ޚަބަރު

‏ރާޖޫއާއި، ރައީސް މުއިއްޒުގެ ކޮރަޕްޝަން: ފުށިދިއްގަރުފަޅު ގެ މައްސަލާގައި ދައުލަތުން 4 ބިލިއަން ޑޮލަރު ހޯދަން ސިންގަޕޫރު ކޯޓަށް

ދިޔަވަރު
‏ރާޖޫއާއި، ރައީސް މުއިއްޒުގެ ކޮރަޕްޝަން: ފުށިދިއްގަރުފަޅު ގެ މައްސަލާގައި ދައުލަތުން 4 ބިލިއަން ޑޮލަރު ހޯދަން ސިންގަޕޫރު ކޯޓަށް

‏ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް ކޮމްޕެނީ (ސީއެމްސީ) އަށް ވުރެން ބޮޑަށް ރާއްޖޭގައި މަޝްހޫރު ނަމަކީ، ރާޖޫ އެވެ. ސީއެމްސީއަކީ ރާޖޫގެ ކުންފުންޏެވެ. ރާޖޫ މަޝްހޫރުވީ، ފުށިދިއްގަރު ފަޅު ހިއްކަން 2023ގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު މުއިއްޒު ރާއްޖޫއާ ހަވާލު ކުރުމުންނެވެ.

‏ރާޖޫއަށް މުއިއްޒު ވަނީ 70 ހެކްޓަރުގެ ބިން، ހުޅުމާލެއިންނާއި ފުށިދިއްގަރު ފަޅުން ދޭން ނިންމާފައެވެ. މަސައްކަތް ފެށީ އެތަން ވިއްކައިގެން ލިބޭ ލާރިން ފުށި ދިއްގަރުފަޅު ހިއްކުމަށެވެ.

‏ސީއެމްސީ އަކީ ލަންކާ ނަސްލުގެ އިނގިރޭސި ރައްޔިތެއް ކަމަށްވާ ސިވާރާޖާ މަނިވަންނާން (އާންމު ނަމުން ރާޖޫ) ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މިކުންފުނީގެ މައި ކުންފުނި އެއީ، 6 ޖުލައި 2001 ގައި އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ކެޕިޓަލް އިންވެސްޓްމަންޓް ފައިނޭންސް ލިމިޓެޑް (ސީއައިއެފް) އެވެ.

‏ރާއްޖޭގެ ބިން ހިއްކަން ރާޖޫއަށް ލިބުނު ގޮތް އެނގިގެން ދަނީ، އިނގިރޭސިވިލާތުގެ ކުންފުނިތަކުގެ ޑިޕާޓްމަންޓުން ޝާއިއުކުރާ ކުންފުނީގެ މާލީ ހިސާބުތައް ބެލުމުންނެވެ. މި މާލީ ހިސާބުތަކަށް ބަލާއިރު، ފުރަތަމަ ތިން އަހަރު ރާޖޫގެ މައި ކުންފުނި ސީއައިއެފް އަށް އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެ އެވެ. ތިން އަހަރު ދުވަހު ކުންފުނި އޮތީ ޕޭޕާ ކުންފުންޏެއް ގޮތުގައެވެ.

‏މިދިޔަ ފާއިތުވި އަހަރުތަކުގައި އެ ކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީއަކީ އެންމެ 1.2 މިލިއަން ޕައުންޑް (ގާތްގަނޑަކަށް 24 މިލިއަން ދިވެހި ރުފިޔާ) އެވެ. އެހެންވީއިރު ގާތްގަނޑަކަށް އެވްރެޖްކޮށް ލިބިފައި ވަނީ އަހަރަކު މިލިއަނެއްހާ ރުފިޔާއެވެ.

‏ރާޖޫއަށް ރާއްރޭގެ ގިނަ މަޝްރޫއުތައް ދީފައި ވަނީ، އަބްދުﷲ ޔާމީންގެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގަ އެވެ.

‏ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ދެ ސަރުކާރުގައި ވެސް ޖުމްލަ 8 މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވެ އެވެ.

‏ޔާމީނު ސަރުކާރުން ރާޖޫއާ ޕްރޮޖެކްޓްތައް ޙަވާލު ކުރީ މުއިއްޒެވެ. ރާޖޫއަކީ މުއިއްޒުގެ ތައާރަފް ކުރުމެކެވެ. އެއިރު މުއިއްޒަކީ، ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރެވެ. ގިނަ ޕްރޮޖެކްޓްތައް ދިނީ އޭރެވެ. އެހެންކަމުން، ރާޖޫ އަކީ މުއިއްޒުގެ މީހެކެވެ.

‏މުއިއްޒު ރައީސަކަށް ވެގެން ރަސްމާލެ ހިއްކުމަށް 500-700 މިލިއަން ޑޮލަރު (10 ބިލިއަން ދިވެހި ރުފިޔާގެ) ޕްރޮޖެކްޓެއް ރާޖޫއާ ހަވާލު ކުރިއެވެ.

‏ސުވާލަކީ، އެންމެ 2 މިލިއަން ރުފިޔާގެ ކުންފުންޏަކަށް 10 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގޭނީ ކިހިނެއް ހެއްޔެވެ؟ މުއިއްޒު ގާތުން އަހާށެވެ. އޭރުވެސް މި ސުވާލުތައް އުފެދި ނޫސްވެރިންނާއި، އެތައް ބަޔަކު އެކަމާއި ސަރުކާރާއި ދިޔައީ ސުވާލު ކުރަމުންނެވެ. ނަމަވެސް މުއިއްޒު ނިންމީ ނާގާބިލު ކަމަށް އެކަށީގެން ނުވާ ކުންފުންޏަކަށް އެކުންފުންޏަށް ނުކުރެވޭ ވަރުގެ ބޮޑު ޕްރޮޖެކްޓެއް ހަވާލު ކުރުމަށެވެ. އެކަން އެގޮތަށް ކުރީ، ރާޖޫގެ ކުންފުންޏަކީ ކިހާވަރެއްގެ ކުންފުންޏެއްކަން މުއިއްޒަށް ރަނގަޅަށް އެނގިހުރެއެވެ.

‏ރާޖޫގެ މަސައްކަތަށް އިދިކޮޅުން ފާޑު ކިޔައި މުއިއްޒު ބޮލާފޮށާއެޅި ކޮރަޕްޝަން ބޭޒާރު ވުމުން މުއިއްޒު ވަނީ ރާޖޫ އެކަހެރިކޮށްލާފައެވެ. އެޗްޑީސީއިން ފަޒުލް ބޭރުކޮށްލަން މަޖުބޫރުވި ގޮތަށެވެ.

‏އެއްވެސް ކަހަލަ ބެލުމެއް ނެތި، ސަރުކާރާއެކު ހެދި އެއްބަސްވުމުން އެންމެ ފަހުން އުވާލުމުން، ސިންގަޕޫރުގެ އާބިޓްރޭޝަނަށް ރާޖޫ މައްސަލަ ވެއްދީއެވެ. ރަސްމާލެ (ފުށި ދިއްގަރު ފަޅު) ހިއްކުން އޭނާގެ އަތުން ނެގުމުން އޭގެ ބަދަލު ހޯދުމަށެވެ.

‏ރާޖޫ ދައުވާ ކުރީ އެމެރިކާ ޑޮލަރުގެ 4 ބިލިއަން ޑޮލަރު ހޯދާށެވެ. ސަރުކާރުން މިހާރު ދަނީ ކޯޓުން ބޭރުން މައްސަލަ ނިންމުމަށް ރާޖޫއާ ނެގޯޝިއޭޓު ކުރަމުންނެވެ.

‏ބަދަލުގައި ގުޅީފަޅުގެ ބިންތައް ދީ، ހުޅުމާލެ ބިންތައް ދީ، ދައުލަތުން ބަދަލުގެ ގޮތުގައި އެތައް ބިލިއަނެއް ދީ، އަދި ރާޖޫއަށް އިތުރު ޕްރޮޖެކްޓްތައް ދޭ ގޮތަށް ކޮރަޕްޝަން ހިންގަން އިންތިހާ އަށް ބޮޑު ހާލަތެއް ރާޖޫއާއި، ރައީސް މުއިއްޒު މިވަނީ އުފައްދާފައެވެ. ދިވެހި ރާއްޖެ ރާޖޫ ކިބައިން ސަލާމަތެއް ނުވިއެވެ. ރައީސް މުއިއްޒު އާއި ރާޖޫއަށް ދިވެހި ރާއްޖެއިން މުއްސަނދިކަން އުމުރަށް ލިބި ލިބި އޮންނަ ފަދަ ބަދަލަކުން 4 ބިލިއަން ޑޮލަރު ދޭން މި އޮތީ ޖެހިފައެވެ. ހުރިހާ މޮޅެއް ރާޖޫއަށާއި، މުއިއްޒަށެވެ. ދިވެހި ރައްޔިތުންނަށް ފަގީރު ކަމާއި އިންތިހާއަށް ނިކަމެތިކަމެވެ.