ޚަބަރު

ފަޒުލްގެ ގެއިން 1.69 މިލިއަން ރުފިޔާ ފުލުހުން ހޯދިކަން ސޯޝަލް މީޑިޔާގައި ފަޅާ އެރުމުން ފުލުހުން އެކަން ކަށަވަރު ކޮށްފި، ނަމަވެސް ފަޒުލްގެ އެއްވެސް މައްސަލައެއް ނުބަލާ

ދިޔަވަރު
ފަޒުލްގެ ގެއިން 1.69 މިލިއަން ރުފިޔާ ފުލުހުން ހޯދިކަން ސޯޝަލް މީޑިޔާގައި ފަޅާ އެރުމުން ފުލުހުން އެކަން ކަށަވަރު ކޮށްފި، ނަމަވެސް ފަޒުލްގެ އެއްވެސް މައްސަލައެއް ނުބަލާ

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ގެ "މ. ޒޭވަރު" އިން ކޯޓު އަމުރެއްގެ ދަށުން 1.69 މިލިއަން ރުފިޔާ ފުލުހުން ހޯދައިފިއެވެ. މި ފައިސާ ހޯދީ ގެ ބަލައި ފާސްކުރުމަށްފަހުއެވެ.

މިކަން ފުލުހުން ހާމަ ކޮށްފައިވަނީ ފަޒުލްގެ ގެއިން 1.69 މިލިއަން ރުފިޔާ ފުލުހުން ހޯދިކަން ސޯޝަލް މީޑިޔާގައި ފަޅާ އެރުމުންނެވެ.

މި ގެ ބަލައިފާސްކޮށްފައިވަނީ 2024 ޑިސެމްބަރު 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި އޮޕަރޭޝަން ހިންގީ ފަޒުލްގެ ބޭބެ މުހައްމަދު ފަޒުލް ރަޝީދަށް ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިނުވަނީސް، ވަގު ލިޔުމެއް ތައްޔާރުކޮށް ގޯތި ދީފައިވާ މައްސަލައިގެ ތަހުގީގުގެ ދަށުންނެވެ.

މި މައްސަލަ ފާޅުވެގެން ދިޔައީ މުހައްމަދު ފަޒުލް ރަޝީދަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިނުވަނީސް، ގޯތި ލިބުނު ކަމަށް ދައްކައި ވަށާފާރު ރޭނުމާ ގުޅިގެންނެވެ. މިހާރު ފުލުހުން ތަހުގީގުކުރަމުންދަނީ މިކަމާ ގުޅުންހުރި ފޯޖަރީގެ މައްސަލައެވެ.

އެޗްޑީސީގެ ކުރީގެ އިސްވެރިންނާ ގުޅުންހުރި އެތައް ކޮރަޕްޝަންގެ މައްސަލަތަކެއް ހާމަވެފައިވީނަމަވެސް، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ނުގެންދެއެވެ. މިހާތަނަށް ތަހުގީގުކުރެވެމުންދަނީ ހަމައެކަނި ވަގު ގޯތީގެ މައްސަލައެވެ. މި މައްސަލައިގެ ތަހުގީގު ފެށުނީ، ސަރުކާރަށް ދިފާއުނުކުރެވޭ ފަދަ ހެކިތަކާއެކު މައްސަލަ ހާމަވުމުންނެވެ.

ފަޒުލްގެ އެއްވެސް މައްސަލަ އެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ނުބަލަނީ މުއިއްޒު އެޗްޑީސީގެ ކޮރަޕްޝަންގައި ގަދަޔަށް ބައިވެރިވެފައި ވާތީއެވެ.

އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އަދި އެއްވެސް އަމުރެއް ނުކުރައްވައެވެ. އޭނާ ފުލުހުންނާއި އޭސީސީއަށް އަމުރުކުރައްވާފައިވަނީ ހަމައެކަނި ކުރީގެ ސަރުކާރުގެ މައްސަލަތައް ތަހުގީގުކުރުމަށެވެ.