މިއަހަރު ފެށުމާއެކު, މުއިއްޒު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތައް މިއަދު ފައްޓަވައިފިއެވެ. އެގޮތުން މުއިއްޒުވަނީ މިއަދު މާލެ ކައިރީގައި އޮތް ގުޅިއަށް ވަޑައިގެން އެރަށުގެ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި މުއިއްޒު ވަނީ އެރަށުގެ ތަރައްގީއަށް ރައްޔިތުން އެދުނު ހުރިހާ ކަމެއްވެސް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އޭގެ ތެރޭގައި އެރަށުގެ ބިމުގެ ދަތިކަން ހައްލުކޮށްދީ, ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ, ރަށުގެ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ދަތިކަން ހައްލުކޮށްދީ, ލެބޯޓަރީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވައުދުވެވަޑައިގަތެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިމާރާތުގެ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ހައްލުކުރުމަށްވެސް ވައުދުވެވަޑައިގެންފައެވެ.
މިއަދު ގުޅިއަށް ވަޑައިގެން މުއިއްޒު އެރަށުގެ ކައުންސިލުންނާއި (އ.ތ.މ.) ކޮމިޓީއިން އެދުނުހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއިރު, ފާއިތުވި އަހަރުވެސް މުއިއްޒުވަނީ އެތަކެއް ރަށަކަށް ދަތުރުކޮށް, އެރަށްރަށުގެ ކައުންސިލްތަކުންނާއި (އ.ތ.މ.) ކޮމިޓީތަކުން އެދުނުހާކަމެއް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
އެހެންނަަމަވެސް މިދަތުރުފުޅުތަކުގައި މުއިއްޒު ރަށްރަށަށް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވި އެއްވެސް ވައުދެއް މިއަދާއިހަމައަށް ފުއްދަވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑި ރައްޔިތުންނަށް ދައްކަވައިގެން, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ވެވަޑައިގެން ގިނަ ވައުދުތަކެއް ފުއްދަވާފައި ނުވާއިރު, މުއިއްޒުގެ ސަރުކާރު ފާހަގަ ވެގެން ގޮސްފައިވަނީ ވެރިކަމުގެ ފުރަތަމަ އަހަރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގިފައިނުވާ ހަމައެކަނި ސަރުކާރު ކަމުގައެވެ.