މި ސަރުކާރުގައި ޑިމޮކްރެޓްސްގެ 30 އަށް ވުރެ ގިނަ ފަރާތްތަކަށް ވަޒީފާ ދީފައިވާއިރު، އެއަށް އިތުރު ސިޔާސީ މަގާމެއް އިތުރުކޮށް، ރައީސް ނަޝާދަށްޓަކައި މުއިއްޒު ހަމަޖައްސަދިން އެންމެ ބޮޑު އެއް މަގާމަކީ ފުއާދު ތައުފީގަށް ދިން އެމްބަސަޑަރު ކަމުގެ މަގާމް ކަމުގައި ބުނެވިދާނެއެވެ.
ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް އެތައް ވަގު ފޯމުތަކެއް ލާފައިވާކަން ޚުދު ފުއާދު ތައުފީގަށްވެސް އެނގެނެއެވެ. އެކަން އިލެކްޝަން ކޮމިޝަންގައި ބާކީ ތިބި ހުރިހާ މެމްބަރުން ފާހަގަ ކުރިއެވެ. އަދި ފޯމުތައް ރަނގަޅަށް ދިރާސާ ކުރުމަށް ނިންމިއެވެ. ނަމަވެސް މަގާމުގެ ނާޖާއިޒް ބާރުގެ ބޭނުންކޮށް، އިލެކްޝަން ކޮމިޝަނުގެ އެހެން މެމްބަރުންގެ އިއްޒަތާއި އަބުރު ކަތިލައި، ދޮގު ވާހަކަ މީޑިޔާއަށް ދީ، އޭގެ މައްޗަށް އުފެއްދި ސިޔާސީ ފިތުނައިގެ ތެރޭގައި، އެ ވަގު ފޯމުތައް އިތުރަށް ބެލުމަށް ފުރުޞަތު ނުދީ ފުއާދު ތައުފީގު ވަނީ އަވަސް އަރުވާލައިގެން ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށްދީފައެވެ.
ވަގު ފޯމުތަކާއި އެކު ޑިމޮކްރެޓްސްގައި މިވަގުތު ތިބީ 4000 މީހުންނެވެ. ނަމަވެސް، ޕާޓީއެއް ހަދައި، އެމްޑީޕީއާއި ދެކޮޅަށް ތެދުކޮށް، އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ފުއާދު ކުޅުނު ދައުރަށްޓަކައި، އޭނާއަށް ދޭ ހަދިޔާއެއްގެ ގޮތުގައި ރައީސް ނަޝީދުގެ ފަރާތުން ލިބިވަޑައި ގަތީ، ތައިލަންޑުގެ އެމްބަސަޑަރު ކަމުގެ މަގާމެވެ.
ފުއާދު ތައުފީގު އަޑީގައި ހުރެ، ޕީއެންސީ އަށްވެސް ވަގު ފޯމުތައް ވެއްދި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މާ ފަސްބައި ސާފު މީހަކަށް ހެދިގެން ހުންނެވިއެއް ކަމަކު، ފުއާދު ތައުފީގަކީ އުފެދެން ނެތް ޑިމޮކްރެޓްސް އުސޫލުތަކާއި ހަމަތަކުގެ ބޭރުން އުފެއްދި ފަރާތެވެ. ވަގު ފޯމުތަކަކުން އެމްޑީޕީ ޑިވައިޑް ކޮށް ޑިމޮކްރެޓްސް އުފެއްދި ކުށްވެރިއެކެވެ. ބޮޑު މުޖުރިމެކެވެ. ވަގު ފޯމު ތަކުގައި ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލާގައި ރަނގަޅު ތަޙްގީގެއް ހިނގާ ދުވަހަކީ މި ކަންކަމުގެ ޙަގީގަތް އިތުރަށް ސާފުވެގެންދާނެ ދުވަހެވެ.