ކުރިޔަށް އޮތް 2026 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބަށް އަހަރެއްހާ ދުވަހަށް ވުމާއެކު, ރައްޔިތުން ގުނބޯ ހެއްދުމަށްފަހު އަނެއްކާވެސް އިންތިޚާބެއް ކާމިޔާބު ކުރުމަށް މުއިއްޒު ރަށްރަށަށް ދަތުރު ކުރައްވަން ފައްޓަވާފައިވާއިރު, ވެރިކަމަށް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް, ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކަ އެއްވެސް ރަށަކަށް ވަޑައިގެން މުއިއްޒުއަށް ވިދާޅުވެވިފައެއް ނުވެއެވެ. ކޮންމެ ރަށަކަށް ވަޑައިގަތުމަށްފަހުވެސް ވިދާޅުވަމުން ގެންދަވަނީ, އެވެނި މަޝްރޫއެއް ފަށާނެކަމާއި މިވެނިކަމެއް ކޮށްދޭނެކަމުގެ ވާހަކައެވެ.
އެގޮތުން މުއިއްޒު މިހާރު ގެންދަވަނީ ހުވަދު އަތޮޅުގެ 4 ރަށަކަށް ދަތުރު ކުރައްވަމުންނެވެ. އަދި މިއަހަރު ފެށުމާއެކު, މުއިއްޒު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތައް ފައްޓަވާފައިވަނީ ފާއިތުވި ހަފްތާގައެވެ.
މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިވެސް, ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި އަދި ކައުންސިލްތަކާވެސް ބައްދަލުކުރައްވާ މުއިއްޒު ވަނީ އެރަށްރަށުގެ ތަރައްގީއަށް ރައްޔިތުން އެދުނު ހުރިހާ ކަމެއްވެސް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ރަށްރަށުގެ ބިމުގެ ދަތިކަން ހައްލުކޮށްދީ, ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ, ރަށްރަށުގެ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ދަތިކަން ހައްލުކޮށްދީ, ލެބޯޓަރީގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށްދިނުމާއި ބަނދަރު ހަދާދިނުމާއި, އަދި އެނޫނަސް ރައްޔިތުން އެދުނުހާ ކަމެއް ކޮށްދެއްވާނެކަށް މުއިއްޒު ގެންދަވަނީ ވައުދުވެވަޑައިގަންނަވަމުންނެވެ.
މުއިއްޒު އާ އަހަރު ފެށުމާއެކު ރަށްތަކަށް ދަތުރުތައް ކުރައްވާން ފެއްޓެވީ އަންނަ އަހަރު އޮންނަ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް, މިއަދު ރައްޔިތުންނަށް ވީހާ ގިނަ ދޮގު ވައުދުތައް ވެވަޑައިގެންނެވުމަށްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއްވެ.
ހަމަ އެބީދައިން މުއިއްޒުވަނީ ފާއިތުވީ މަޖިލިސް އިންތިޚާބުގެ ކުރިންވެސް ރަށްރަށަށް ވަޑައިގެން މިއުސޫލުން ވައުދުތައް ވެވަޑައިގެންފައެވެ. އެހެންނަަމަވެސް އެދަތުރުފުޅުތަކުގައިވެސް މުއިއްޒު ރަށްރަށަށް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވި އެއްވެސް ވައުދެއް މިއަދާއިހަމައަށް މުއިއްޒު ފުއްދަވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
ގަބޫލުކުރެވޭ ގޮތުގައި މުއިއްޒުއަށް ގަބޫލު ކުރެއްވެނީ, ދޮގު ވައުދުވެ, ރައްޔިތުން ގުނބޯ ހެއްދުމަށްފަހު މަޖިލިސް އިންތިޚާބު ކާމިޔާބު ކުރިގޮތަށް, ރައްޔިތުންނަށް ނަނާ ހުވަފެން ދައްކައިގެން ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުވެސް ކާމިޔާބު ކުރެއްވިދާނެކަމަށެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑި ރައްޔިތުންނަށް ދައްކަވައިގެން, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ވެވަޑައިގެން ގިނަ ވައުދުތަކެއް ފުއްދަވާފައި ނުވާއިރު, މުއިއްޒުގެ ސަރުކާރު ފާހަގަ ވެގެން ގޮސްފައިވަނީ ވެރިކަމުގެ ފުރަތަމަ އަހަރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގިފައިނުވާ ހަމައެކަނި ސަރުކާރު ކަމުގައެވެ.