ކޯޓާ ވަގަށް ނަގައި، މި ޕޮލިސީ އާއި އެކު މުއިއްޒު ބޭނުންވާ ބަޔަކަށް ފުރުޞަތު ދީ، ބަޔަކު މީހުން ކަޓުވާލުމަށް 65 އަހަރުގެ މީހުންނަށް ހާއްސަ އިންސައްތަ އެއް ކަނޑައެޅުމަކީ ކަނޑައެޅިގެން ހިންގާ ޖަރީމާއެވެ. މިއީ އިސްލާމީ ޤައުމަކުން މުސްލިމް ވެރިން ކުރަން ހެޔޮވާވާރުުގެ ކަންކަމެއް ނޫނެވެ. މިއިން އަންގައިދެނީ ވެރިން މާތްﷲގެ ކޯފާއަށްވެސް އެއްވެސް ބިރެއް ނެތްކަމެވެ.
ކުޅަދާނަ ކަން ލިބިފައި ނުވާ ބަޔަކު ހައްޖަށް ފޮނުވުމަށް، ކުޅަދާނަ ކަން ލިބިފައިވާ ބަޔަކު ކިޔުގައި ތިއްބާ އެމީހުންނަށް އެ ފުރުޞަތު ގެއްލުވާލުމަކީވެސް، ކަނޑައެޅިގެން ބޮޑު ފާފައެކެވެ. އަދި އެފަދަ ގޮތަކަށް ހައްޖަށް ދާ މީހާގެ ނުބައި ކަމާއިއެވެ. މީހަކަށް ފަރުޟު ވެފައިވާ އަޅުކަމަކަށް، ކުޅަދާނަ ކަން ލިބިގެން ނުވާ، އަދި ހައްޖު ފަރުޟު ނުވާ މީހަކު ފޮނުވުމަކީ ކޮންފަދަ ބޮޑު ނުބައި ކަމެއްތޯއެވެ.