07 ޖުލައި 2024 ގައި ރައީސް މުއިއްޒު އިއުލާނު ކުރީ ކައުންސިލްތައް މަދު ކުރާނެ ކަމަށެވެ. ޕީއެންސީގެ މީޑިޔާތަކާއި ބޮޓުންތައް އެކަމަށް ވަގުތުން ތާޢީދު ކުރިއެވެ. އޭގެ ފަހުން އެންމެ 6 މަސް ދުވަހެވެ. ކައުންސިލްތައް މަދު ކުރަން ބުނި ރައީސް ރަށްރަށަށް އަރައި މިވިދާޅުވަނީ؛ ތިމަންނާ ގެ ޚިޔާލެ އެބަ އޮތް ކަމަށެވެ. ވިދާޅުވެ ދެއްވާ ޚިޔާލަކީ 6 މަސް ކުރިން ހަސަން ކުރުސީ އޭނާގެ ޓްވީޓަރ އެކައުންޓުގައި ލިޔެފައިވާ ޚިޔާލެކެވެ.
ހަސަން ކުރުސީ އޭރު ޓުވިޓަރގައި ބުނެފައިވަނީ މިހެންނެވެ.
ކައުންސިލްތަކަށް ބޮޑު ބަޖެޓެއް ދީފަ އޮންނައިރު، ކުރީގައި ބޮޑު ކަތީބާއި ކުޑަ ކަތީބާއި ދެމީހުން އެޓޯލް މިނިސްޓްރީއަށް ގުޅާފަ ކަންކަމަށް އޯކޭ ހޯދާފަ ރަށްރަށުގައި ކަންކަން ކުރިގޮތަށް މިހާރަކު ނުކުރެވޭނެ. ދެ މީހުން އެކަނި ތިބެގެން ކައުންސިލް ބަޖެޓެއް ފާހެއް ނުކުރެވޭނެ. ގިނަ މީހުންގެ ވިސްނުމާއި ފިކުރު ބޭނުންވާނެ. ރައީސުލްޖުމްހޫރިއްޔާއަކާއި ކައުންސިލަރުންނަކާވެސް އަޅައެއް ނުކިޔޭނެ. ރާއްޖޭގެ ބަޖެޓު ފާސްކުރަނީ ރައީސެއް ނޫން. މަޖިލީހުން. ރައީސުލްޖުމްހޫރިއްޔާގެ ބޮޑު ކެބިނެޓެއް އޮވޭ. ވަޒީރުން ތިބޭ. ބަންޑާރަ ނައިބެއް ހުރޭ. އެޑްވައިޒަރުން ތިބޭ. ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުން މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ. ކައުންސިލަރަކު ހޮވުމާއި ރައީސަކު ހޮވުމާއި އެއްފަދަކުރުމުން ދޭހަވަނީ މުއިއްޒުގެ ހޭލުންތެރިކަން ކުޑަވަރު.
ރާއްޖޭގައި ހުރިހާ ކައުންސިލަރުންނަށް ފުލްޓައިމް މުސާރަ ދޭތީ މައްސަލައަކީ. ހައްލަކީ އެ މަގާމުތައް އުވާލުމެއް ނޫން. ގެނެވިދާނެ އެއް ހައްލަކީ ޕާޓް ޓައިމް ކައުންސިލަރުން ހޮވުން، އަދި ފުލްޓައިމް ކައުންސިލަރުންގެ ގޮތުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރުން. ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. އެމީހުންގެ މުސާރައިގެ އޮނިގަޑު ޖެހޭނީ ބަދަލުކުރަން.
ރައީސް މުއިއްޒު ހަސަން ކުރުސީގެ ޚިޔާލުން ވައްކަން ކޮށް، އެއީ ތިމަންނާގެ ޚިޔާލެއް ކަމަށް ބުނެ ދޮގު ހަދައި "އާ ޚިޔާލު" ހުށައަޅަމުން ގދ. ފިޔޯރީގައި ބޭއްވި ޖަލްސާގައި ވިދާޅުވީ
މި ހުރިހާ ކަމަކަށް އަލިއަޅުވާލާފައި ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަ ގޮތަކީ ކައުންސިލަރުންގެ އަދަދު މަދުނުކޮށް ފުލްޓައިމްކޮށް ތިބޭނީ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ގޮތުގައި ކަނޑައަޅައި، އިންތިހާބުގައި ފުލްޓައިމް މަގާމަކަށް އިންތިހާބު ކުރާނީ ކައުންސިލްގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ނަގާ ދެ މީހުންނަށް ކަމަށް ކަނޑައަޅައި، މިހާރު ވެސް ތިބޭ އަދަދަށް ކައުންސިލަރުން އިންތިހާބު ކުރުން
ނަމަވެސް މި ގޮތާއި ދިވެހި ރައްޔިތުން ދެކޮޅެވެ. ކައުންސިލްތަކަށް މީހާރު ތިބޭ ވަރަށް މީހުން އައްޔަން ކުރިއަސް އެފަރާތްތަކަކަށް ޤާނޫނުން ލިބޭ ބާރު މުއިއްޒު ފޭރި ގަންނާނެއެވެ. ޚަރަދު ކުޑަ ކުރުމަކީ އަޅުވާ ދަޅައެކެވެ. ކުރަން އުޅޭ ކަމަކީ ރައްޔިތުންގެ ބާރު އެއްގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް ފޭރި ގަތުމެވެ.
ޚަރަދު ކުޑަ ކުރާނަމަ، ފަށަންވީ ރައްޔިތުން އިންތިހާބު ކުރި މަގާމު ތަކުން މީހުން ވަކި ކުރުމަކުން ނޫނެވެ. އެކަން ފަށަންވީ ރައީސް މުއިއްޒު އައްޔަން ކޮށްފައިވާ 7000 އަށް ވުރެ ގިނަ ސިޔާސީ މަގާމުތަކުން މީހުން މަދު ކޮށްގެންނެވެ. އެއަށް ފަހު، އެޑްމިނިސްޓްރޭޓިވް ޚަރަދު ގޮތުގައި ޖައްސަވައިގެން ރައީސް މުއިއްޒުގެ ސަރުކާރުން ހިންގަމުންދާ ބޮޑެތި ކޮރަޕްޝަންތައް ހުއްޓާލަން ޖެހެއެވެ. އަދި ސީދާ ރައީސް މުއިއްޒު އަންގައިގެން އެސްއޯއީތަކުން ކުރަމުންދާ ވައްކަން ވެސް ނިމުމަކަށް އަންނަން ޖެހެއެވެ. ޤައުމު ދަރައި ވިކެމުންދަނީ ރައީސް މުއިއްޒުގެ ނާގާބިލު ކަމާއި ހުރެއެވެ.
އެތައް ސަތޭކަ ކައުންސިލަރުން ވަކި ކުރުމަށް ވުރެ، ނުވަތަ އެމީހުންގެ މުސާރަ ކުޑަ ކުރުމަށްވުރެ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވައި، ޤައުމު ހިންގޭނެ ވަރުގެ ބަޔަކާއި ހަވާލު ކުރަން ރައްޔިތުންނަށް ފުރުޞަތު ދެއްވާށެވެ. މުއިއްޒަށް ފުރުޞަތު ދެވިއްޖެއެވެ. ވައްކަން ކޮށްފައި ދޮގު ހެއްދެވުން ފިޔަވައި ކޮށްދެވި އެއްކަމެއްވެސް ނެތެވެ.