ޚަބަރު

ކަސްޓަމުގެ 400 މިލިއަން ރުފިޔާގެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް، އެކަމުގެ މުގުލުގައި ހުރި ފަރާތެއް، މުއިއްޒުގެ ސަރުކާރުން ރިޓަޔަރ ކޮށްދީފި

ދިޔަވަރު
ކަސްޓަމުގެ 400 މިލިއަން ރުފިޔާގެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް، އެކަމުގެ މުގުލުގައި ހުރި ފަރާތެއް، މުއިއްޒުގެ ސަރުކާރުން ރިޓަޔަރ ކޮށްދީފި

ކަސްޓަމުގެ 400 މިލިއަން ރުފިޔާގެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް، އެކަމުގެ މުގުލުގައި ހުރި ފަރާތެއް، ސަރުކާރުން ރިޓަޔަރ ކޮށްދީފިއެވެ.

ތަހުގީގު ކުރަމުން ދަނީ ނާޖާއިޒު ގޮތުގައި ފައިސާ ހޯދައި، 400 މިލިއަނެއްހައި ރުފިޔާ އެކައުންޓުތަކުގައި ދައުރުކުރި ކަސްޓަމްސްގެ 20 އޮފިސަރެއްގެ މައްސަލަ ކަމަށް ވެއެވެ.

މި ފައިސާ ހޯދާދީފައި ވަނީ، ކަސްޓަމް ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސްއިން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިންނެވެ. އެ މައްސަލަ ފުލުހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ.

ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޓަޔަރ ކޮށްދީފައިވަނީ، މާލޭ ސީޕޯޓް ސެކްޝަން ހެޑް، އަހްމަދު ފަހީމް ކިޔާ ފަރާތެކެވެ. އޭނާގެ މައްސަލަތަކެއް މީގެ ކުރިން ހަސަން ކުރުސީގެ އެކައުންޓުން ވެސް ވަނީ އާންމުންނާއި ހަމައަށް ގެނެސްދީފައެވެ. އެގޮތުން ކުރުސީ ވަނީ އޭނާ، ކަސްޓަމްގެ އިސް މަގާމެއްގައި ހުއްޓާ، މިސަރުކާރުން އޭނާ އެމްޕީއެމް ބޯޑަށް އައްޔަން ކޮށް ހިންގަމުންދާ ޖަރީމާތަކުގެ ވާހަކަ ގެނެސްފައެވެ. ފަހީމް އަކީ މި ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރ (ރައީސް މުއިއްޒުގެ އެންމެ އަރިސް މިނިސްޓަރ)ގެ ގާތް ފަރާތެކެވެ. ނަމަވެސް އޭނާވެސް ބައިވެރިވާ ގޮތަށް ހިންގާފައިވާ 400 މިލިއަން ރުފިޔާގެ ހިޔާނާތުން މި ސަރުކާރުގެ އެއްވެސް ފަރާތަކަށް އެއްވެސް މިންވަރެއްގެ ފައިސާއެއް ލިބިފައިވާކަން ދިޔަވަރު ނޫހުން ބެލި ބެލުމުން ސާފުވެފައި ނުވެއެވެ.

އޭނާގެ މައްސަލަ ފުލުހުންނާއި، މަޖިލީހުން ބަލަމުން ދަނިކޮށް، 16 ޑިސެމްބަރ 2024 އެފަދަ މައްސަލަ އެއް ބަލާކަން ކަސްޓަމަށް އެނގިފައި ނުވާކަމަށް ބުނެ، ކަސްޓަމްސްގެ އެޗްއާރު ބޯޑުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، އޭނާ ރިޓަޔަރ ވުމުގެ ފުރުޞަތު މި ސަރުކާރުން ދީފައެވެ. ކަސްޓަމްސްގެ މިހާރު ސީޖީ އަކީ ރައީސް މުއިއްޒު އާއި އަރިސް ފަރާތެއް ކަމަށް އެކަމަނާ ހާމަ ކުރައްވައެވެ.

ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި، މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އޭނާގެ އެކައުންޓްތައް ކޯޓު އަމުރެއްގެ ދަށުން ބަލާފައެވެ.