ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި އެ ޕާޓީގެ ކައުންސިލް މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.
މިކަން ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް ހުންނެވި، ހުސައިން އަމްރު ވެސް ވަނީ އެމްޑީޕީ އަށް ސޮއިކޮށްފަ އެވެ.
އެމްޑީޕީގެ އެތެރެ ރޫޅިގެން ދިޔައީ ރިޔާސީ ކެންޑިޑޭޓުގެ ވާދަވެރިކަމުގަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ކުރިމަތިވި ނާކާމިޔާބީ ގަބޫލު ނުކުރައްވައި، އެ މަނިކުފާނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ނުކުތީ، އެމްޑީޕީގެ ކެންޑިޑޭޓު ‘އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް’ ހޯދުމަށެވެ. މިއަދު އެކަމުގެ ހިތި ނަތީޖާ މުޅި ޤައުމަށް ވަނީ ކުރިމަތި ވެފައވެެ.
ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލިގެން ދިޔަ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އަމްރު އެނބުރި އެމްޑީޕީ އަށް އައުމާއެކު އެކަމަށް މަރުހަބާ ކިޔައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ބުނީ ސިޔާސީ އިސްލާހީ މަސައްކަތުގައި އަބަދުވެސް އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނެ ޖާގަ އޮންނާނީ އެމްޑީޕީގައި ކަމަށާއި، ސިޔާސީ ކުރިމަގު ހޯދަން އެދޭ ކޮންމެ މީހަކަށް އެމްޑީޕީ އޮތީ ތަންމިނަށް ހުޅުވިފައި ކަމަށެވެ.
އެމްޑީޕީއަށް އިތުރުވާ ކޮންމެ މީހަކީ ޕާޓީއަށް އޮތް މޮޅެ ކަމަށް ބަލައި، އެމްޑީޕީ ދިރުވަން ޕާޓީއާއި ގުޅިވަޑައިގެން ފަރާތްތަކަށް ދިޔަވަރު ނޫހުން މަރުޙަބާ ކިޔަމެވެ.