ފްލެޓް މަޝްރޫޢަށް އިތުރަށް ބޭނުންވާ ފައިސާއެއް ބަޖެޓް ކޮށްފައެއް ނެތެވެ. އަދި އެމްޑީޕީއިން ފެށި، 4000 ފްލެޓް މުއިއްޒުގެ ސަރުކާރަށް ނިންމޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ސަރުކާރަށް ނެތްކަން ހާމަ ވެއްޖެއެވެ.
އެމްޑީޕީގެ ސަރުކާރުން ވަނީ، 4000 ފްލެޓް އެޅުމަށް ޕްރޮޖެކްޓްގެ އަގުގެ %85 ފައިސާ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނުގެ ގޮތުގައި ހޯދާފައެވެ. ބާކީވާ %15 އަކީ ފްލެޓްތައް ނިންމުމަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭ ފައިސާއެވެ. ނަމަވެސް މިފައިސާއެއް މި ޕްރޮޖެކްޓަށް ސަރުކާރުން ބަޖެޓް ކޮށްފައި ނެތެވެ. އެއީ 34 މިލިއަން ޑޮލަރެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، މި ފައިސާ ހޯދުމަށް ބޭރުގެ އޭޖެންސީއަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި ފައިސާ ހަމަޖެހޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ލިބޭނެ ކަމުގެ ޔަގީން ކަމެއް ސަރުކާރަކަށް ލިބިފައި ނެތެވެ. އެހެންކަމުން، 4000 ފްލެޓްުގެ މަސައްކަތް ނުނިމި ހުއްޓުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެންކަމުން، ފްލެޓްތައް ނުނިންމާ ހަވާލު ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރ ކަމުގައި ހުރެގެން ހެދި ހިޔާ ފްލެޓްތަކަށް ބިޑް ކުރި 5 ފަރާތުގެ ތެރެއިން އެންމެ އަގު ބޮޑުކޮށް، ބިޑް ކުރި ފަރާތަކަށް ޕްރޮޖެކްޓް ދިނުމަށްފަހު، ރައްޔިތުންނަށް ފްލެޓް ހަވާލު ކުރީ އެޕަރޓްމެންޓް ތަކުގެ ފިނިޝިންގ ނުނިންމައެވެ. އެންމެ ބޮޑޫ އަގު ހުށައެޅި ފަރާތަށް އެ ޕްރޮޖެކްޓް ހަވާލު ކުރި މައްސަލަ ކުރިއަށް ނުގޮސް މިހާރުވެސް ވަނީ އޭސީސީގައެވެ.
އެމްޑީޕީ ސަރުކާރުން ފެށި 4000 ފްލެޓުގެ މަޝްރޫޢު އަކީ، ހިޔާ ފްލެޓް މަޝްރޫއަށް ވުރެ ހަރަދު ކުޑަ މަޝްރޫއެކެވެ. އަދި ޖާގައިގެ ތަނަވަސްކަން ދެގުނަ ބޮޑު އެޕާޓްމެންޓް ތަކެކެވެ.