ކުރީގެ އެމްޑީޕީ ސަރުކާރުން ޤައުމުގެ އިންޓަރނެޓް އަގު ހެޔޮކުރުމަށް ފަށާފައިވާ އައިއޭއެކްސް ސަބްމެރިން ކޭބަލް މަޝްރޫއު ގެއްލިގެން ހިނގައިދާނެކަމުގެ ނުރައްކާ ވަނީ ކުރިމަތިވެފައެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށް ނުދައްކާހުރި ފައިސާއާއި ޖޫރިމަނާ ދެއްކުމަށް އިންޑިއާއިން ވަނީ 30 ދުވަހުގެ މުހުލަތެއް ދީފައެވެ. އަދި މުހުލަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، 60 ދުވަހުގެ ތެރޭގައި އެއްބަސްވުން ބާތިލުކޮށް ރާއްޖެއަށް ކަނޑައެޅިފައިވާ ކޭބަލްގެ ބައި ވިއްކާލެވޭނެ ކަމަށް ވަނީ އަންގާފައެވެ.
މި ސަބްމެރިން ކޭބަލް މަޝްރޫއުގައި މިހާތަނަށް 12 މިލިއަން ޑޮލަރު ވަނީ ހޭދަކުރެވިފައެވެ. އަދި މަޝްރޫއު ފުރިހަމަކުރުމަށް އިތުރު 15 މިލިއަން ޑޮލަރު ބޭނުންވާކަމަށް ވެއެވެ. ނަމަވެސް ސަރުކާރުން ވަނީ މި ފައިސާ ދެއްކުން ގަސްދުގައި ލަސްކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު ވަނީ އޯޝަން ކޮނެކްޓް މޯލްޑިވްސް (އޯސީއެމް) ރިލަޔަންސް ޖިއޯއަށް ވިއްކާލުމަށް މަޝްވަރާކުރެވިފައެވެ. މިކަމުގެ ސަބަބުން، ރާއްޖެއަށް އަގު ހެޔޮކޮށް އިންޓަރނެޓް ހޯދުމަށް ކުރި މަސައްކަތް ނިމުމަކަށް އައިސް، ސަރުކާރުގެ ބާރު މި ކޭބަލްގައި ގެއްލި، އަގު ބޮޑުކޮށް ނޫން ގޮތަކަށް ނެޓް ލިބުމުގެ ފުރުޞަތު ގެއްލިގެން ދާނެއެވެ.
މީގެ އިތުރުން، ފާއިތުވި އޯގަސްޓް މަހު އޯސީއެމް ވިއްކާލުމާ ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުގައި ކުރެވުނު މަޝްވަރާތަކުގައި، ކުންފުނި ރިލަޔަންސް ޖިއޯއަށް ވިއްކާލުމަކީ ދިވެހިރާއްޖޭގެ މައުލޫމާތު ބޭރު ޤައުމެއްގެ ކުންފުންޏަކަށް ހާމަވެގެން ހިނގައިދާނެކަމެއްކަމަށް ކަންބޮޑުވުން ފާޅުކުރެވުނެވެ.
އޮންލައިން މިނިވަން ވިޔަފާރީގައި ފާސްޓް އިންޓަރނެޓް ޚިދުމަތް އަގުހެޔޮ ކޮށް ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް މިއީ އެމްޑީޕީގެ ޕްރޮޖެކްޓަކަށް ވުމުން، ޒުވާނުންނާއި، ދިވެހި ރައްޔިތުންނަށް މި ފުރުޞަތު ދިނުމަށް މުއިއްޒު ބޭނުމެއް ނުވެއެވެ.
ސޯޝަލް މީޑިޔާގައި ފާޑުކީ ފަރާތަކުން ފާހަގަކުރި ގޮތުގައި ސަރުކާރުން ޑްރޯން ގަތުމަށް 37 މިލިއަން ޑޮލަރު ޚަރަދުކުރަން ނިންމާފައިވާއިރު، ސަބްމެރިން ކޭބަލް މަޝްރޫއު ނިންމުމަށް ބޭނުންވާ އިތުރު 15 މިލިއަން ޑޮލަރު ހޭދަކުރުމަށް ޝައުޤުވެރިކަމެއް ނުދައްކައެވެ.
ޒުވާނުންނަށް އިންޓަރނެޓުގެ އަގު ކުޑަކޮށްދިނުމަށް މުހިންމު މި މަޝްރޫއަށް ބޭނުންވާ ކޭބަލް އަޅައި، ހުރިހާ ކަމެއް ނިމިފައިވާ ބާކީ ހުރި 15 މިލިއަން ޑޮލަރު ދެއްކުން ފިޔަވާ މުއިއްޒު ކުރަން ޖެހޭ އިތުރު ކަމެއް ނެތް އިރު، 55 ބިލިއަން ރުފިޔާގެ ބަޖެޓެއް މުއިއްޒު ހުސްކޮށްލީ މިވަރު ކަމެއްވެސް ރައްޔިތުންނަށް ނުކޮށްދީއެވެ. 55 ބިލިއަން ރުފިޔާ ވަނީ ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ހުސްކޮށްލާފައެވެ.