މޯލްޑިވިއަންއަށް އެއާބަސް 330 ގެ މަތިންދާ ބޯޓު ގެނައުމުގެ ރަސްމިއްޔާތު އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ހަފުލާގައި މަޖިލީސް ރައީސްގެ އަނބިކަބަލުން ދިޔާނާ ހުސެއިން، މަޖިލީސް ރައީސް ގެ އަރިހުގައި ބައިވެރިވެ ވަޑައިގަތެވެ. މިއީ މަޖިލީސް ރައީސް، އަބްދުއްރަހީމްގެ އަނބި ކަނބަލުން މިފަދަ ހަފްލާއަކުން ފެނުނު ފުރަތަމަ ފަހަރެވެ. މި ފުރަތަމަ ފެނިލުމުން ފާހަގަވެގެން ދިޔައީ އެކަމަނާގެ މަޑުމައިތިރިކަމާއި، ރީތި އުޅުމާއި، މާތް އަޚްލާގެވެ. ހުޝޫޢަތް ތެރިކަމާއި މަޑުމައިތިރި ކަމެވެ.
ހިންގަވާފައި ވަޑައިގަންނަވާއިރު މުޅިތާ އަތް ހާކައި، ދަބަސް ހޫރަމަކުން ވަޑައި ނުގަންނަވައެވެ. ހުންނެވީ ފިރިމީހާގެ އަރިހުގައެވެ. ފެނުނީ ކިޔަމަތްތެރި ކަމެވެ. ފިރިމީހާއަށް ވުރެ، ބާރަށް ހިނގައި ކުރިއަށް އަރައި، އިޚްތިރާމް ގެއްލުވާލައި އުޅޭ މަންޒަރެއް ނުފެނެއެވެ.
ސަލާން ކުރަންވީތޯ، ނޫންތޯ ނޭނގި ނޫޅުއްވައެވެ. ހުންނެވީ އެ ހުންނެވި ސާދާ ކަންމަތީގައެވެ.
ތުރުކުރުވައިގެން ހުންނެވީ ފިރިމީހާ އަށް ވުރެ ބޮޑަށް މަންޒަރުން ފެންނަ ފަދަ ކުލަގަދަ ހެދުމެއްވެސް ނޫނެވެ. ދިވެހިންގެ ކަނޑު ނޫ ކުލައިގެ ބުރުގާއާއި އެކު ތުރުކުރެއްވީ އިސްލާމީ ހެދުމެކެވެ. ހެދުމުންވެސް ފެނިގެން ދިޔައީ ރީތި ޚުލްގެވެ. ހުންނެވީ ގަޔަށް ބާރުވެ، މުނާސަބުކަން ގެއްލޭފަދަ ހެދުމެއްގައެއް ނޫނެވެ.
ފިރިކަލުންނާއި ބައްދަލުކޮށް މީހުން ސަލާން ކޮށް އިޚްތިރާމް އަދާ ކުރާ ކޮންމެ ފަހަރަކު މޫނުމަތިން އެކި ކުލަވަރެއްގެ ތުއި ކުއްސުރި އަސަރެއް ނުދައްކައެވެ. ހުންނެވީ އިޚްތިރާމުގެ ރީތި ސާދާ މިޒާޖުގައެވެ.
ފެޝަނާއިވެސް ދުރެއް ނޫނެވެ. އޮއްސޭ އިރުގެ އަވި ދޯދި ތަކުން ސަލާމަތް ވުމަށް ތުރުކުރުއްވައިގެން ހުންނެވީ ހަފްލާއަށް އެހާމެ މުނާސަބު އަވި އައިނެކެވެ.
ދިޔާނާއަކީ ހަފްލާތަކަށް މުނާސަބު ކަނބަލެކެވެ. ދިވެހިންގެ ވައްޓަފާޅި ހުރި ކަނބަލެކެވެ. އެހެންކަމުން މަޖިލީސް ރައީސްގެ އަރިހުގައި ގިނަ ހަފްލާތަކުން އަނބިކަނބަލުން ފެންނާނެ ކަމަށް ދިވެހިން އުންމީދު ކުރެއެވެ.