ޚަބަރު

ފަޒުލް އެޗްޑީސީއިން ޝަހީމަށް ހާއްސަ ރޭޓުގައި ކޮރަޕްޝަނުން ދީފައިވާ ބިމުގެ އެއްބަސްވުން ލީކް ވެއްޖެ! ކޮށްފައި ވަނީ ބިމުން ވައްކަން، އެއްބަސްވުން އުވާލަން ޖެހޭ!

ދިޔަވަރު
ފަޒުލް އެޗްޑީސީއިން ޝަހީމަށް ހާއްސަ ރޭޓުގައި ކޮރަޕްޝަނުން ދީފައިވާ ބިމުގެ އެއްބަސްވުން ލީކް ވެއްޖެ! ކޮށްފައި ވަނީ ބިމުން ވައްކަން، އެއްބަސްވުން އުވާލަން ޖެހޭ!

އަލް-މަދީނާ އިންވެސްޓްމަންޓްސް (C10712021) އަކީ މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ދަރިކަލުން މާހިލް ޝަހީމްގެ ނަމުގައި 2021 އޮކްޓޯބަރ 14 ގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ރަޖިސްޓްރީ އެޑްރެހަކީ އޯޝަން ފްރަންޓް ރެސިޑެންސްއެވެ.

އެޗްޑީސީން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުޅުމާލޭގައި ސްކޫލެއް އެޅުމަށް 33,536.43 އަކަފޫޓުގެ ބިމެއް އަކަފޫޓަކަށް 2.50 ރުފިޔާގެ ކުއްޔަކަށް އަދި މިސްކިތެއް އެޅުމަށް 12,000.78 އަކަފޫޓުގެ ބިމެއް ހިލޭ އަލް-މަދީނާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާކަން ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.

ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ މިފަދަ ބޮޑު މަޝްރޫއެއް ޙަވާލުކުރުމުގެ ކުރިން އާންމުކޮށް އިއުލާނުކޮށް، ވާދަވެރި ބީލަމަކަށް ހުޅުވާލަންޖެހޭނެ ކަމެވެ. ނަމަވެސް މިކަން ކޮށްފައިވަނީ އެއްވެސް ބީލަމަކާ ނުލައި، ސީދާ އެއް ފަރާތަކަށް އަމާޒުކޮށްގެންނެވެ.

އާންމު އުސޫލުން މި ސަރަހައްދުގައި ވިޔަފާރި ބިންތަކުގެ ކުލި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 85 ރުފިޔާއެވެ. ނަމަވެސް މިސްކިތް އެޅުމުގެ ނަމުގައި މި ބިމުގެ ކުލި ވަނީ 2.50 ރުފިޔާއަށް ދަށްކޮށްފައެވެ. މިއީ ދައުލަތަށް ލިބެންޖެހޭ އާމްދަނީއަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެކެވެ.

މިސްކިތް އެޅުމަށް ހިލޭ ބިން ދިނުމަކީ އާދައިގެ ކަމެއް ނަމަވެސް، މިހާ ބޮޑު ވިޔަފާރި މަޝްރޫއެއް ހިންގުމަށް ބިން ދޫކުރުމުގައި މިފަދަ ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެކެވެ. ގިނަ ވިޔަފާރިވެރިން މިފަދަ މަޝްރޫއުތައް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރާއިރު، ވަކި ފަރާތަކަށް މިފަދަ ޚާއްސަ އިމްތިޔާޒުތަކެއް ދިނުމަކީ ހަމަހަމަކަމުގެ އުސޫލާ ޚިލާފު ކަމެކެވެ.

ސުވާލަކީ ދިވެހި ދައުލަތުން ޝަހީމްގެ އާއިލާއަށް މިފަދަ ޚާއްސަ އިނާޔަތްތަކެއް ދޭންޖެހޭ ސަބަބަކީ ކޮބައިތޯއެވެ؟ އެހެން ފަރާތްތަކަށް ނުލިބޭ މިފަދަ ޚާއްސަ އިމްތިޔާޒުތަކެއް ޝަހީމްގެ އާއިލާއަށް ލިބެންޖެހެނީ ކީއްވެތޯއެވެ؟ މިފަދަ ބޮޑު މަޝްރޫޢުއެއް ޢާންމުކޮށް އިޢުލާނު ނުކޮށް، ބީލަމަކަށް ނުގޮސް ސީދާ އެއްފަރާތަކަށް ދިނުމަކީ ސާފު ކޮރަޕްޝަނެއް ނޫންތޯއެވެ؟

މިއީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަގުތުން ތަޙްޤީޤުކުރަންޖެހޭ މައްސަލައެކެވެ. ޚާއްސަކޮށް މި މަޝްރޫޢުގެ ސަބަބުން ދައުލަތަށް ގެއްލެމުންދާ އާމްދަނީގެ މިންވަރު ބަލައި، މިކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހެއެވެ.