އެމްޑީޕީއިން މުޒާހަރާ ކުރަން އިއުލާން ކުރުމާއި ގުޅިގެން، މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ފްލެޓު ލިބުނު މީހުންގެ ލިސްޓު ރޯދަ މަސް ފެށުމުގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މީޑިއާއަށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ 4000 ފްލެޓުގެ ލިސްޓު ރޯދައިގެ ކުރިން އިއުލާން ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިއީ މިހާތަނަށް މި ސަރުކާރުން ފްލެޓު ލިސްޓާ ގުޅިގެން ދެއްވާފައިވާ އެތައް ވައުދެއްގެ ތެރެއިން އެންމެ ފަހުގެ ވައުދެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި ވެސް ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ލިސްޓު އިއުލާނު ކުރާނެ ކަމަށް ބުނެފައެވެ. އަދި އޭގެ ފަހުން ނޮވެމްބަރު މަހަށް ލިސްޓު ފަސްކުރުމަށްފަހު، އޭރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރޭ ދުވަހުގެ ކުރިން ލިސްޓު އިއުލާނު ކުރާނެ ކަމަށެވެ.
ނަމަވެސް މި ހުރިހާ ވައުދެއް ފުރިހަމަ ނުވެ، ނޮވެމްބަރު 16 ގައި ހައުސިން މިނިސްޓްރީން ވަނީ މުއްދަތެއް ނެތް ގޮތަށް ފްލެޓު ލިސްޓު ފަސްކޮށްފައެވެ. މިނިސްޓްރީން ބުނެފައިވަނީ 20،697 އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި، އޭސީސީން ފެބްރުއަރީ 5 ގައި ހާމަކުރި ގޮތުގައި މިދިޔަ ސަރުކާރުން އިއުލާނުކުރި ލިސްޓުގެ ބޮޑު ޕަސެންޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ފާހަގަކުރެވިފައިވެއެވެ. އޭސީސީގެ ތަހުގީގުން ދައްކާ ގޮތުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ އެންމެ 20.7 ޕަސެންޓެވެ.
މިހާރު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ފްލެޓާއި ގޯތި ލިބުނު މީހުންނަށް އެ ލިބުނު ތަންތަނުން ގޯއްޗާއި ފްލެޓު ދެއްވާނެ ކަމަށެވެ.
މި ހުރިހާ ކަމެއް ވެސް ހިނގަމުންދަނީ އެމްޑީޕީން މުޒާހަރާއަށް ގޮވާލުމާ ދިމާކޮށް، ރައްޔިތުންނަށް އައު އުއްމީދުތަކެއް ދެއްކުމުގެ ގޮތުން ކަމަށް ފާހަގަކުރެވެއެވެ.