އައިޖީއެމްއެޗް އާއި އެތަނުގެ ދަށުން ހިންގާ ހުޅުމާލެ ހޮސްޕިޓަލާއި އަދި ވިލިމާލެ ހޮސްޕިޓަލުގެ ފޮޅާ ސާފުކުރުމުގެ އިންތިހާއަށް ބޮޑު ކޮރަޕްޝަނެއް މިވަނީ ފެންމަތިވެފައެވެ. މިއީ އައިޖީއެމްއެޗް ގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާޤު ހަލީމް އާއި ގުޅިގެން ރައީސް މުއިއްޒުގެ ކެމްޕޭނަށް ޚަރަދުކުރި ފަރާތަކަށް ދީފައިވާ ބިޔަ ބޮޑު ޕްރޮޖެކްޓެކެވެ. މިއީ 2023 ޑިސެމްބަރ މަހުގެ ތެރޭގައި (ރައީސް މުއިއްޒު ވެރިކަމާ ޙަވާލުވިތާ މަހެއްހާ ދުވަހުގެ ތެރޭގައި) ހިންގާފައިވާ އަދި މިހާރުވެސް ފުޅާވެ ބޮޑުކުރަމުން އަންނަ ޖަރީމާއެކެވެ. މިކަން ހިނގަމުން ދަނީ ރައީސް މުއިއްޒަށްވެސް އެނގިގެންނެވެ.
މި ޕްރޮޖެކްޓް ދީފައިވާ މޯލްޑިވްސް އެމްޕްލޯއިމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އަކީ މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުރެ، އޭނާ ކުރިއެރުވި ކުންފުންޏެކެވެ. އެއީ ސިނަމާލެ ބްރިޖް ޕްރޮޖެކްޓާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ޕްރޮޖެކްޓް އަދި އެއަރޕޯޓް ޕްރޮޖެކްޓަށް ގެނައި ހުރިހާ ބިދޭސީން ގެނައުމަށް ކޯޓާ ވިއްކި ކުންފުންޏެވެ. މިއީ އޭރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުން ގެންދިޔަ 'ވަގަށް ބަންގާޅީން އެތެރެކުރުމުގެ' އިންސާނީ ވަގުފާރީގައި އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރު އާއި މިހާރުގެ ކޮންޓްރޯލަރު ޝައްމާނުގެ ވަރަށް އަރިސް ކުންފުންޏެކެވެ. މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝިމްހާދު އަކީ 2023 އަހަރުގެ ރިޔާސީ އިންތިޚާބާއި އަދި 2024 ވަނަ އަހަރުގެ މަޖްލިސް އިންތިޚާބުގެ ކެމްޕޭނުގައި މާލެ ސަރަހައްދުގައި ޕީއެންސީއަށް ކޭޓަރިން ހަމަޖައްސައިދިން ފަރާތެވެ. ހެންވޭރުގައި ހުންނަ، އޭނާގެ ރެސްޓޯރެންޓެއް ވަނީ މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ބޭނުން ގޮތަކަށް ބޭނުން ކުރުމަށް 2023 ގައި ދީފައެވެ. އޭގެ އިތުރުން އެއީ ޕާޓީއަށް ބޮޑު އަދަދަކުން ޚަރަދުކުރި ފަރާތެކެވެ. މިކަމުގެ ބަދަލެއްގެ ގޮތުގައި ރައީސް މުއިއްޒު ވަނީ މޯލްޑިވްސް އެމްޕްލޯއިމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުގެ ޕްރޮޖެކްޓްތަކެއް ދީފައެވެ.
ރައީސް ޔާމީނު އަދި ރައީސް ސޯލިހުގެ ސަރުކާރުގައި އައިޖީއެމްއެޗް ފޮޅާ ސާފުކުރުމުގެ ޚިދުމަތް ފޯރުކޮށްދީފައިވަނީ މަހަކު 80000 ރުފިޔާއަށެވެ. އެކަމަކު ރައީސް މުއިއްޒުގެ ކެމްޕޭނަށް ޚަރަދުކުރި މޯލްޑިވްސް އެމްޕްލޯއިމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އައިޖީއެމްއެޗް ފޮޅާ ސާފުކުރުން ދީފައިވަނީ 412000 (ހަތަރުލައްކަ ބާރަހާސް) ރުފިޔާއަށެވެ. މިއީ ކުރީގެ އަގަށްވުރެ 5 ގުނަ ބޮޑު އަދަދެކެވެ. މޯލްޑިވްސް އެމްޕްލޯއިމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ހުޅުމާލެ ހޮސްޕިޓަލް ފޮޅާ ސާފުކުރުން ޙަވާލުކޮށްފައިވަނީ 2 ލައްކަ ރުފިޔާއަށްވުރެ ބޮޑު އަގެއްގައެވެ.
މީގެ އިތުރުން މިދެންނެވި 2 ތަނުގެ މަސައްކަތު އެގްރިމެންޓް ޤާއިމްކުރިއިރު، ޓެންޑަރ މައުލޫމާތުގައި ހިމެނި ކިތަންމެ ކަންތައްތަކެއް މިވަނީ އުނިކޮށް، އަދި އޭގައި ނެތް ގިނަ ފަސޭހަތަކެއް ވަނީ މޯލްޑިވްސް އެމްޕްލޯއިމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދީފައެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗް އިމާރާތުން 4 ތަނެއް ވަނީ އެއްވެސް ކުއްޔެއް ނެތި، މޯލްޑިވްސް އެމްޕްލޯއިމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ އިދާރީ މަސައްކަތްކުރަން ދީފައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ ހުސް ބިމުގައި މޯލްޑިވްސް އެމްޕްލޯއިމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އަންނަނީ 2 ބުރީގެ އިމާރާތެއްވެސް ޤާއިމްކުރަމުންނެވެ. މިއީ އެއްވެސް ހާލަތެއްގައި ޓެންޓަރ މައުލޫމާތުގައި އޮތް ކަންތައްތަކެއް ނޫނެވެ.
އިމިގްރޭޝަނުން މިހާރުވެސް ބަންގްލަދޭޝް ކޯޓާ 'ވިއްކަމުން' ގެންދަނީ މޯލްޑިވްސް އެމްޕްލޯއިމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށެވެ. މިހާތަނަށް ރައީސް މުއިއްޒުގެ ވެރިކަމުގައި އެމީހުން މެދުވެރިވެގެން ބަންގްލަދޭޝް 2000 ކޯޓާ އެކި ފަރާތްތަކަށް ދޫކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމެއްގައި އިމިގްރޭޝަނުން ބަންގްލަދޭޝް ކޯޓާ ދިނުން ހުއްޓާލާފައި އޮތަސް، މޯލްޑިވްސް އެމްޕްލޯއިމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ކިތަންމެ ގިނަ ކޯޓާއެއް މިހާރުވެސް ލިބޭކަމަށް ވަރަށް މުއުތަބަރުކޮށް ޚަބަރު ލިބިފައިވެއެވެ.